(13 ފެބުރުއަރީގެ އަދަދާ ގުޅޭ)
މިއީ ވަރަށް ވަރުގަދަ އަޚްލާޤީ ގޮވައިލެއްވުމެކެވެ. ހެޔޮކަމުގެ ޖަޒުބާތާއި، އީމާންކަމުގެ އިޙްސާސް ހޭލެއްވުމަށްޓަކައި، "ވިއްކަވައިގަންނަވައިފައިވާ ވަރުގަދަ ވިއްކަވައިގެންނެވުމެކެވެ."
މި އާޔަތުގެ މަޤްޞަދަކީ، ދާދިކުޑަކުޑަ ކަމެއް (އިސްލާމީ މުޖްތަމަޢުގެ ދަރަޖަ މަތިވެރި، ޝަރަފުވެރި، މާތް އަންހެން ސާހިބަކު، ދިމާވި ޙާދިޘާއެއްގައި، މުސްލިމުންގެ ޤާފިލާއާ ވަކިވެވަޑައިގެންނެވުމުން އެ މުޖްތަމަޢުގެ ހަމައެފަދަ ޝަރަފުވެރި މެމްބަރަކަށް އެކަމަނާ މަގުމަތީގައި އިންނަވަނިކޮށް ފެނިވަޑައިގެން، އެކަމަނާ ގެންދަވައި ޤާފިލާއާ ޙަވާލުކުރެއްވުމުން) ކުށްހީތަކުގެ އެންމެ ދަށުދަރަޖައަށް އެކަން ގެންދަންޖެހުނީ ކީއްވެތޯ ސުވާލު ކުރެއްވުމެވެ. ތިޔައިގެ ތެރެއިން މާތް އެހެން އަންހެނަކަށް ނުވަތަ ފިރިހެނަކަށް އެފަދަ ޙާލަތެއް ކުރިމަތިވިނަމަ، އެހައި ދަށުދަރަޖަޔަކަށް ވެއްޓިގަތީސްތޯ ސުވާލު ކުރެއްވުމެވެ. ތިޔަބައިމީހުންގެ އަޚްލާޤީ ފެންވަރާއި ޝަޚްޞިއްޔަތާމެދު ޚުދު ތިޔަބައިމީހުން ދެކެނީ މިހައިވެސް ދަށުދަރަޖައެއްގައި އެކަންކަން ހުރިކަމަށްތޯ އައްސަވައިލެއްވުމެވެ. ދެޖިންސުގެ ދެމީހަކު އިއްތިފާޤީ ޙާދިޘާއެއްގެ ސަބަބުންވިޔަސް، އެކަހެރީން ދިމާވެލާއިރަށް ބަދުއަޚްލާޤީ ޢަމަލުގެ އެންމެ ހުތުރުދަރަޖަޔަށް ވެއްޓިގަންނާނެތޯ ސުވާލު ކުރެއްވުމެވެ. ޚުދު ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާމެދު އެހައި ދަށުދަރަޖައިގެ ތަޞައްވުރެއް ނުގެންގުޅޭއިރު، ތިމާމެންގެ އަމިއްލަ ޖަމާޢަތުގެ އެންމެ ޢިއްޒަތްތެރި އެއް އަންހެން ސާހިބާއަކާއި، ހަމައެފަދަ އަރާހުންނެވި ބޭކަލަކާމެދު އެފަދަ ހުތުރު ކަމެއް ޚިޔާލަށް ގެނެސް، އެ ޚިޔާލު މުޖްތަމަޢުގެ ތެރޭގައި ފާޅުކޮށް ފަތުރައިލުމުގެ އޮތީ ކޮން ޙައްޤެއްތޯ ސުވާލު ކުރެއްވުމެވެ.
އިސްލާމީ މުޖްތަމަޢުގެ ވަރަށް ތަނަވަސް އަކްސަރިއްޔަތެއް، އެވަރުގަދަ އިމްތިޙާނުގެ ދައުރުގައިވެސް ސާބިތުވެތިބީ، އެބައިމީހުންގެ އަޚްލާޤީ މާތް ހަމަތަކުގެ މަތީގައެވެ. އެ މުޖްތަމަޢުގެ މުޅި ހަށިގަނޑަށް އެ ޒަހަރު ފެތުރި، ފިކުރީ ދިފާޢުގެ ބާރުން މަޙްރޫމުވީނަމަ، އިސްލާމީ މުޖްތަމަޢުގެ ހީރަސްކެނޑި، ބުރަބުރައިގެން ދިޔައީސްކަން ކަށަވަރެވެ.
أبــــو أيّـــوب الأنـصــارى رضـــى اللّــــه عــنـــــه ގެ އަނބިކަނބަލުން އެކަލޭގެފާނަށް އެ ބުހުތާނުގެ ޚަބަރު ދެއްވި ހިނދު ފާޅުކުރައްވައިފައިވަނީ ވަރަށްވެސް ހެޔޮކަންބޮޑު، ރައްދު ޢަމަލެކެވެ. أبــــو أيّـــوب އެކަލޭގެފާނުގެ އަނބިކަނބަލުންނާ ސުވާލު ކުރެއްވިއެވެ.
"އޭ أيّـــوب ގެ މަންމާއެވެ! އެފަދަ ދަނޑިވަޅެއްގައި عـائشـــة ގެފާނުގެ މަޤާމުގައި ކަމަނާ އިންނެވިނަމަ، އެފަދަ ހުތުރު ޢަމަލެއް ކުރައްވާނުތޯއެވެ." އެކަމަނާ ވިދާޅުވިއެވެ. "މާތް اللّــــه ގަންދެއްވަމެވެ. ފަހަރެއްގައިވެސް އަޅުގަނޑު އެފަދަ ހުތުރުކަމެއް ނުކުރީމުހެވެ." أبــــو أيّـــوب ވިދާޅުވިއެވެ. "عـائشـــة ގެފާނުގެ ދަރަޖަ، ކަމަނާއަށްވުރެ މާމަތިވެރިއެވެ. އަޅުގަނޑު އަމިއްލަ ނަފުސާމެދު ދަންނަވަމެވެ. صفــــــوان ގެ ބަދަލުގައި އަޅުގަނޑާ އެފަދަ ޙާދިޘާއަކާ ކުރިމަތިވީނަމަ، އެފަދަ ޚިޔާލެއްވެސް ހިތަކަށް ނުގެނައީމުހެވެ. صفــــــوان އަކީ އަޅުގަނޑަށްވުރެ މާހެޔޮކަންބޮޑު މުސްލިމެކެވެ."
ســـــورة الـــنّـــــــور ގައި ޤާނޫނީގޮތުން ސުވާލު އުފައްދަވައެވެ.
"އެކަމުގެ މައްޗަށް އެއުރެން ހަތަރު ހެކިން ނުގެނައީ ކީއްވެގެން ހެއްޔެވެ؟ ފަހެ، އެއުރެން (އެކަން ދެނެހުރި) ހެކިން ނުގެނައިހިނދު، ފަހެ اللّــــه ގެ ޙަޟްރަތުގައި އެއުރެންނީ ހަމަ ދޮގުހަދާ މީހުންނެވެ." (ســـــورة الـــنّـــــــور: 13)
އާދެ، އަންހެނެއްގެވިޔަސް ފިރިހެނެއްގެވިޔަސް ޢިޞްމަތްތެރިކަމުގެ ދާވަނީގައި ލައްގަނޑެއް ޖެއްސުމަކީ ކުޑަކުޑަކަމެއް ނޫނެވެ. އެއީ މަޖަލަކަށް ނުވަތަ ސަމާސާއަކަށްވުރެ މާ ސީރިޔަސް މައްސަލައެކެވެ. އެފަދަ ކަމެއް ކޮށްފިނަމަ، ހަރުދަނާ ކޮންމެ މުޖްތަމަޢެއްގައިވެސް އެކަމަކާމެދު ޤާނޫނީ ފިޔަވަޅު އެޅުން ވާޖިބުވާނެއެވެ. މީހަކު ތެދުވެ މުޖްތަމަޢުގެ މާތް މީހަކާ ދިމާއަށް، ތިޔައީ ޤާތިލެކޭ، އޭނާ ވައްކަން ކޮށްފިޔޭ ބުނުމަކީ އަދި ކީއްތޯއެވެ؟ މީނާ ބަދުއަޚުލާޤީ ޢަމަލެއް ހިންގައިފިޔޭ ނުވަތަ އެ ދެމީހުން ޒިނޭކޮށްފިޔޭ ބުނުމަކީ އާދައިގެ ކުޑަކުޑަކަމެއް ނޫނެވެ. އެފަދަ ވާހަކަތައް ދައްކާންވާނީ، އިންތިހާދަރަޖައަށް ޒިންމާދާރުކޮށެވެ. މީހެއްގެ ބޮލުގައި އެފަދަ އިލްޒާމެއް އަޅުވައިފިނަމަ، އެކަން ސާބިތުކޮށްދޭން ޖެހޭނެއެވެ. ޤާނޫނީގޮތުން ސާބިތު ހެކި ދައްކަންޖެހޭނެއެވެ. އިސްލާމީ މުޖްތަމަޢުގެ ޤަދަރު މަތިވެރި ދެ މެމްބަރަކާ ބެހޭގޮތުން ތިމާމެންގެ ލޮލަށް ފެނުނު ފެނުމަކާނުލައި ހަމައެކަނި ޔޯލަކޮށްލައިފައި ބޮޑު ދޮގެއް ފަތުރާ މީހުން ހެކީން ގެނެސްދިނުމަކީ ވާޖިބެކެވެ. ހެކީން ނުގެނެސްފިނަމަ، އެވާހަކަ ދެއްކި މީހުން ޤާނޫނީގޮތުން ވާނީ ދޮގުވެރީން ކަމުގައެވެ. ބޮޑެތި ކުށްވެރީން ކަމުގައެވެ.
ســـــورة الـــنّـــــــور ގައި ވަނީ އިސްލާމީ މުޖްތަމަޢުގައި އަޚްލާޤީގޮތުން ބަލިކަށިކަންހުރި މީހުންގެ ބަލިކަށިކަންވެސް ފާޅުކުރައްވައިފައެވެ.
"ތިޔަބައިމީހުންގެ ދޫތަކުން އެވާހަކަތައް ލިބިގަންނަމުންދިޔަ ހިނދުގައެވެ. އަދި ތިޔަބައިމީހުންނަށް އެކަމާމެދު އެނގުމެއްނުވާ ކަންތަކުގެ ވާހަކަ، ތިޔަބައިމީހުންގެ އަނގަތަކުން ބުނަމުއެވެ. އަދި اللّــــه ގެ ޙަޟްރަތުގައި އެކަންތައް ބޮޑުކަމެއްކަމުގައިވާ ޙާލު، އެއީ ކުޑަކަމެއްކަމުގައި ތިޔަބައިމީހުން ހީކުރަމުއެވެ. ތިޔަބައިމީހުންނަށް އެވާހަކަ އަޑުއިވުނުހިނދު (މިހެން) ތިޔަބައިމީހުން ނުބުނީ ކީއްވެގެންހެއްޔެވެ؟ މިވާހަކަ ދެއްކުމަކީ ތިމަންމެން ކޮށްގެންވާނެ ކަމެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! މިއީ ބޮޑުވެގެންވާ ބުހުތާންދޮގެކެވެ." (ســـــورة الـــنّـــــــور: 16-15)
ކޮންމެ މުޖްތަމަޢެއްގެވެސް އަޚްލާޤީ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް އޮވެއެވެ. ޚާއްޞަކޮށް މުޅިދުނިޔެއަށް އަޚްލާޤީ އިޞްލާޙުތަކެއް ގެނެސް، އިންސާނުންގެ އަބުރާއި ޢިއްޒަތާއި ކަރާމަތް ރައްކާތެރިކުރުމުގެ ސިޔާސީ އަދި ތަމައްދުނީ ޙަރަކާތްތަކެއް ހިންގަމުންގެންދާ ބަޔެއްގެ މަސްއޫލިއްޔަތު ވަކިން ބޮޑެވެ. އެފަދަ ބަޔެއްގެ ތެރޭގައި އަސްލެއްނެތް ވިޔާނުދާ ވާހަކަތައް ޒިންމާދާރުކަމެއްނެތި ފެތުރެމުންދާނަމަ، އެކަމުގެ ސީރިއަސްކަން ވަކީން އިތުރުވެއެވެ. އިވޭ ކޮންމެ އަޑެއް، އެއްވެސް ވަރަކަށް އޭގެ ޙަޤީޤަތް ހޯދައި، އެވާހަކައިގެ އެކޮޅުމިކޮޅު ބަލައިލުމެއްނެތި ޤަބޫލުކުރާނަމަ، ކަމުގެ ނުރައްކާތެރިކަން ބޮޑުވެއެވެ. ވިސްނައިލަމާ ހިންގަވާށެވެ. ފިތުނައިގެ ޑަރޯގާއިން ކަށިކުނބުރު ގަސްތައް ހައްދަމުންގެންދާ ބަގީޗާއެއް ވާނީ ކޮންކަހަލަ ބަގީޗާއަކަށްތޯއެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާއާއި السّــيّــدة عـائشـــة صــدّيــقــــة رضـــى الـلّــه عــنـــهـــا އާއި، أبـــوبــكـــر الصّــدّيـــق އާއި صفــــــوان (رضــــــى اللّـــه عـنــهــما) ފަދަ ބޭބޭކަލުން މުނާފިޤަކު ދޫކޮށްލާ ބަހުގެ ވިހަގަދަ ތީރުން ރައްކާތެރިނުވާ މުޖްތަމަޢެއްގައި އޮންނާނީ ކާކުގެ ކޮން ޢިއްޒަތެއް ނުވަތަ އަބުރެއްތޯއެވެ.
ســـــورة الـــنّـــــــور ގެ ނިދާގެ އަޑު ހަރުވެއެވެ.
"ހަމަކަށަވަރުން ޢިއްފަތްތެރި، ޣަފްލަތްތެރި (އެބަހީ: ފާފަކުރުމުގެ ޚިޔާލެއްވެސް ނެތް) މުއުމިން އަންހެނުންނަށް ޤަޛުފުކުރާ މީހުންނަށް، ދުނިޔެއާއި އާޚިރަތުގައި ލަޢުނަތް ލައްވައިފައިވެއެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ." (ســـــورة الـــنّـــــــور: 23)
މި އާޔަތުގައިވަނީ، أمّ المــؤمــنـــيـــن السّــيّــدة عـائشـــة رضـــى الـلّــه عــنـــهـــا ގެ ޝަޚްޞިއްޔަތުވެސް ވަރަށް ފުރިހަމަޔަށް ބަޔާންކުރައްވައިފައެވެ. އެކަމަނާއަކީ އީމާންތެރި، ޢިއްފަތްތެރި ބޭކަނބަލެއްކަމެވެ. ފާފައަކަށް އަރައިވަޑައިގަތުމުގެ ފިކުރުފުޅެއް ނުވަތަ ޚިޔާލުފުޅެއްވެސް ނެތް ބޭކަނބަލެއްކަމެވެ. އެފަދަ ބޭކަނބަލެއްގެ އިސްތަށިފުޅުގައި ދޮގު ތުހުމަތެއް އެޅުވުމަކީ ދުނިޔޭގައިވެސް މާތް اللّــــه ގެ ލަޢުނަތްހުރި ކަމެއްކަމާއި، އާޚިރަތް ދުވަހުގެ ބޮޑުވެގެންވާ ޢަޛާބު ހުރި ކަމެއްކަން ވަނީ ބަޔާންކުރައްވައިފައެވެ.
އިސްލާމީ މުޖްތަމަޢުގައި އުފެދުނު ޠޫފާނީ ރާޅުތައް، ســـــورة الـــنّـــــــور ގެ ސަބަބުން މަޑުވެ، މުޖްތަމަޢު ތެމާވެ ހަމަހިމޭންވުމާއެކު، ހަމަ އެ ސޫރަތުގައިވަނީ ޤަޛުފުގެ ޙައްދުވެސް ބާވައިލައްވައިފައެވެ. ޢިއްފަތްތެރި އަންހެނުންނަށް ޤަޛުފުކުރާ މީހުން ހަތަރު ހެކިން ނުގެނެސްފިކަމުގައިވާނަމަ، އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރު ޖެހުމަށް ވަނީ އަމުރުކުރައްވައިފައެވެ.
އިންސާނީ ކަރާމާތާއި ޢިއްޒަތާއި އަބުރު ރައްކާތެރިކުރެއްވުމަށްޓަކައި ބާވައިލެއްވި މި ޤާނޫނުގެ ދަށުން ވަނީ އެބަޔެއްގެ އީމާންތެރިކަމާމެދު ކުޑަވެސް ޝައްކެއް ނުއުފެދޭ ތިންފަރާތަކާމެދުވެސް ފިޔަވަޅު އެޅިފައެވެ. مسطح بـــن أثــاثــــة އާއި، حسّـان بـــن ثـــابت (رضــــــى اللّـــه عـنــهــما) އާއި حمـنــــة بـنـت جـحــش رضـــــى اللّــــه عــنـــهـــا ގެ ގައިކޮޅުގައިވަނީ ޙައްދުޖެހިފައެވެ. މި ފިތުނަވެރި ވާހަކަ އުފައްދައި، ފެތުރި عـبــد اللّـــه بـــن أبــّــي بـــن ســلـــول ގެ ގައިގައި ޙައްދު ޖެހެވުނުކަމާމެދު މުއައްރިޚުންގެ މެދުގައި ވަނީ ޚިލާފު އުފެދިފައެވެ. ބަޔެއް ބޭކަލުން ވިދާޅުވާގޮތުގައި، އޭނާގެ މައްޗަށްހުރި އުޚުރަވީ ޢަޛާބު އިތުރުކުރެއްވުމަށްޓަކައި އޭނާގެ ގަޔަކު ޙައްދެއް ނުޖެހެވެއެވެ. ނަމަވެސް حـافـظ إبــــن حجــــر، الإمـــام حــاكـــــم ގެ އަރިހުން ރިވާކުރެއްވި ރިވާޔަތެއްގައިވާ ގޮތުން، އޭނާގެ ގައިގައިވެސް ޙައްދު ޖެހެވުނެވެ. ކޮންމެއަކަސް މި ޙާދިޘާއަށްފަހު އޭނާ މިފަދަ ވާހަކައެއް ފަތުރައި، ފިތުނައެއް އުފައްދަން އުޅެފިނަމަ، ޚުދު އޭނާގެ ޤަބީލާއިން އެކަމަކާމެދު ފިޔަވަޅު އަޅައެވެ. އޭނާ ހުއްޓުވައެވެ. އޭނާ ހުންނަނީ ވަރަށްބޮޑަށް "ހިމަކޮށް" ބާކީ ކޮށްފައެވެ.
(ނުނިމޭ)
ދީން
ދީން
ދީން
ދީން