ރާއްޖޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަން ފެށުމުން ޑޮލަރު ތިޔާގިވެ ޑޮލަރު ލިބުން ފަސޭހަ ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު"ގައި، މާފުށީގައި ޑޮލަރު އޭޓީއެމެއް ބެހެއްޓޭނެ ތާރީހާ ގުޅޭ ގޮތުންނާއި ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުވާނީ ކޮން އިރަކުންތޯ އާއްމު މީހަކު ރައީސާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، އިގްތިސޯދީ ރީފޯމް ގެނެވުމުން ޑޮލަރުގެ ތާށިކަން ހައްލުވާނެ ކަމަށެވެ.

"ބިޔަ ބޮޑެތި މަޝްރޫއުތައް ހިންގަން ފެށީމާ، އިންވެސްޓްމަންޓްތައް ގިނަވާން ފެށީމާ ޑޮލަރު ތިޔާގިވާނެ، އިރާދަކުރެއްވިއްޔާ ޑޮލަރު ލިބޭލެއް ފަސޭހަވާނެ" ރައީސް ވިދާޅުވިއެވެ.

ޑޮލަރުގެ ވިޔަފާރި ރެގިއުލޭޓު ނުކުރެވި، ބްލެކް މާކެޓުގައި ޑޮލަރެއް މިހާރު އުޅެނީ 18 ރުފިޔާއިން މަތީގައެވެ. ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާއެވެ.

ރައީސް ވިދާޅުވީ، މާފުށީގައި ޑޮލަރު އޭޓީއެމެއް ބެހެއްޓުން ވަރަށް މުހިންމު ކަމަށާއި ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަފުޅު ދައްކަވައިގެން މި އަހަރުގެ ތެރޭގައި އެކަން ހަގީގަކަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.

މާފުއްޓަކީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާގައި ރަށެވެ.

ރާއްޖޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަން ފެށުމުން ޑޮލަރު ތިޔާގިވާނެ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ވިދާޅުވެފައެވެ. ސައީދު ވިދާޅުވި ގޮތުގައި، ޑޮލަރުގެ މައްސަލައަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭން ނަގާ ބޭރުގެ ލޯނުތައް ދެއްކުމަށް އުފައްދާފައި އޮންނަ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދިޔަ ޑޮލަރު ކުރީ ސަރުކާރުން ނަގައި ހުސްކޮށްފައި އޮތުމެވެ.