ރައްޔިތުންގެ މަޖިލިސް އިންތިހާބު ރޯދަމަހުގެ ފަހަށް ފަސްކުރެވެން އޮތް ނަމަ، އެގޮތަށް ކުރިއަށްދިއުން މާ ރަނގަވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންނަ މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބާއްވާގޮތަށް ކަނޑައެޅި ނަމަވެސް، ރައްޔިތުންގެ މަޖިލީހުން ވަނީ ރޯދައިގެ ފަހުން އިންތިހާބު ބާއްވާގޮތަށް ބިލެއް ފާސްކޮށްފައެވެ. ދަރުބާރުގޭގައި މިއަދު ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގައި އެކަމާ ދެކޮޅަށް އީސީން ވަނީ ވާހަކަދައްކަވައިފައެވެ. ނަމަވެސް ކޮމިޓީގައި އެހެން ގިނަ މެންބަރުން ވާހަކަދެއްކީ ރޯދައިގެ ފަހަށް އިންތިހާބު ފަސްކުރުމަށް ތާއީދުކޮށްފައެވެ.
އެގޮތުން ސީއެސްސީގެ މެންބަރު މުހައްމަދު ފަރުޝަތު ވިދާޅުވީ އެހެން ތަރަހައަކުން، އެހެން ދިމާއަކުން ބަލައިލަން ޖެހޭ ކަމަށާއި ސަގާފަތާއި އުޅޭ ގޮތާއި އާންމު އުސޫލަކުން ކަންކަން ހިނގާ ގޮތް ވެސް އޮންނަ ކަމަށެވެ. އަދި ރަމަޟާން މަހު ވެސް ބައެއް އޮފީސްތަކުގެ މަސައްކަތްތައް ނިމޭނީ 5:00ގެ ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ އުމުރުން ހަނދާންވާ ކަމަށްވަންޏާ، ބާޒާރުމަތީގައި ރުޅި އަންނަ މީހުން ވަރަށް ގިނަވޭ އެއް ޒަމާނެއްގައި ބަނޑުހައި ވެފައި ހުންނާތީ. އޭގެ މާނައަކީ ވޯޓުލާ ގަޑި ފަހެއް ޖަހާ އިރު، ނުނިމޭ ހާލަތެއްގައި ވެއްޖެއްޔާ ވަރަށް ގިނަ މީހުން ރުޅި އައިސް، ބޮޑު މައްސަލަތަކެއް ކްރިއޭޓްވުމުގެ ޗާންސަސް ވަރަށް ހައި. ސްޓެޓިސްޓިކަލީ ސްޕީކިން، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ބަނޑުހައިވެފައި ހުންނަ އިރުގައި އަޅުގަނޑުމެންގެ ސްޓާފުންނަށް ޕްރޮވައިޑް ކޮށްދެވިދާނެއޭ ކެއުމާއި ރޯދަވީއްލުމާ އެއްޗެހި. އެކަމަކު ދެން ތިބި މީހުންނަށް ކިހިނެއްތޯ ހަދާނީ،" އޭނާ ވިދާޅުވިއެވެ.
ފަރުޝަތު ވިދާޅުވީ މީގެ ކުރިން ވެސް ބޭއްވި އިންތިހާބުތަކުގައި މީހުން ލަހުން އަންނާތީ ގިނަ ވޯޓުފޮށިތައް ބަންދުނުކުރެވި ހުންނަ ކަމަށާއި އަދި ރޯދަމަހުގެ ތެރޭގައި ގިނަ މީހުން ވޯޓުލާން ދާނީ ކުރަން ހުރި ހުރިހާ ކަމެއް ނިންމާފައި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ގިނަ މީހުން ރޯދަމަހު ވޯޓުލާން ނުކުތުމުގެ ފުރުސަތު ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.
"ފާހަގަކުރެވޭ ގޮތުން ވެއްޖެއްޔާ މީގެ ކުރިން ވެސް މަގުމައްޗަށް ބަލައިލާ އިރު، ފަހެއް ޖަހާއިރު ސައިކަލު ދުއްވަން ވެސް އަންހެން ބޭފުޅުން ނުކުންނަ ތަނެއް ނުފެންނާނެ. އޭގެ މާނައަކީ އަންހެން ބޭފުޅުން އުޅުއްވާނީ އެ ބޭފުޅުން ކުރާ ހިތްވާ ކަމެއް ކުރާށޭ، އެއީ ބަދިގޭގައި ގިނަ ފަހަރު. އޭގެ މާނައަކީ ވޯޓުލާން ނުކުތުމުގެ ޗާންސަސް ވަރަށް ލޯއޭ. އެހެންވީމާ އޭގެ މާނައަކީ ދެން ކިހިނެއްހޭ ހަދާނީ. ހަމަ މަދުވުމުގެ ޗާންސް އޮތީ. އެހެންވީމާ ދެން ކީއްވެގެންބާއޭ ރޯދަމަހުގައި ބާއްވަންވީކީ. އެހެން ފުރުސަތެއް އޮތިއްޔާ، އަޅުގަނޑު ގަބޫލުކުރާގޮތުގައި ފަސްކުރުމުގެ ޗާންސް އިޒް ބެޓާއޭ،" އޭނާ ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރޯދައިގެ ކުރިން އިންތިހާބު ބޭއްވުމަށް އީސީން މަސައްކަތްކުރި ނަމަވެސް، އޭރު ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި ޕާޓީތަކަށް ވެސް ރޯދައިގެ ތެރޭގައި އިންތިހާބު ބާއްވަން މައްސަލައެއް ނެތްކަން ފާހަގަކުރަމުންދިޔަ ކަމަށާއި މިހާރު އެބޭފުޅުން ރޯދައިގެ ތެރޭގައި އިންތިހާބު ބާއްވަން ބޭނުންނުވާ ކަމަށެވެ. އަދި އިންތިހާބުތަކަށް ކަނޑައަޅާފައިވާ ތާރީހުތައް ބަދަލުކުރަން ބޭނުންވީމާ، އިންތިހާބު ފަސްކުރުމަކީ ޑިމޮކްރަސީ ނޫން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު