ރާއްޖޭގައި އެންމެ ވިދުންގަދަ އެއް އަންހެން އެތުލީޓް ފަސޫހާ އަހުމަދު، 18 އަހަރުވީ 800 މީޓަރު ދުވުމުގެ އިންޑޯ ގައުމީ ރެކޯޑު މުގުރާލައިފިއެވެ.
އިރާނުގެ ތެހެރާނުގައި ކުރިއަށްދިޔަ އޭޝިއާގެ އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ފަސޫހާ ރެކޯޑު މުގުރާލީ، ދެ މިނެޓް، 22.30 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މީގެ ކުރިން، ރެކޯޑް އޮތީ، 2006 ވަނަ އަހަރުގެ އޭޝިއާގެ އިންޑޯ މުބާރާތުގައި ދުވި، ރާއްޖޭގެ ފާތިމަތު ހަޝްމާ އަތުގައެވެ. އޭނާ ރެކޯޑް ހެދީ، ދެ މިނެޓް، 37.21 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
ފަސޫހާ، 800 މީޓަރުގެ ދުވުމުގެ ފައިނަލްގައި ދުވެ، ހަވަނަ އަށް ދިޔައިރު، އޭނާ ވާދަކުރި ރޭހުގެ އެއް ވަނަ ހޯދީ، އީރާނުގެ ތޮކްތަމް ދަސްތަރުބަންދަންއެވެ. އޭނާގެ ޓައިމިން އަކީ، ދެ މިނެޓް، 09.17 އެވެ.
މިދިޔަ، ޑިސެމްބަރު މަހު ބޭއްވި ނެޝަނަލް ގްރޯން ޕްރީގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ފަސޫހާއެވެ. އޭނާ އަތުގައި މިހާރު އަންހެނުންގެ 1500 މީޓަރު ދުވުމުގެ ރެކޯޑާއި އަންހެނުންގެ 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑްވެސް އެބައޮތެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް