ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން މީހުންނަށް ފްލެޓް ދިނުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ފެނިގެން ފްލެޓް ދިނުން ހުއްޓުވުމަށްފަހު، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަހުގީގުގައި ފްލެޓް ލިބޭ ކަމަށް ޝަރުތު ކަމަވާ ކަމަށް ކަނޑަަޅައި މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓަށް ފޮނުވާފައިވަނީ 824 މީހުންގެ ލިސްޓެއް ކަމަށް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ފްލެޓާ ގުޅުންހުރި މައްސަލަތަކާ ބެހޭގޮތުން ރައްޔިތުންގެ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން އެ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޝަރުތު ހަމަވާ ކަމަށް އޭސީސީން ފޮނުވާފައިވާ ލިސްޓުން އެއީ ކޮންބައެއްކަން ނޭނގޭ ކަމަށެވެ.

އެލިސްޓްގައި ހުރީ ފޯމު ނަމްބަރުތަކެއް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ފްލެޓް ލިބިފައި ވަނީ ކޮން ބަޔަކަށްކަން އެނގޭނީ ފްލެޓަށް ހުށަހެޅި މިނިސްޓްރީގެ ޕޯޓަލްއަށް އެކްސެސް ވެގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ޕޯޓަލް އަށް އެކްސެސް ނުވެވިގެން އުޅެނީ އޭސީސީން ކުރިއަށް ގެންދާ އެ މައްސަލައިގެ ތަހުގީގު ނުނިމިގެން ކަމަށެވެ. ފްލެޓް ދޫކުރަން ފަށާނީ އެ ޕޯޓަލްގެ އެކްސެސް ލިބި ޝަރުތު ހަމަވާ މީހުންނަކީ ކޮބައިތޯ ބަލައި، އޭސީސީން ދިން ލިސްޓްގައި ހިމެނޭ މީހުންނަކީ ޝަރުތު ފުރިހަވާ މީހުންތޯ، މިނިސްޓްރީންވެސް ބަލައި އެމީހުންނަށް ގުޅައިގެން ގެނެސްގެން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި މިނިވަން ކޮމިޓީއެއް އެކުލަވައިލުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދެތިން ދުވަހުގެ ތެރޭގައި ޕޯޓަލަށް އެކްސެސް ލިބޭނެ ކަމަށް އޭސީސީން ބުނެފައިވާ ކަމަށެވެ. އެހެންކަމުން އަންނަ ހަފުތާގައި ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެ ހުރިހާ ފަރާތަކަށް ފްލެޓް ހަވާލުކޮށް ނިންމައިލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.