ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް މަރުތޭލަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޝަމީމަށް ހަމަލާދިން މައްސަލައާ ގުޅިގެން އިއްޔެ 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ޝަމީމަށް ހަމަލާ ދިނީ ސައިކަލެއްގައި އައި ދެ މީހަކެވެ. މަރުތޭލަކުން ޝަމީމަށް ދިން ހަމަލާގައި އޭނާގެ ވައަތުގައި ރެނދެއްލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެ ހަމަލާ ދިނީ ދުރާލާ ރޭވިގެންނެވެ. އަދި ހަމަލާދިން މީހުން ތިބީ މޫނު ނިވާކޮށްގެން ކަމަށްވެސް ބުނެފައިވެއެވެ.