ފުވައްމުލަކު ސިޓީން (މުހައްމަދު އިޝާން ވަން އޮންލައިން)

ދެކުނުގެ އަތޮޅުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގެންފިއެވެ.

އެ މަނިކުފާނު ފުވައްމުލަކު ސިޓީއަށް ވަޑައިގެންފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި ރައީސްއާއެކު ސަރުކާރު ބައެއް މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން އަދި ރައީސް އޮފީހުގެ އިސްވެރިން އައްޑުއަށް ވަޑައިގެންނެވިއެވެ.

ރައީސް މުއިއްޒު ފުވައްމުލަކަށް ވަޑައިގެންނެވުމުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެމަނިކުފާނަށް މަރުހަބާ ކިޔުމަށްޓަކައި ފުވައްމުލަކުގެ ކުދިބޮޑު ގިނަ ބަޔަކު ވަނީ ފުވައްމުލަކު އެއާޕޯޓަށް ޖަމާވެފައެވެ.

ފުވައްމުލަކަށް އެ މަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ ސިޓީގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާ ބައްދަލުކުރައްވާނެއެވެ.

އަދި ފުވައްމުލަކު ސިޓީގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެން އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

ދެކުނަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ. އައްޑޫގެ ހުރިހާ އަވަށްތަކަށް ވަޑައިގެން ރައީސް ވަނީ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.

ފުވައްމުލަކަށް ވަޑައިގަތުމަށްފަހު ދެން ރައީސް ވަޑައިގަންނަވާނީ ގއ. އަތޮޅަށާއި ގދ. އަތޮޅަށެވެ.