މީހެއްގެ ބޭންކް އެކައުންޓުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށް އެ ފައިސާގެ ބޮޑު ބައެއް ހޯދައިފިއެވެ.
އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، މަރަކާ ހީލަތުން މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ އެކި ފަހަރު މަތިން ދެ އެކައުންޓަކަށް ޓްރާންސްފާކޮށްފައިވާ މައްސަލައެއް މި މަހުގެ 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.
އެ މީހާގެ ފޯނުން ޓްރާންސެކްޝަން ހަދާފައިވަނީ ފޯނު ކޮމްޕްރޮމައިސްކޮށްގެން ކަމަށް ރަޝީދު ވިދާޅުވިއެވެ.
"އެ މައްސަލަ ހުށަހެޅުމާއެކު ރާއްޖޭގައި ޓްރާސިޝަންތައް ހިންގާފައިވާ ބޭންކްތަކާ ވަގުތުން ކޯޑިނޭޓްކުރެވި އަދި ކުރެވުނު މަސައްކަތުން މި 48 ގަޑިއިރު ތެރޭގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 98 ޕަސަންޓު ވަނީ ރިކަވާ ކުރެވިފައި،" ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ، އެ މައްސަލައިގައި ރިކަވާ ކުރެވިފައިވަނީ 1.67 މިލިއަން ރުފިޔާ ކަމަށެވެ. އޭގެ ތެރެއިން 1.3 މިލިއަން ރުފިޔާ ހުރީ އެކިއެކި ބޭންކްތަކުގައި ފްރީޒްކޮށްފައެވެ.
ރަޝީދު ވިދާޅުވީ، އެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލައިގެ ތުހުމަތު 16 އަހަރުގެ ކުޑަކުއްޖަކަށްވެސް ކުރެވޭ ކަމަށެވެ. ނަމަވެސް އެ ކުއްޖާ އަދި ހައްޔަރެއް ނުކުރެއެވެ.
ރަޝީދު އިތުރަށް ވިދާޅުވީ، ސްކޭމްގެ ފައިސާ، އެކިއެކި އިލެކްޓްރޯނިކް ސާމާނު ގަތުމަށާއި ދޫނި ގަތުމަށްވެސް ހަރަދުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު