ތ.ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ބަލައި ދިރާސާ ކުރަމުންދާ ކަމަށް މިނިސްޓަރު އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ތ.ފުނައްޑޫން މަސް ގަންނަން ފަށާ ތާރީހަކާ ބެހޭގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝިޔާމް ވިދާޅުވީ، ފުނައްޑޫ މިއަހަރު އޮޕަރޭޝަނަށް ނުގެނެވޭނެ ކަމަށާއި އެކަން ކުރެވޭނެ ދުވަހެއް އަދި ވިދާޅުވާން ދަތި ކަމަށެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި މިއަހަރު އޮޕަރޭޝަނަށް ގެނެވެން ހުރި ޕްރައިވެޓް ފެސިލިޓީތަކާއި ސަރުކާރުގެ ކުންފުނިތަކުގައި ހުރި ފެސިލިޓީތައް އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ނަމަވެސް ޕްރައިވެޓް ފެސިލިޓީތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަހުގެ އަގު ކަމަށްވެސް ވިދާޅުވިއެވެ. މިހާރުގެ މަހުގެ އަގު 20 ރުފިޔާގައި ހުރި ނަމަވެސް މީގެކުން މަހުގެ އަގު 25 ރުފިޔާއަށް ހުރުމުން ބައެއް ޕްރައިވެޓް ފެސިލިޓީތަކުގެ އޮޕަރޭޝަންތައް ހުއްޓިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ފުނައްޑޫ އޮޕަރޭޝަނަށް އައުމަކީ ތ. އަތޮޅުގެ މަސްވެރިންނަށް ވަަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އެހެންކަމުން ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ ގޮތުން، އެކަމަށް ބޭނުންވާ އިތުރު ފީސިބިލިޓީއެއް ހަދަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށާއި، އެކަމަށް ބޭނުންވާ ފައިސާ މިއަހަރުގެ ބަޖެޓްގައިވެސް ހިމެނިފައި ނުވާތީ، އެކަމަށް އަދި ގޮތެއް ހޯދިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު