ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ފުލެޓުތަކުގައި އިތުރު ލިފްޓެއް ހަރުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝެންޔަންގް ޔުއާން އިންޓަލެކްޗުއަލް ގްރޫޕްއާ ހަވާލުކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކޮށް، މިހާރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

"މުޅި ޖުމުލަކޮށް 32 އާ ލިފްޓު ބެހެއްޓިގެންދާނެއެވެ. އެއީ ކޮންމެ ފުލެޓަކަށް އިތުރު ޕެސެންޖާ އަދި ސްޓެރެޗާ ލިފްޓެކެވެ. މި މަޝްރޫއުގެ މަސައްކަތް މިހާރު ފެށިފައިވާއިރު މި މަސައްކަތް އެއް އަހަރު ދުވަސް ތެރޭ ނިމިގެންދާނެއެވެ.،" އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ އެ މަޝްރޫއަކީ ހިޔާ ފުލެޓުތަކުގައި ދިރިއުޅެމުންދާ މީހުންނަށް ލިފްޓުގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. އަލަށް ހަރުކުރާ ލިފްޓުތައް ހަރުކޮށް ނިމުމުން ލިފްޓުގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު މަދުވެގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހިޔާ ފުލެޓުތަކުގައި އިތުރު ލިފްޓެއް ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ވަނީ މީގެ ކުރިން މާލޭ ސިޓީ މޭޔަރުގެ މަގާމުގެ ބައި އިލެކްޝަންގައި ވިދާޅުވެފައެވެ.