ދިރާގުން އިންތިޒާމުކޮށްގެން ބާއްވާ އީސްޕޯޓްސް މުބާރާތް، "އީއޭއެފްސީ 24 މިނީ ސީރީޒް 1"އަށް ރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އީއޭއެފްސީއަކީ ރާއްޖޭގެ ހުރިހާ އުމުރުފުރައެއްގެ ކުޅުންތެރިންވެސް ކުޅޭ މަޝްހޫރު ކޮންސޯލް ގޭމެކެވެ. އެގޮތުން ދިރާގު އީއޭއެފްސީ 24 މިނީ ސީރީޒް 1 ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 އިން 24ގެ ނިޔަލަށް ދިރާގު ދިރާގު ހެޑް އޮފީހުގައެވެ. އޭގެ އިތުރުން އެ އިވެންޓުގެ ތެރޭގައި އިތުރު ގޭމިން އިވެންޓުތައްވެސް ކުރިއަށްދާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.
- ޗެމްޕިއަން: 12،000 ރުފިޔާ
- ރަނަރަޕް: 8000 ރުފިޔާ
- ތިންވަނަ: 4000 ރުފިޔާ
- ހަތަރުވަނަ: 2000 ރުފިޔާ
- ފަސްވަނަ، ހަވަނަ، ހަތްވަނަ އަދި އަށްވަނަ: ކޮންމެ ވަނައަކަށް 1000 ރުފިޔާ
ދިރާގުން ބުނީ އެ މުބާރާތަށް ޝައުގުވެރިވާ ފަރާތްތަކަށް https://esports.dhiraagu.com.mv/registration މެދުވެރިކޮށް މިމަހުގެ 20 ވަނަ ދުވަހުގެ 23:59ގެ ނިޔަލަށް ރަޖިސްޓަރީ ކުރެވޭނެ ކަމަށާއި މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 15 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް ކަމަށެވެ. އޭގެ އިތުރުން މުބާރާތުން ޖާގަ ހޯދުމަށް ވީހާވެސް އަވަހަކަށް ރަޖިސްޓަރީވުމަށް ދިރާގުން ވަނީ އިލްތިމާސްކޮށްފައެވެ.
އީއޭއެފްސީ 24 މިނީ ސީރީޒް 1 މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ކުޅިވަރުތަކާއެކު މުޅި އަހަރަށް ބަހާލައިގެން ދިރާގުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އީސްޕޯޓްސް މުބާރާތްތަކުގެ ބައެކެވެ. އެގޮތުން މިދިޔަ މަހު ދިރާގުން ވަނީ މީގެ އެންމެ ފުރަތަމަ މުބާރާތް ކަމަށްވާ މޮބައިލް ލެޖެންޑްސް މިނީ ސީރީޒް 1 ބާއްވައިފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ގޭމަރުންގެ ފަރާތުން ވަނީ އެ މުބާރާތަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ މަގުސަދަކީ ރާއްޖޭގެ އީސްޕޯޓްސް އިތުރަށް ތަރައްގީކޮށް ކުރިއަރުވައި، ދިވެހި އީސްޕޯޓްސް އިތުރު ހަރުފަތަކަށް ގެންދިއުމަށް ރާއްޖޭގެ ގޭމިން ކޮމިއުނިޓީއާ ގުޅިގެން މަސައްކަތްކުރުން ކަމަށެވެ.
ޚަބަރު
ޚަބަރު