ރާއްޖޭގެ ސިޔާސީ ލީޑަރުންވެސް ދިވެހި ގައުމާމެދު އިންސާފުވެރިވާންޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހަައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ފުވައްމުލަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ އެ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝަހީމު ވިދާޅުވީ، ޒުވާން ޖީލުގެ ވެރިކަމަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ.
"ތިމާ ބޭނުންހާ ގޮތަކަށް ބޭނުންހާ އިރެއްގައި، ރާއްޖޭގައި ގާއިމުކުރެވިފައި ހުންނަ ވެރިކަން، ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ ވެރިކަންތައް ފުރޮޅާލައި، އަމިއްލަ މަސްލަހަތު ކުރިއެރުމަށްޓަކައި ޖާގައެއް ނުދެވޭނެ. އިންސާފުވެރިވާން ޖެހޭނެ،" ޝަހީމު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް މުއިއްޒުގެ ވެރިކަން ފެށިގެން މިވީ 13 ދުވަހުގެ ތެރޭގައި ހިތްވަރާއި އަޒުމާއެކުގައި އެ މަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ވެރިކަމާ ރައީސް މުއިއްޒު ހަވާލުވެވަޑައިގެންނެވި ވަގުތަކީ ރާއްޖޭން ބޭރަށް 120 ބިލިއަން ރުފިޔާއިން ދަރަނިވެފައިވާ ވަގުތެއް ވަގުތެއް ކަމަށާއި ސަރުކާރުގެ މުއައްސަސާތަކާއި މިނިސްޓްރީތަކާއި ކުންފުނިތައް އޮތީ ދަރާފައި ކަމަށެވެ.
"މިނިވަންކަމާއި ސިޔާދަތަށްވެސް އޮތީ ލޮޅުން އަރާފައި. މި ކަންކަމުން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ހިތްމަތާއި ހިތްވަރާއި ކެތްތެރިކަމާއެކުގައި މަސައްކަތް ކުރައްވަމުންދާ ޒުވާން، ވަރުހުރި ރައީސެއްގެ ވެރިކަން 13 ހަފުތާގެ ތެރޭގައި ގުޑުވާލަން މި މަސައްކަތް ކުރަނީ އެއީ ކީއްވެގެންތޯ ވިސްނާލަންޖެހޭ،" ޝަހީމު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، 13 ހަފުތާއަކީ ރައީސަކު އަޒުލުކުރުމަށް އިންސާފުވެރި މުއްދަތެއް ނޫން ކަމަށެވެ. އަދި އިދިކޮޅުން ދައްކާ ދަޅައިގައި ޖެހިގެން ނުވާނެ ކަމަށާއި މި ވެރިކަން ނެގެހެއްޓުމަށްޓަކައި ހިތްވަރާއި އަޒުމާއެކުގައި އެކަތިގަނޑަކަށްވެ ކުރިއަށް އޮތް މަޖިލިސް އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބު ކޮށްދޭންޖެހޭ ކަމަށްވެސް ވިދަޅުވިއެވެ.
"އެކަމުގެ މައްޗަށް ފަހުން ހިތާމަކުރަން ނުޖެހޭނެ .... މުއިއްޒު ވެރިކަން ކުރައްވަމުން އެ ގެންދަވަނީ އަމިއްލަ މަސްލަހަތު އިސްކުރައްވައިގެންނެއް ނޫން. ރައީސް މުއިއްޒާއި އެ މަނިކުފާނުގެ ޓީމުން ރާއްޖޭގައި ވެރިކަން ކުރައްވަމުން އެ ގެންދަވަނީ ދިވެހި ގައުމަށްޓަކައި،" ޝަހީމު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު