ޕާކިސްތާނުގައި މިހަފުތާގައި ބޭއްވުނު އިންތިޚާބުގެ ނަތީޖާ ސިފައިންނާއި ވަގުތީ ސަރުކާރު ގުޅިގެން ގަޑުބަޑުކޮށްފައިވާ ކަމަށް ވިދާޅުވެ މި އިންތިޚާބުގައި ގޮނޑިއެއް ކާމިޔާބު ކުރެއްވި ބޭފުޅަކު އޭނާގެ ގޮނޑި އަމިއްލަފުޅަށް ދޫކޮށްލައްވައިފިއެވެ.

ދީނީ ޕާޓީއެއް ކަމަށްވާ ޖަމާއަތު އިސްލާމީ ޕާޓީގެ ލީޑަރެއް ކަމަށްވާ ހާފިޒު ނައީމުއްރަހުމާން ދޫކޮށްލެއްވީ ސިންދު ޕްރޮވިންސްގެ އެސެމްބްލީން އޭނާ ކާމިޔާބު ކުރެއްވި ކަރާޗީގެ ގޮނޑިއެކެވެ. ހާފިޒު ނައީމު ވިދާޅުވީ މި ގޮނޑިއަކީ ހަގީގަތުގައި އިމްރާން ޚާންގެ ޕާޓީ ކަމަށްވާ ތަހުރީކޭ އިންސާފު ޕާޓީން ތާއީދުކުރި ކެންޑިޑޭޓު ބޮޑު ތަފާތަކުން ކާމިޔާބު ކުރެެއްވި ގޮނޑިއެއް ކަމަށެވެ. އިމްރާނުގެ ސަޕޯޓަރުން ބަލިކުރުމަށްޓަކައި ސިފައިންނާއި ސަރުކާރު ގުޅިގެން ނަތީޖާ ގަޑުބަޑުކުރިއިރު އަސްލު މީހާގެ ވޯޓު މަދުކޮށްފައި ދެވަނަ މީހާގެ ވޯޓު އިތުރުކުރީ ކަމަށާއި އޭނާއަށް ގޮނޑި ލިބުނު ކަމަށް ދައްކަނީ އެގޮތުން ކަމަށްވެސް ވިދާޅުވިއެވެ.

ޖަމާއަތު އިސްލާމީ ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހާފިޒު ނައީމް ވިދާޅުވީ އޭނާ ގޮނޑި ބޭނުންވަނީ ހަލާލުގޮތުގައި ކަމަށާއި ވޯޓުން ވައްކަންކޮށްގެން ބަޔަކު ހިންގި ހަރާމް ހަރަކާތެއްގެ ބާރުގައި ގޮނޑިއެއް ބޭނުންނުވާ ކަމުގައެވެ. އެހެންވެ މި ގޮނޑި ދޫކޮށްލައްވަނީ ކަމަށްވެސް ވިދާޅުވިއެވެ.

ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަނުން ބުނަނީ އޮޅުވާލުމެއް މަކަރުހެދުމެެއް ނެތްކަމުގައެވެ. ހާފިޒު ނައީމު ދޫކޮށްލެއްވި ގޮނޑިއާމެދު ދެން އަމަލުކުރާނެ ގޮތަކާމެދު އެއްވެސް އެއްޗެއް ނުބުނެއެވެ. ހާފިޒު ނައީމު ތުހުމަތު ކުރައްވާފައިވާ ގޮތުން މި ގޮނޑިއަށް ތަހުރީކޭ އިންސާފު ޕާޓީގެ ތާއީދާއެކު ވާދަކުރެއްވި ސައިފް ބާރީއަށް ލިބިވަޑައިގެންނެވި ވޯޓުގެ ތެރެއިން އެގާރަހާސް ވޯޓު އިލެކްޝަން ކޮމިޝަނުން ވަނީ އުނިކޮށްފައެވެ. ވޯޓުފޮށިތަކުން ވައްކަންކޮށްފައިވަނީ މީގެކުރިން ޕާކިސްތާނުގައި ފެނިފައިނުވާ ސްކޭލެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.