އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކެޑަމީ (އައިބާ)ގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އައިބާ އޯޕަން ޖޫނިއާ ބެޑްމިންޓާން ޗެމްޕިއަންޝިޕް 2024 މިއަދު ފަށަން ތައްޔާރުވެއްޖެއެވެ.
މާލޭގެ އެކުވެނީގެ ބެޑްމިންޓަން ކޯޓުތަކުގައި މިއަދު ފަށަން ތައްޔާރުވެފައިވާ މުބާރާތުގައި ޖުމުލަ 225 ކުދިން ވާދަކުރާނެއެވެ. މީގެ ކުރިން 2022 ވަނަ އަހަރު އައިބާއިން ބޭއްވި މުބާރާތްވެސް ތަފާތު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، މިއީ އައިބާއިން ޖޫނިއާ މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. 2022 ވަނަ އަހަރުގެ މުބާރާތުގައި 185 ކުދިން ބައިވެރިވެފައިވެއެވެ. މުބާރާތުގެ މެޗުތައް މިއަދު ހަވީރުން ފެށިގެން ހޮނިހިރު ދުވަހުގެ ރޭގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
އައިބާގެ ފަރާތުން މިއަހަރުގެ މުބާރާތުގައި ބައިވެރިވާން ގްރޭޓާ މާލެ އޭރިއާގެ ސްކޫލްތަކާއި އެކަޑެމީތަކުގެ އިތުރުން ބެޑްމިންޓަނަށް ޝައުގުވެރިވާ ހުރިހާ ކުދިންނަށް ހުޅުވާލާފައިވާ އިރު، މުބާރާތުގައި ހަ އުމުރު ކެޓަގަރީއަކުން ކުދިން ވާދަކުރާނެއެވެ. އެއީ އަށް އަހަރުން ދަށާއި 10، 12، 14، 16 އަދި 19 އަހަރުން ދަށުގެ އުމުރުފުރާއިންނެވެ.
މުބާރާތުގައި އަށް އަހަރުން ދަށް ފިޔަވާ ކޮންމެ އުމުރުފުރާއެއްގައިވެސް އަންހެން އަދި ފިރިހެން ސިންގަލްސް އަދި ޑަބަލްސް މެޗުތައް ކުޅެވޭނެއެވެ. އަށް އަހަރުން ދަށުގެ މެޗުތައް ކުޅޭނީ ހާފް ކޯޓުގައެވެ.
އަޖުފާނަކީ ގައުމީ ބެޑްމިންޓަންގައި އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ. ގައުމީ މުބާރާތުގެ ތަށި ނުވަ ފަހަރަށް އަޖުފާން ހޯދާފައިވާ އިރު، އޭނާ ވަނީ 2006، 2007، 2008، 2009، 2010، 2011، 2015، 2018 އަދި 2019 ގައުމީ ސިންގަލްސްގެ ޗެމްޕިއަންކަން ހޯދައިފައެވެ. އޭގެ އިތުރުން އަޖުފާން ވަނީ އައިއޯއައިޖީންވެސް ރާއްޖެއަށް މެޑަލް ގެނެސްދީ، ބައިނަލްއަގުވާމީ މައިދާނުގައިވެސް ރާއްޖޭގެ ދިދަ ވިހުރުވާލައިފައެވެ.
އަޖުފާންގެ ކެރިއަރުގައި މިހާރު އެކަޑެމީގެ މަސައްކަތްތައް ކުރަމުންދާ އިރު، އޭނާގެ ތަޖުރިބާއިން ޒުވާން ޖީލެއް ބިނާކުރުމަށް މިހާތަނަށްވެސް ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.
އަޖުފާން އެކަޑެމީގެ ބެޑްމިންޓަން މުބާރާތުގެ ކޯ ސްޕޮންސަރަކީ އޮބިއޮންއެވެ. ކޭޓަރިން ޕާޓްނަރަކީ ލޫސީސްއެވެ. ބެވަރޭޖް ޕާޓްނަރަކީ ކޮކާކޯލާ ކޮމްޕެނީއެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން