މަގުމަތީގެ ޓްރެފިކުގެ ކަންކަން ހަރުދަނާކުރުމަށް އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްދާ ވޯލްޑް ގަވަމެންޓް ސަމިޓުގައި މިއަދު ދެއްވި ތަގުރީރެއްގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އަމާޒަކީ ރާއްޖޭގެ އިދާރީ ހިންގުމުގައާއި އެހެނިހެން ކަންކަމުގައި ވެސް ޒަމާނީ ޓެކްނޮލޮޖީ ބޭނުން ހިފުން ކަމަށެވެ.
"އަޅުގަނޑުގެ ރިޔާސީ މެނިފެސްޓޯގައި ބަޔާންކޮށްފައިވާނެ ސަރުކާރުގެ އޮފީސްތަކުގައި ކަރުދާސް މަދުކުރުމަށާއި ވަން-ސްޓޮޕް-ޝޮޕް އަށް ނުވަތަ ކައުންޓަރުގެ ހިދުމަތްތަކަށް އެއް ކައުންޓަރަކުން ހައްލު ހޯދުމަށް. އަދި ހިމެނިފައިވާނެ ފުޅާ ދާއިރާއެއްގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ހިފައި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އީ-ކޮމާސް، އޮޓޮމޭޝަން، ބްލޮކްޗެއިން އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ރާއްޖެ ކުރިއެރުވުމަށް ކުރިއަށް އޮތް ފަސް އަހަރު ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ މަސައްކަތުގެ ތެރޭގައި ޓެކްނޮލޮޖީ ބޭނުން ކުރުމުގެ ސަބަބުން ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ޑިމޮކްރެޓިކް މަރުހަލާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެ މުޖުތަމައުގެ ތެރޭގައި ޒިންމާދާރު ކުރުވުމުގެ ސަގާފަތެއް އުފެދޭނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ހަމައެކަނި ޓޫރިޒަމް އިންޑަސްޓްރީގެ މައްޗަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމަށެވެ. އިގުތިސޯދު އެހެން ދާއިރާތަކަށް ޑައިވާސިފައި ކުރުމުގެ ގޮތުން ޓްރާންޝިޕްމެންޓު ބަނދަރެއްގެ މަސައްކަތުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ބިނާވެފައިވަނީ އީޖާދީ ވިސްނުންތަކުގެ މައްޗަށް. އީޖާދީ ވިސްނުންތަކުގެ އަލީގައި ސްޓްރެޖެޓިކް އިންފްރާސްޓްރަކްޗާ ޑިވެލޮޕްކުރުމަކީ މައިގަނޑު މަސައްކަތެއް. އެކި ހިސާބުތަކުގައި އާބަން ސެންޓަރުންތައް ގާއިމުކުރުމަށް ވަނީ ނިންމާފަ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އާބަން ސެންޓަރެއްގެ ގޮތުގައި އެންމެ ފުރަތަމަ ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނީ މާލެ ކައިރިން ރަސްމާލެ ކަމަށެވެ. އިގުތިސޯދީ ގޮތުން ރާއްޖެ ބަދަލުކޮށްލާނެ ފަދަ މަޝްރޫއުތަކަށް ޔޫއޭއީ ކަހަލަ ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި ވިދާޅުވީ މި ޒަމާނުގައި އެފިޝެންސީ އިތުރުކުރުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފަން ޖެހޭނެ ކަމަށެވެ. އެ މަނިކުފާނުގެ އަމާޒަކީ ޒަމާނީ އެފަދަ ޓެކްނޮލޮޖީގެ ތަކުގެ އެހީގައި ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވައި، އިންވެސްޓަރުން ގަޔާވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުން ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު