(16 ފެބުރުއަރީގެ އަދަދާ ގުޅޭ)
އިންސާނީ ކަރާމާތާއި ޢިއްޒަތާއި އަބުރު ރައްކާތެރިކުރެއްވުމަށްޓަކައި ބާވައިލެއްވި މި ޤާނޫނުގެ ދަށުން ވަނީ އެބަޔެއްގެ އީމާންތެރިކަމާމެދު ކުޑަވެސް ޝައްކެއް ނުއުފެދޭ ތިންފަރާތަކާމެދުވެސް ފިޔަވަޅު އެޅިފައެވެ. مسطح بـــن أثــاثــــة އާއި، حسّـان بـــن ثـــابت (رضــــــى اللّـــه عـنــهــما) އާއި حمـنــــة بـنـت جـحــش رضـــــى اللّــــه عــنـــهـــا ގެ ގައިކޮޅުގައިވަނީ ޙައްދުޖެހިފައެވެ. މި ފިތުނަވެރި ވާހަކަ އުފައްދައި، ފެތުރި عـبــد اللّـــه بـــن أبــّــي بـــن ســلـــول ގެ ގައިގައި ޙައްދު ޖެހެވުނުކަމާމެދު މުއައްރިޚުންގެ މެދުގައި ވަނީ ޚިލާފު އުފެދިފައެވެ. ބަޔެއް ބޭކަލުން ވިދާޅުވާގޮތުގައި، އޭނާގެ މައްޗަށްހުރި އުޚުރަވީ ޢަޛާބު އިތުރުކުރެއްވުމަށްޓަކައި އޭނާގެ ގަޔަކު ޙައްދެއް ނުޖެހެވެއެވެ. ނަމަވެސް حـافـظ إبــــن حجــــر، الإمـــام حــاكـــــم ގެ އަރިހުން ރިވާކުރެއްވި ރިވާޔަތެއްގައިވާ ގޮތުން، އޭނާގެ ގައިގައިވެސް ޙައްދު ޖެހެވުނެވެ. ކޮންމެއަކަސް މި ޙާދިޘާއަށްފަހު އޭނާ މިފަދަ ވާހަކައެއް ފަތުރައި، ފިތުނައެއް އުފައްދަން އުޅެފިނަމަ، ޚުދު އޭނާގެ ޤަބީލާއިން އެކަމަކާމެދު ފިޔަވަޅު އަޅައެވެ. އޭނާ ހުއްޓުވައެވެ. އޭނާ ހުންނަނީ ވަރަށްބޮޑަށް "ހިމަކޮށް" ބާކީ ކޮށްފައެވެ.
ޔަހޫދީންނާއި މުނާފިޤުންގެ ސިއްރު ތުންގުޅައިލުންތަކުގެ ތެރެއިން ކުރިމަތިވެގެން އަންނަ އެންމެބޮޑު އެއްނުބަޔަކީ ރަސޫލާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އުރެދުމެވެ. ނުކިޔަމަންތެރިވުމެވެ. ޙަޤީޤަތުގައި އެއުރެންގެ ސިއްރު ތުންގުޅައިލުންތަކުގެ މަރުކަޒީ މައުޟޫޢަކީވެސް އެއީއެވެ. އެކަމަކީ އިސްލާމީ ދާއިރާގެ ތެރޭގައި އެއްވެސްވަރަކަށް އަދި އެއްވެސް ސިފައެއްގައި ބަލައިގަނެވިގެންވާނެ ކަމެއްނޫނެވެ. ޙަޤީޤަތުގައި އިސްލާމްދީނަކީ އަރަހުށި މާތް اللّــــه ގެ ހިދާޔަތާއެކު ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޤާއިމުކުރައްވާ ނަޒަރިއްޔާތަކާއި އެމާތް ސާހިބާ ކަނޑައަޅުއްވާ ލަނޑުދަނޑިތަކެވެ. އެކަންކަމަށް އުރެދުމަކީ اللّــــه سبحـــانــــه وتــعــــالــــى އަށް ނުކިޔަމަންތެރިވުމެވެ. އެކަލާނގެ ފޮތަށް ބަޣާވަތްކުރުމެވެ. ޔަހޫދީންގެ މަގުދެއްކުމާއެކު މުނާފިޤުން ޙަރަކާތްތެރިވާ އެންމެފުޅާ މައިދާނަކަށް ހަދައިފައިވަނީ އެދާއިރާއެވެ. އިސްލާމީ ތަޙްރީކުގެ ޤިޔާދަތާ ޚިލާފުވެގަތުމެވެ. އެ ތަޙްރީކުގެ ދިދަ އުފުއްލަވާ ބޭކަލުންގެ ގައިކޮޅަށް ކިލާ އުކުމެވެ. އެބޭކަލުންނާ ދެކޮޅަށްލާވާ (އަލިފާން ފަރުބަދައިން ބޭރުވާ ދިޔާ އަލިފާން) ބޭރުކުރުމެވެ.
މިގޮތުން ޔަހޫދީންނާއި މުނާފިޤުން ބޭރުކުރި ބައެއް ލާވާތަކުގެ ވާހަކަ މިހައިތަނަށްވަނީ ބަޔާންކޮށްފައެވެ. ޔަހޫދީންނާއި މުނާފިޤުންގެ ފިތުނައިގެ ތީރު އުކުމަކީ ނިމުމެއް އޮންނަކަމެއްވެސް ނޫނެވެ. އެވާހަކަ ދައްކައި ކޮޅުންލާން އޮތްކަމެއްވެސް ނޫނެވެ. WHISPERING CAMPAIGN ގެ "ފިނިހަނގުރާމަ" މެދުކެނޑުމެއްނެތި ދިޔައީ ހިންގަމުންނެވެ.
މިފަދަ އެތައް ކަންތައްތަކެއްގެ ތެރެއިން ހިމެނޭ އެއްކަމަކީ އިސްލާމީ މާލީ ނިޒާމު ފުރިހަމަވަމުންއައި އައުމުގައި ޒަކާތް ނެގުމާއި ބެހެނިވެރީން އެކަށައެޅުމާ ބެހޭގޮތުން ދެއްކި "ފުޅަވާހަކަ" ތަކެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޒާތުފުޅުގައި އެޅުވި ދޮގުއިލްޒާމެވެ. ޔަހޫދީންނާއި މުނާފިޤުން ވާހަކަ ދައްކަމުން ގެންދިޔައީ އިސްލާމީ ދައުލަތަށް ވަންނަ ޒަކާތާއި ޞަދަޤާތުގެ އާމްދަނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ހިތްޕުޅަށް އެރިގޮތަކަށް ތަޅުއްވައި ބުރުއްސައިލައްވާ ކަމުގައެވެ. ޔަހޫދީންނާއި މުނާފިޤުންގެ ފިތުނަވެރި ވާހަކަތަކަށް ކީރިތި ޤުރްއާނުގައި ވަނީ އަލިއަޅުއްވައިފައެވެ. ވަޙީކުރައްވައިފައިވެއެވެ.
"ޞަދަޤާތް ބެއްސެވުމާމެދު ކަލޭގެފާނަށް ކުޑައިމީސްބަސް ބުނާ މީހުން އެއުރެންގެ ތެރެއިންވެއެވެ. ފަހެ، އެއިން، އެއުރެންނަށް ދެއްވައިފިނަމަ، އެއުރެން ރުހެއެވެ. އެއިން އެއުރެންނަށް ނުދެއްވައިފިނަމަ، އެހާރުން އެއުރެން ރުޅިއަރައެވެ." (الــتـّــوبـــة: 58)
ޙަޤީޤީ މައްސަލައަކީ ރަންރިއްސާއި، ވިޔަފާރި މުދަލާއި، ގޮވާމާއި މޭވާއާއި ނަޢަމުސޫފި ފަދަ ތަކެތީގައި ހިމެނޭ މާތް اللّــــه ގެ ޙައްޤު އެކަށައެޅި ގަވާއިދުން އެތަކެތި އެއްކުރެވޭން ފެށުމުން އިސްލާމީ ދައުލަތަށް ވަރަށްބޮޑު އާމްދަނީއެއް ވަންނާން ފެށުމެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަތްޕުޅުމަތީގައި އެތަކެތީގެ ޙައްޤުވެރީންނަށް ރަޙުމަތުގެ ވާރޭވިލާގަނޑެއްގެ ފެނެކޭ އެއްގޮތަށް ބެހެވޭން ފެށުމުން ޔަހޫދީންނާއި މުނާފިޤުންގެ މާލުވެރީންގެ ލަގޮނޑިޔަށް ބާރުކުރުމެވެ. މުދަލަށް އަޅުކަންކުރާ މީހުންނަށް އެކަން ހަޖަމު ނުކުރެވުމެވެ. އެބައިމީހުން ބޭނުންވީ ޖާހިލިއްޔަތުގެ ދައުރެކޭ އެއްގޮތަށް ކުރީއްސުރެ މުދާވެރިވެގެންތިބި މަހުޖަނުންގެ އަތްމައްޗަށް އެތަކެތި ލިބި އެބައިމީހުންގެ އަތްތަކުގައި އެތަކެތީންވެސް އިތުރަށް ކުލަޖެހެމުން ދިޔުމެވެ.
ނަމަވެސް އިސްލާމީ ތަޙްރީކުން ޤާއިމުކުރި މާލީ ނިޒާމުގައި މުދާވެރިކަމުގެ ސައިލު އަނބުރައިލެވުނީ ފަޤީރުންނާއި މިސްކީނުންނާ ދިމާޔަށެވެ. އޭގެކުރީން މުދަލާއި ޖާހަށް ވެރިވެގެންތިބި މީހުން އެކަމާ ހިތްކަރާގޮތްވީއެވެ. އެބައިމީހުންނަކަށް އިސްލާމީ މަޢީޝަތުގެ ނިޒާމާ ސީދާ ކުރިމަތިލައި ކަނޑިޔާކަނޑި އެޅޭކަށެއް ނެތެވެ. ނަތީޖާއެއްގެގޮތުން އެބައިމީހުންގެ ޖީބުތައް ބޮޑުކޮށް ފުއްޕުމުގެ ބަދަލުގައި އިސްލާމީ ޤާނޫނުގެ ބާރުގައި އެބައިމީހުންގެ އަތުން މުދާ އަތުލެވޭން ފެށީއެވެ. އެކަމާހުރެ އެބައިމީހުންގެ ހިތްތަކުގެ ވިހައާވި ބޭރުކުރުމަށްޓަކައި ދުނިއުކާ އަމާޒުފަތްގަނޑަކަށްހެދީ އިންސާނިއްޔަތުގެ މުޙުސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم އެވެ.
ޔަހޫދީ އެޖެންޓުންގެ ބަސްމަގު ހުރިގޮތް ބަލައިލަމާތޯއެވެ. އާދެ އެބައިމީހުން ވާހަކަ ދެއްކިއެވެ. "ދައުލަތަށް ލިބޭ މުދާތައް ބައްސަވަނީ އެކަލޭގެފާނަށް ތާއީދުކުރާ މީހުންނަށެވެ. ޚަރަދުކުރައްވަނީ އެކަލޭގެފާނު ލޯބިފުޅުވާ ބަޔަކަށެވެ. ޚާއްޞަގޮތެއްގައި ދީލަތިވެވަޑައިގަންނަވަނީ މުހާޖިރުންނަށެވެ. އެހެން ޢިބާރަތަކުން ދަންނަވާނަމަ އެމީހުން ބުނަމުން ގެންދިޔައީ މާތް اللّــــه ގެ ޚަޒާނާގެ ބާރުގައި ރަޙްމަތްތެރީންނަށް ދީލަތިފުޅުވެވަޑައިގެން ޢާއިލާ މޮޓަކުރައްވާ ކަމުގައެވެ. ޔަހޫދީން ތައްޔާރުކުރި ފަސްވަނަ ކޮލަމުގެ މީހުންގެ ވާހަކަތަކުގައި އަދިވެސް ގަރަންމަސާލާ އިތުރުކުރިއެވެ. ޢާންމުން ލެޔާއި ދައު އޮހޮރައިގެން އެއްކުރާ އާމްދަނީ މާތް اللّــــه ގެ އިސްމުފުޅުގައި ފެލައިގަންނަވަނީއެވެ. ކުޑަވެސް ފަސްޖެހިވަޑައިގެންނެވުމެއްނެތި އެތަކެތި ބޭނުންކުރައްވަނީ އަމިއްލަފުޅު ދަރަޖަމަތިވެރި ކުރައްވާށެވެ. އަމިއްލަފުޅު ވެރިކަމުގެ ބާރުގަދަ ކުރައްވާށެވެ." (نــعــــوذ بـــاللّــــه)
ޕަބްލިކް ފަންޑަށް ޚިޔާނަތްތެރިވެވަޑައިގެންނެވުމުގެ އިލްޒާމަކީ ޤާއިދެއްގެ އިސްތަށިފުޅުގައި އެޅުވޭނެ އެންމެ ޚުޠޫރަތްތެރި އިލްޒާމެވެ. ޚާއްޞަކޮށް ދައުލަތުގެ މާލިއްޔަތަކީ މާތް اللّــــه ގެ ޚަޒާނާކަމުގައި ކަނޑައަޅައިފައިވާ ދީނީ އަދި އަޚްލާޤީ ނިޒާމެއްގައެވެ. އެފަދަ ނިޒާމެއްގެ ޤާއިދުގެ އިސްތަށިފުޅުގައި މިފަދަ އިލްޒާމެއް އެޅުވުމަކީ ވަކި ވަރުގަދަ ޖަޒުބާތީ ހައިޖާނެއް އުފައްދައިލާނެ ކަމެކެވެ.
ވިސްނައިވަޑައިގަންނަވާށެވެ. ޔަހޫދީ މަހުޖަނުންނާއި ޔަހޫދީން އުފެއްދި ފަސްވަނަ ކޮލަމުގެ މީހުން އެބައިމީހުންގެ ހަޑިހުތުރު ވާހަކަތައް މިފަތުރަނީ ކޮންފަދަ ޝަޚްޞިއްޔަތަކާ މެދުގައިތޯއެވެ؟ އެމާތް ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވަނީ އިސްލާމީ ދައުލަތަށް ލިބޭ ޞަދަޤާތުގެ ރެވިއޮށްޓަރެއްގެ މިންވަރަށްވެސް ބޭނުންނުކުރައްވާންވެގެން އެތަކެތި އެމާތް ސާހިބާއާއި އެމާތް ސާހިބާގެ އަހުލުބައިތުންގެ މައްޗަށް ކަނޑައެޅިގެން ޙަރާމް ކުރައްވައިފައެވެ. ހަމައެކަނި އެ މުޤައްދަސް ޢާއިލާގެ މައްޗަކަށެއް ނޫނެވެ. އެ ޙަރާމްކުރެއްވުމުގެ ދާއިރާ ފުޅާކުރައްވައި ހާޝިމުވަންހައާއި މުއްޠަލިބު ވަންހަވެސް އެކަށްވަނީ އެ ދާއިރާގައި ހިމަނުއްވައިފައެވެ. އަމިއްލަ އެދުންފުޅެއް ނެތުމާއި ދައުލަތުގެ މިލްކިއްޔާތުގައި އެއްވެސް މިންވަރަކަށް ޖެހިވަޑައިނުގެންނެވުމާއި ހޭކިވަޑައިނުގެންނެވުމުގެ މިފަދަ ނާދިރު މިސާލެއް ތާރީޚުގެ ޞަފުޙާތަކުން ފެނުމަކީ މުސްތަޙީލު ކަމެކެވެ. ކިތަންމެވަރަކަށް ލޯފުނާއަޅައިގެން ބެލިކަމުގައިވިޔަސްވެހެވެ. އަނެއްކޮޅުން ބަލާއިރު ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ފަދަ ދިލަކޮޅެއް މިލަކޮޅެއްނެތް ވިދައި ބަބުޅާ އުޖާލާ ޝަޚްޞިއްޔަތެއްގެ ދާވަނިކޮޅުގައި ހުތުރު ލައްތަކެއް ޖައްސާން އުޅުނީ މުޖުތަމަޢުގައި އެއްވެސް ހައިސިއްޔަތެއްނެތް ރޮނގާލިގަނޑުގެ ތެރެއިން ބައެކެވެ. އެބައުޅޭ މިބައުޅޭ މީހުންގަނޑުގެ ތެރެއިން ބައެކެވެ. ކީރިތި ޤުރްއާނުގެ ތަޢުބީރަކުން ދަންނަވާނަމަ އެބައިމީހުންނަކީ ލޮބުވެތި ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ހިތްޕުޅު ދަތިކުރުވާން އުޅޭމީހުންނެވެ. އިސްލާމީ ތަޙްރީކުގެ އިޖުތިމާޢީ މައްސަލަތަކާމެދު ހުޅުވިފައިވާ ޖައްވެއްގައި ވާހަކަ ދެއްކުމުގެ ބަދަލުގައި އެ ތަޙްރީކުގެ ލަގަން ހިފަހައްޓަވާ ބޭކަލުންގެ ބުރަކަށިފުޅަށް ޚަންޖަރު ހަރާންއުޅޭ މީހުންނެވެ. އޭގެ މިސާލުތައް ޚުދު ކީރިތި ޤުރްއާނުގައިވަނީ ބަޔާންކުރައްވައިފައެވެ.
ފަސްވަނަ ކޮލަމުގެ މުނާފިޤުންގެ ޙަރަކާތްތަކާއި ޢަމަލުތަކަކީ އިސްލާމީ ޖަމާޢަތުގެ ނިޒާމުގައި އެކަމަށް އެއްވެސް ޖާގައެއް އޮތްކަމެއް ނޫނެވެ. އެބައިމީހުންގެ ވަސްޖެހުމަކީވެސް ޞާލިޙު ފިޠުރަތުގެ މުސްލިމުން ނަފުރަތުކުރާ ކަމެކެވެ. ފިކުރުބޮޑުވާ ކަމެކެވެ. އެކަމަކު މައްސަލައަކީ އިސްލާމީ ޝަރީޢަތާއި ޤާނޫނީ ނިޒާމުގެ ތެރެއިން އެބައިމީހުނާމެދު ގަވާއިދުން ފިޔަވަޅު އަޅަން އުނދަގޫވުމެވެ. އިސްލާމީ މުޖުތަމަޢުގެ ބައެއްގެ ގޮތުގައި އެބައިމީހުން ބަލައިގަނެގެން ހިމޭނުން ތިބުންވެސް ފަސޭހަކަމަކަށް ނުވުމެވެ. އީމާންކަމުގެ އަހުލުވެރީން ގެންދެވީ ޖަމާޢަތުގެ މަޞްލަޙަތާއި ޒިންމާ ލާޒިމުކުރާ ގޮތުގެމަތިން މުނާފިޤުންގެ ޙަރަކާތްތަކާއި ވާހަކަތަކާ ބެހޭގޮތުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް މަޢުލޫމާތު އަރުއްވަމުންނެވެ. އެގޮތުން މުނާފިޤުކަމުގެ ބަލިޖެހިފައިވާ އެންމެންދިޔައީ މަޑުމަޑުން އިސްލާމީ ޖަމާޢަތަށް އެނގިފާޅުވަމުންނެވެ. އިސްލާމީ ތަޙްރީކުގެ ޤާއިދު މުނާފިޤުންނާ ބެހޭގޮތުން ޚާއްޞަ ރައްދު ޢަމަލެއް ފާޅުކުރައްވަމުން ގެންދަވައެވެ. އެންމެފުރަތަމަ ފައްޓަވައިގެންނެވުމުގައި ގެންގުޅުއްވި އިންތިހާދަރަޖައިގެ މަޑުމައިތިރި ގޮތްކޮޅެކެވެ. ނަމަވެސް މުނާފިޤުންގެ ނިފާޤުގެ ބަލިބޮޑުވަމުން ދިޔަދިޔަހެން އިތުރު ސާހިބާ އެބައިމީހުންނާ މުޢާމަލާކުރައްވާ ގޮތްކޮޅު ހިސާބަކަށް ތަފާތުކުރައްވަމުން ގެންދެވިއެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މުނާފިޤުންނާމެދު ހަރުކަށިފުޅުކޮށް ޢަމަލު ނުކުރައްވާތީ އެކަމާވެސް އެއުރެން ޝުކުރުވެރިވީކީ ނޫނެވެ. މަލާމާތްކުރީއެވެ. އެބައިމީހުން ބުނީ އެމާތް ސާހިބާއަކީ ހުސްއެކަނި އަޑުއައްސަވާ ބޭކަލެއް ކަމުގައެވެ. (هُــــــوَاذُنُ) (نــعــــوذ بـــاللّــــه) އަރަހުށި މާތް اللّــــه މުނާފިޤުންގެ އެ އަވާނިވާގެ ވާހަކައިންވެސް އެކަލާނގެ ޙަބީބަށް ޚަބަރު ދެއްވަމުން ގެންދެވިއެވެ. ވަޙީކުރައްވައިފައިވެއެވެ.
"ނަބިއްޔާއަށް އުނދަގޫކުރާ މީހުން އެއުރެންގެ ތެރެއިންވެއެވެ. އަދި އެއުރެން ބުނެތެވެ. އެކަލޭގެފާނީ ހަމައެކަނި އަޑުއައްސަވާ ބޭކަލެކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ތިޔަބައިމީހުންނަށްޓަކައި ހެޔޮބަސް އައްސަވާ ނަބިއްޔެކެވެ. އެނަބިއްޔާ اللّــــه އަށް އީމާންވެވަޑައިގަންނަވަތެވެ. އަދި މުއުމިނުންގެ ބަސް ތެދުކުރައްވަތެވެ. އެ ނަބިއްޔާއީ ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނަށްވާ ރަޙްމަތެކެވެ. އަދި اللّــــه ގެ ރަސޫލާއަށް އުނދަގޫކުރާ މީހުންނަށް ވޭންދެނިވި ޢަޒާބު ހުއްޓެވެ." (الــتـّــوبـــة: 61)
ޔަހޫދީންގެ ފަސްވަނަ ކޮލަމުގެ މީހުން، އެބައިމީހުންގެ ނުލަފާ ވާހަކަ އިތުރަށް ކުރިޔަށް ގެންދިޔައެވެ. "މިއީ ދެން ކާކުހެއްޔެވެ؟ އަހަރެމެންގެ ނިސްބަތުގައި ވަރަށް އާދައިގެ ހައިސިއްޔަތެއްގެ މީހެކެވެ. އެއްވެސްމީހެއް ނޫނެވެ. އަހަރެމެން މިއަންނަނީ ހިތަށް އައިހައި އެއްޗެއް އޭނާއާ ދިމާޔަށް ގޮވައިފައެވެ. އޭނާ އަހަރެމެން ދައްކާ ހުރިހައި ވާހަކަތަކެއް ވަގުތުން ޤަބޫލުކޮށްލައެވެ. ޤާފިލާގެ އެ އިސްވާރުގެ ބަލިކަށިކަމުގެ ސަބަބުން ބޮނޑިބޯންޖެހެނީ އަހަރެމެންނެވެ. އަހަރެމެން ހަދައިފައިވަނީ މުނާފިޤުން ކަމުގައްޔާއި ނުބައި ރޭވުން ރާވާ މީހުން ކަމުގައެވެ. އޭނާގެ ޚާއްޞަ އަރިސް މީހުންނަކީ އިއްޔެއާ ހަމަޔަށްވެސް މީހުންގެ އަޅުންނެވެ. ބަނޑަށްޖެހިފައިތިބި ނޯކަރުންނެވެ." (نــعــــوذ بـــاللّــــه)
(ނުނިމޭ)
ރިލޭޝަންޝިޕް
ރިލޭޝަންޝިޕް
ރިލޭޝަންޝިޕް
ރިލޭޝަންޝިޕް