މަސްވެރިން މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށާއި އެ ވައުދު ފުއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދެކުނުގެ އަތޮޅުތަކަށް ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މި އަތޮޅު ފަރެސްމާތޮޑާއަށް ވަޑައިގެން ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ ވައުދު ފުއްދުމަށް ދަތިތަކެއް ދިމާވަނީ ގައުމުގެ އިގްތިސޯދީ ހާލަތު އޮތް ގޮތުގެ ސަބަބުން ކަމަށެވެ. ކުރީ ސަރުކާރު ވެރިކަމުން ފޭބިއިރު ދައުލަތް ވަނީ 120 ބިލިއަން ރުފިޔާއިން ބޭރުގެ ފަރާތްތަކަށް ދަރާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރު ކުންފުނިތަކުން، އަމިއްލަ ފަރާތްތަކަށް ނުވަ ބިލިއަން ރުފިޔާ ދޭން ޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރު ކުންފުނިތަކުން ދޭން ޖެހޭ ފައިސާގެ ތެރޭގައި މިފްކޯއިން، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"ޓާގެޓަކީ 48 ގަޑިއިރުގެ ތެރޭގަ މަސްވެރިންނަށް ފައިސާ ލިބޭނެ ނިޒާމު ގާއިމުކުރާނެމޭ. އެއީ އަޅުގަނޑުމެންގެ މެނިފެސްޓޯ ވައުދު. އަޅުގަނޑަކީ ވައުދުވިގޮތަށް ކަން ކުރާނެ މީހެއް އިރާދަކުރެއްވިއްޔާ. އެދާ ގޮތަށްދާން މަސައްކަތް މި ކުރަނީ އިގްތިސޯދު ހަރުދަނާ ކުރަންވެގެން. އެ ޓާގެޓަށް ދާނަން އިރާދަކުރެއްވިއްޔާ. އެކަން ވުމުގަ މިހިރީއޭ ކަންކަން ހުރި ހިސާބު، އެހެންވީމާ އެކަންކަން ރަނގަޅު ކުރުމަށްޓަކާ ވަގުތު ނަގާނެ. މީ އަޅުގަނޑުމެންނާ ރާއްޖެ ދޫކޮށްލާފަ އޮތް ހާލަތު" ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ވަނީ މަސްވެރިންނަށް 440 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައި ކަމަށާއި ނަމަވެސް މަސްވެރިންނަށް އަދިވެސް ދޭން ޖެހިފައިވާ ގިނަ އަދަދެއްގެ ފައިސާ އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިގްތިސޯދު ރަނގަޅުކުރުމުގެ ގޮތުން އިންޓަނޭޝަނަލް އެއާޕޯޓް އަދި ޑޮމެސްޓިކް އެއާޕޯޓުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ހޯދުމަށް ރާއްޖޭގެ ވިޔަފާރިތަކަށް އިސްކަން ދެއްވާނެ ކަމަށެވެ.
އެ ހުރިހާ ކަމެއް ކުރަނީ އިގްތިސޯދު ރަނގަޅުކުރަން ކަމަށް ރައީސް ވިދާޅުވިއެވެ. ދައުލަތް ދަރާފައި އޮތުމުގެ ޒިންމާ މި ސަރުކާރުން ނަގަން ޖެހޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އޮޅުވާލަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ރާއްޖެއަށް ގެންނަވާނީ ވަށައިޖެހޭ އިގްތިސޯދީ ތަރައްގީއެއް ކަމަށާއި އެއިރުން ދަރަނިތައް ވެސް ދައްކައި ހަލާސް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު