އައިސްޕްލާންޓްތައް އެޅުމަށް ފެނަކައާއެކު ފިޝަރީޒް މިނިސްޓްރީންވި އެއްބަސްވުން ބާތިލްކުރަން ނިންމައިފިއެވެ.
ސައުދީ ފަންޑުގެ އެހީގެ ދަށުން ފަސް ރަށެއްގައި އައިސް ޕްލާންޓު ގާއިމުކުރަން ފިޝަރީޒް މިނިސްޓްރީއިން ފެނަކައާ ހަވާލުކުރީ 30 އޭޕްރީލް 2023 ގައެވެ.
މި އެއްބަސްވުމުގެ ދަށުން އައިސް ޕްލާންޓު ގާއިމް ކުރަން ހަވާލުކުރީ، ހއ. ދިއްދޫ، އއ. ރަސްދޫ، ދ. މީދޫ، ލ. މާމެންދޫ އަދި ގދ. ތަރަފަންދޫގައެވެ.
ފެނަކައާ ހަވާލުކުރީ އެ މަޝްރޫއުގެ ދަށުން އެ ފަސް ރަށުގައި 25 މެޓްރިކް ޓަނުގެ އައިސް އުފައްދާ އައިސް ޕްލާންޓާއި 50 މެޓްރިކް ޓަނުގެ އައިސް ރައްކާ ކުރެވޭނެ ސްޓޯރޭޖު ގާއިމް ކުރުމަށެވެ.
ދިއްދޫ އައިސް ޕްލާންޓްގެ އަޕްޑޭޓެއް ހޯދުމަޑް މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު މިނިސްޓަރާ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ، އައިސްޕްލާންޓްތައް އިމާރާތްކުރުމުގެ މަސައްކަތް ފެނަކައަށް ނުކުރެވޭ ކަމަށެވެ. އެއީ، ފެނަކައަށް ނުކުރެވޭ ފަދަ އަގެއްގައި އެ މަޝްރޫއު ކޮންޓްރެކްޓު ކޮށްފައި އޮތުމުން ކަމަށް ވިދާޅުވިއެވެ.
"ފެނަކައިން ވެސް ބޭނުންވަނީ މި މަސައްކަތް ނުކޮށް ހުއްޓާލަން. އަޅުގަނޑުމެން ވެސް ފެނަކައިން އެ މަސައްކަތްތައް ގެންގޮސްފައި ހުރި ސްޕީޑަށް ބަލާފައި ބޭނުންވީ ފެނަކައާ ހަވާލުކޮށްފައި ހުރި މަސައްކަތްތައް ފެނަކަ އަތުން ނަގައި، އެ މަސައްކަތް ކުރެވޭނެ ގޮތަކަށް އިއުލާންކޮށްގެން އަލުން ކުރިއަށްގެންދަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އޭގެ ތެރެއިން ތިން ރަށެއްގެ އައިސް ޕްލާންޓް ހެދުމަށް ފެނަކައާއެކު ވެފައިވާ އެއްބަސްވުންތައް ވަނީ ބާތިލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށްރަށެއްކަން ހާމައެއް ނުކުރެއެވެ.
މިދިޔަ ދައުރުގެ ތެރޭގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ހުރި އަމިއްލަ ފަރާތްތަކުގެ އައިސްޕްލާންޓްތައްވެސް ފެނަކައިން ގަނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު