އަންނަ ރޯދަމަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމާފައިވާތީ، އެކަން ބަދަލުކޮށް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފައި ނުވަތީ، އެ ބިލް އަވަހަށް ތަސްދީގު ކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ކުއްލި މައްސަލަ ހުށަހެޅުއްވީ، އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވަހީދު ވިދާޅުވީ، ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް މިމަހު 11 ގައި ފާސްކޮށްފައިވާ ކަމަށާއި އެ ބިލު ތަސްދީގު ކުރުމަށް 12 ވަނަ ދުވަހު ރައީސަށް ފޮނުވާފައިވާ ކަމަށެވެ. އެ ބިލް ފޮނުވިތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެފައިވީ އިރުވެސް މި ބިލް ތަސްދީގުކުރައްވާނެ ކަމުގެ އިޝާރާތެއް ރައްޔިތުންނަށް ލިބިފައި ނުވާ ކަމަށް ވަހީދު ވިދާޅުވިއެވެ.
"19 ފެބްރުއަރީގައި އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި މަޖިލިސް އިންތިހާބު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައި. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވާ އިރު، ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ނ) ގެ ދަށުން ބިލް ތަސްދީގު ނުކޮށް ބިލް އަނބުރާ ފޮނުވައި ނުލައްވައި، ވަގުތު ބޭކާރުކޮށް ބިލް ހިފަހައްޓަވައިގެން ހުންނަވަނީ ސަރުކާރުން ބޭނުންވާ ގޮތަށް މާޗް މަހުގެ 17 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ކަމަށް ބެލެވޭ،" ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ އަންނަ ރޯދަމަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމާފައިވާތީ، ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ ރޯދަ މަހު އިންތިހާބު ބޭއްވުމުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. އަދި މި ބަދަލު ގެނެސްފައި ވަނީ ސަރުކާރު ކޯލިޝަން، ޕީޕީއެމް/ޕީއެންސީގެ މެންބަރުންވެސް ހިމެނިގެން ކަމަށް ވަހީދު ވިދާޅުވިއެވެ.
"އެހެން ނަމަވެސް މި ބިލް ހިފަހައްޓަވައިގެން ހުންނެވުމުންނާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮންނާނެ ރަސްމީ ތާރީހަކާ މެދު އޮޅުން ބޮޅުން އަރާފަދަ ހާލަތެއްގައި ރައްޔިތުން ތިބޭން ޖެހުމަކީ ނުހަނު ކަންބޮޑުވާ ކަމެއް. ވީމާ މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް އަމަލު ކުރުމަށް ފުރުސަތު ދިނުމަށް ވީ އެންމެ އަވަހަކަށް މި ބިލް ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލަން،" ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވަހީދު ވިދާޅުވިއެވެ.
އެ ކުއްލި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި ޖަލްސާގައި ތިއްބެވި 25 މެންބަރުންގެ ތެރެއިން 23 ވޯޓު ދެއްވައިގެން އެ މައްސަލައަށް މަޖިލީހުގައި ބަހުސްކުރަން ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު