"ތިބޭފުޅުންގެ ޕްރެޝަރަކުން އަޅުގަނޑު މިއަދު މިތަނުން ދާނީ އެ ފައިސާ ދައްކާފައޭ ނުބުނާނަން. އެކަމެއް ނުވާނެ. ސަރުކާރަކަށް އެކަމެއް ނުވާނެ. ސަރުކާރުގެ މާލީ ހާލަތު މިއަދު އެގޮތަކަށް ތަނެއް ނުދޭ" މިއީ، ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ކިރުވި މަހަށް ފައިސާ ނުލިބޭތާ ގިނަ ދުވަސްވުމުން އިއްޔެ ކޫއްޑޫގައި މުޒާހަރާ ކުރި މަސްވެރިންގެ މެދުގައި ހުންނަވައި، މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވި ވާހަކައެވެ.

ތެދެކެވެ. މި ސަރުކާރު އައީ މަސްވެރިންނަށް އުއްމީދީ ވައުދުތަކާއެކުގައެވެ. މަސްކިރުވާތާ 48 ގަޑިއިރުތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި 20 ރުފިޔާއަށް ވުރެ ދަށްނޫން އަގެއްގައި މަސް ގަތުމާއި މަސްވެރީންނަށް ލުއި ލޯނު ދޫކުރުމާއި މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމާއި އެސްޓީއޯގެ ދަށުން މިފްކޯ ވަކިކުރުމާއި، މަސްވެރިންގެ ކޯޕަރޭޝަނެއް އުފެއްދުމާއި މި ފަދަ އެތައް އެތައް ވައުދަކާއެކުގައެވެ.

ސަރުކާރަށް ތިން މަސް ވެގެން ގޮސްފައިވާއިރު، އޭގެ ތެރެއިން ބައެއް ވައުދުތައް މިހާރު މިވަނީ ފުއްދައިފައެވެ. މަސްވެރިންގެ ދަފްތަރެއް އެކުލަވައިލައި މަސްވެރީންނަކީ ސަރުކާރު ދަންނަ ބަޔަކަށް ހަދައިފިއެވެ ގެއްލުން ނުވާނޭ ރޭޓެއްގައި މަސް ގަންނަން ފަށައިފިއެވެ. މަސްވެރިކަމަށް ލުއި ލޯނު ތައާރަފުކޮށްފިއެވެ. ވައުދާ އެއްގޮތަށް ފުރަތަމަވެސް މިފްކޯ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ފަށައިފިއެވެ. ނަމަވެސް، މަސްވެރިންގެ އެންމެ ބޮޑު، އެއް ކަންބޮޑުވުންކަމަށްވާ ހަމައަގު ލިބުމާއި ބާނާ މަސްކޮޅަށް ލަސްނުވެ ފައިސާ ލިބުމުގެ އިންތިޒާމުތައް، ގައުމުގެ އިގްތިސޯދީ އަނދަވަޅާއެކު އަދިވެސް އޮތީ ހަގީގަތަކަށް ނުވެއެވެ.

މި ސަރުކާރު ހަވާލުވިއިރު މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަން ރުފިޔާ އޮތް ކަމަށް މިނިސްޓަރު ޝިޔާމް ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުން އެތައް ފަހަރެއްގެ މަތިން މަސްވެރިންނަށް ފައިސާ ދޫކުރަމުންވެސް، އަދިވެސް ބެކްލޮގްގައި، 280 މިލިއަން ރުފިޔާ އެބައޮތް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އެއީ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ބިލެވެ. މަސްވެރިން އިއްޔެ ކޫއްޑޫ ފުރާލީ، އެ މައްސަލައިގައެވެ. ބަންޑުންކޮށްލީ، މަސްވެރިންގެ އިހުސާސްތަކެކެވެ. ކެކިއަރައިގަތީ ދިވެހިީންގެ ލޭނާރުގެ ހޫނު ލެއެވެ. ކޫއްޑޫއަށް އިއްޔެ ހެނދުނުއްސުރެ މަސްވެރިން ޖަމާވެ، މެންދުރެއްހާއިރު ނުވަނީސް ކޫއްޑޫގެ މުޅި އޮޕަރޭޝަން ހުއްޓުމަކަށް ގެނައެވެ. ޑިމާންޑަކީ، ފައިސާ ދިނުމެވެ. ހައްގުވާ ފައިސާ ފޮތި ވަގުތުން ވަގުތަށް ދިނުމެވެ. ހުވަދޫ، މަސްވެރިން އިސްނެގި، އެ ހަރަކާތަށް 25 މަސް ދޯނީގެ ފަޅުވެރީންނާއި ކެޔޮޅުން ގުޅި ކޫއްޑޫ ފުރާލިއެވެ.

"ރާއްޖޭގެ އުތުރާއި ދެކުނުން މަސްވެރިން މިތިބީ ކޫއްޑޫގައި. ދެން ހުރިހާ މަސްވެރިން މާލެ މި އަރަނީ. އަޅުގަނޑުމެން މިތިބީ ބަނޑަށް. މަސްވެރިން ބާނާ މަހަށް ލިބޭ ފައިސާއަށް ހެދި ގޮތް ސަރުކާރުން އަޅުގަނޑުމެންނަށް ކިޔައިދޭން އެބަޖެހޭ. މި ނޫން އެހެން އެއްވެސް ގޮތެއް ނެތް. ކޫއްޑޫއެއް ހިނގާނެ. ދެން ދާނީ މާލެއަށް. ރަނގަޅު އެއްގޮތެއްވެސް ދެން ނޯންނާނެ. ފައިސާ މިހާރުން މިހާރަށް ޖަމާކުރަންވީ" އިއްޔެގެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި އަލިބެ، އޭނާގެ ޝުރޫއުތައް ފާޅުކުރަމުން ބުނެފައިވެއެވެ.

މަސްވެރިން ނުކުމެ ކޫއްޑޫގެ އޮޕަރޭޝަން ހުއްޓުމަކަށް ގެނެސް ކޫއްޑޫގައި މަސްވެރިން މުޒާހަރާކުރަމުންދާތީ، މަސްވެރިންގެ އަޑު އެއްސެވުމަށް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ، އިއްޔެ ހަވީރު ކޫއްޑޫއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެތައް ސަތޭކަ މަސްވެރިންނެއްގެ މެދުގައި، ޝިޔާމް ހުންނަވައި ވަނީ މަސްވެރިމުގެ ހާލަތު ވިދާޅުވެދެއްވައި މަސްވެރިން ހެއްވާލާނެ ކަމަށް ވިދާޅުވެފައެވެ. ނުދެވި ހުރި ފައިސާ އެންމެ ލަސްވެގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން މަސްވެރިންނަށް ލިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

"ދިވެހިރާއްޖޭގެ ހުރިހާ މަސްވެރިންގެ ހައްގުގައި ތިބޭފުޅުން ތި މަސައްކަތް ކުރައްވަނީ. އަޅުގަނޑުވެސް ހަމަ ތިބޭފުޅުންގެ އިހުތިޖާޖުގައި ބައިވެރިވުމަށް މި އައީ ޔަގީނުންވެސް"

"ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މިވީ ތިން މަސް ދުވަހުގެ ތެރޭގައި މަސްވެރިންގެ ހައްގުގައި މި މަސައްކަތްކުރެވެނީ. ހަމަ އެއް ވާހަކައެއް މި ދެކެވެނީ. މަސްވެރި ސިނާއަތުގައި ހުރި މައްސަލަތައް އަޅުގަނޑުމެން ހައްލުކުރަން ޖެހޭ. އަޅުގަނޑު ފިލާކަށް ނޫޅެން. ސަރުކާރެއްވެސް އިރާދަކުރެއްވިއްޔާ ނުފިލާނެ. ތިބޭފުޅުންނާ އެކީގައި މަސްވެރިންނާއެކީގައި ވަކީން ހާއްސަކޮށް މި ސިނާއަތުގައި ހުރި އުނދަގޫތައް ހައްލުކުރުމުގައި އަޅުގަނޑުމެން މިތިބީ. އެހެން ނޫންނަމަ މިއަދު ނާންނާނަން. ގުޅާފަ އަޅުގަނޑު ބުނާނީ އަޅުގަނޑެއް ނުދާނަމޭ، އަޅުގަނޑު ބޭނުމެއް ނޫނޭ މަސްވެރިންނާ ހަވާލުވެގެން މިކަންތައްތައް ކުރާކަށް" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިިދާޅުވީ މަސްވެރިންނަށް ފައިސާ ނުދީ ލަސްވަނީ ގައުމުގެ އިގްތިސޯދީ ހާލަތު އޮތް ގޮތުން ކަމަށާއި މަސްވެެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް ލޯނެއް ހޯދުމުގެ މަސައްކަތް ދެ ހަފުތާ ކުރިން ސަރުކާރުން ފަށާފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑު މި ވާހަކަ ދައްކާއިރުވެސް އެބައޮތް 280 މިލިއަން ރުފިޔާގެ ބެކްލޮގެއް މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާގެ ގޮތުގައި. އަދިި އެންމެ ފަހުން އަޅުގަނޑުމެން އަގު މުރާޖާކުރިއިރުގައި މިފްކޯއިން ނިންމާފަ މިއޮތީ ހަފުތާއިން ހަފްތާއަށް މަސްވެރިންނަށް ފައިސާ ދޭން. އެންމެ ފަހުން މި ހަފުތާގެ 26 މިލިއަން ރުފިޔާވެސް މަސްވެރިންނަށް އެބަދެން. މިފްކޯއިން މަސައްކަތް އެކުރަނީ އެ 26 މިލިއަން ރުފިޔާ ދިނުމަށް. އެހެންނަމަވެސް އަޅުގަނޑު މި ދަންނަވަނީ މި 280 މިލިއަން ރުފިޔާގެ ބެކްލޮގު އަޅުގަނޑުމެން ފިލުވާލަދޭނަމޭ 5 މާޗުގެ ކުރިން. އެއަށްވުރެ އަވަހަށްވެސް އެ ފައިސާ ދެވޭތޯ އަޅުގަނޑުމެން މި ބަލަނީ" މަސްވެރިންނަށް ފައިސާ ދޫކޮށް ހަލާސްކުރެވޭނެ އެންމެ ފަހުގެ ތާރީހު ދެއްވަމުން ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރު ޝިޔާމް އިއްޔެ ވަނީ ގަޑިއެއްހާއިރުވަންދެން މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައި މަސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވައި ކޮންމެވެސް ވަރެއްގެ ތަސައްލީއެއް މަސްވެރިންނަށް ކަންބޮޑުވުންތަކަށް ދެއްވައިފައެވެ. މަސްވެރިން އެންމެ ބޭނުންވި ވަގުތު މަސްވެރިންގެ އަޑު ގާތުން އެއްސެވުމަށް ވަގުތުން މަސްވެރިންގެ ގާތަށް ޝިޔާމް ވަޑައިގަތުމަކީ، މަސްވެރިންގެ އަޑު ސަރުކާރުންވެސް ފިޝަރީޒް މިނިސްޓްރީންވެސް އަހާކަމުގެ ހެއްކެއްކަމަށް ބައެއް މަސްވެރިން ގަބޫލުކުރެއެވެ.

"މީގެ ކުރިން މިއީ އަހަރެމެންނަށް ފެނިފައިވާ މަންޒަރެއް ނޫން. އެންމެ ހޫނުކޮށް މުޒާހަރާ ދިޔައިރުވެސް މިނިސްޓަރު ޝިޔާމް ވަޑައިގެން އަޅުގަނޑުމެންގެ މެދުގައި ހުންނަވައި އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އަޑުއެއްސެވީތީ ހަމަ ޔަގީނުންވެސް އަޅުގަނޑާއި މި ދޯނީގެ ފަޅުވެރިން މިއަދު އެބަ ގަބޫލުކުރަން މަސްވެރިންނަށް ފައިސާދޭން ސަރުކާރުން އެބަ މަސައްކަތްކުރާކަން، ނޫންނަމަ ރައީސް މުއިއްޒުއާއި އަދި ޝިޔާމްގެ އިސްތިއުފާއަށް ކުރިމަތީގައި ހުރެގެން ގޮވަމުން ދިޔައިރު ކެތެއް ނުކުރެވުނީސް. މަސްވެރިން ގާތަކަށް ނައީސް." އިއްޔެގެ މުޒާހަރާގައި ބައިވެރިވި ކޮޅުމަޑުލުގެ މަސް ދޯންޏެއްގެ ކެޔޮޅަކު އޭނާގެ ޝުއޫރުތައް ހިއްސާކުރަމުން ބުންޏެވެ.

މަސްވެރިންގެ ލޭކެކިގެން ދިޔަ ވަގުތު، މިނިސްޓަރު ޝިޔާމް ދެއްކެވި ނަމޫނާއަށް އިއްޔެ އޭނާގެ ކުރިމަތީގައި އޭނާގެ އިސްތިއުފާއަށް ގޮވި ބައެއް މަސްވެރިންވެސް މިއަދު ތައުރީފުކުރެއެވެ. ބައެއް އަތޮޅުތަކުގެ މަސްވެރިންގެ ޕޭޖުތަކުންވެސް ޝިޔާމް ދެއްކެވި ހިތްވަރާއި މަސްވެރިންގެ އަޑު އެއްސެވުމަށް ދެއްވި އިސްކަމަށް ވަނީ ތައުރީފުކޮށްފައެވެ. މަސްވެރިން ބޭނުންވަނީ އަޑުއެހުމަށެވެ. ހަމައަގު ލިބި ހަމަޖެހޭ ދިރިއުޅުމެއް ލިބުމެވެ. މި ސަރުކާރާއި ފިޝަރީޒް މިނިސްޓްރީންވެސް ދެނީ އެ ޔަގީންކަމެވެ. މަސްވެރިން ހޭރިޔާ ވެގެން، ބާކީވެގެން ނުދާނެކަމުގެ ޔަގީންކަމެވެ.