ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު، ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 40 ދާއިރާއަކަށް ކެންޑިޑޭޓުން ވާދަކުރަން ނިންމައި އޭގެ ތެރެއިން 15 ކެންޑިޑޭޓެއްގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް މިއަދު ހުށަހަޅައިފިއެވެ.
ޔާމީންގެ ތާއީދާ އެކު މަޖިލިސް އިންތިހާބަށް ކުރިމަތިލައްވާ ބައެއް ބޭފުޅުންގެ ފޯމު އީސީއާ ހަވާލުކޮށްދެއްވީ ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ބޭފުޅުން އީސީއަށް މިއަދު ވަޑައިގެންނެވެ.
ފޯމުތައް ހަވާލުކުރުމަށްފަހު އިންތިހާބާ ބެހޭ މައި މަރުކަޒު، ދަރުބާރުގޭގައި ހުންނަވައި ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ކުރީގެ ޓެކްނޮލެޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ، ޔާމީންގެ ތާއީދާ އެކު މިފަހަރުގެ މަޖިލިސް އިންތިހާބާގައި 40 ބޭފުޅަކު ވާދަކުރައްވާނެ ކަމަށާއި އެ ކެންޑިޑޭޓުންނަކީ ކޮބައިކަން ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށެވެ.
"މި އިންތިހާބުގައި ގާތްގަނޑަކަށް 40 ބޭފުޅުން ވާދަކުރައްވާނެ ރައީސް ޔާމީންގެ އެންޑޯޒްމަންޓް ލިބިވަޑައިގެން. އޭގެ އިތުރުން ޕީއެންސީގައިވެސް އެބަ ތިއްބެވި ރައީސް ޔާމީނަށް ތާއީދުކުރައްވާ ވަފާތެރި އެމްޕީންގެ ގޮތުގައި ވާދަކުރައްވާ ބޭފުޅުން. އެހެންވީމާ އެ ބޭފުޅުންނަށްވެސް ވޯޓުލެއްވުމަކީ އަޅުގަނޑުމެން އެދޭ އެދުމެއް،" މަލީހު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ، ޕީއެންއެފް އަދި ރަޖިސްޓަރީ ނުވެ އޮތުމުން ރައީސް ޔާމީންގެ އެންޑޯޒްމަންޓާއެކު ވާދަކުރައްވާ ކެންޑިޑޭޓުން ވާދަކުރައްވާނީ އަމިއްލަގޮތުން ކަމަށެވެ. ނަމަވެސް ވޯޓު ކަރުދާހުގައި ޕީއެންއެފްގެ ކުލަ ކަމަށްވާ ދަނބުކުލަ ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ މާދަމާ އިތުރު ކެންޑިޑޭޓުންގެ ފޯމުތައް ހުށަހަޅުއްވާނެ ކަމަށާއި ފޯމުތައް ހުށަހެޅުން ލަސްވަނީ، ކުށުގެ ރެކޯޑު ސާފުކުރުމަށް ވަގުތު ނަގާތީ ކަމަށެވެ.
މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މާދަމާއަށް ހަމަވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު