ޕާކިސްތާނުގެ ރައްޔިތުން އެ ގައުމުގެ އާއްމު އިންތިޚާބުގައި ވޯޓު ލައިފިއެވެ. ބަސްބުނެ އިއްވައިފިއެވެ. ބޭނުންވާ ގޮތް ބުނެދީފިއެވެ. އަސްކަރިއްޔާއިން މި އަޑު އަހައިފި ބާވައެވެ. ދީލާލާނެ ބާވައެވެ. އެކަން އަދި ޔަގީނެއް ނޫނެވެ. މި އިންތިޚާބަކީ ޕާކިސްތާނުގެ ވެރިކަމުން އިމްރާން ޚާނާއި އޭނާގެ ތަހުރީކޭ އިންސާފު ޕާޓީ 2022 ވަނަ އަހަރު ދުރުކުރުމަށްފަހު ގައުމުގެ ކުރިމަގު ކަނޑައެޅުމަށްޓަކައި ބޭއްވުނު އިންތިޚާބެކެވެ. އިމްރާން ޚާނުގެ ވެރިކަން ނިމުމަކަށް ގެނައުމުގައި އެއްގަލަކަށް އަރައިގެން އުޅުނީ ބާރުގަދަ ތިން ފަރާތަކުންނެވެ. އެންމެ ފުރަތަމަ އެ ގައުމުގެ އަސްކަރިއްޔާއެވެ. އަސްކަރިއްޔާއަކީ ދައުލަތެއްގެ ތެރޭގައިވާ ވަކި ދައުލަތެއްފަދަ މުއައްސަސާއެކެވެ. އަސްކަރިއްޔާއަށްފަހު ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ނަވާޒު ޝަރީފާއި އޭނާގެ މުސްލިމް ލީގު ޕާޓީއެވެ. ދެން ބިލަވާލް ބުއްޓޫގެ ޕީޕަލްސް ޕާޓީއެވެ. ބިލަވާލަކީ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ބޭނަޒީރު ބުއްޓޫގެ ދަރިކަލުންނެވެ.

އިމްރާން ޚާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު ފާއިތުވި ދޮޅުއަހަރު ވެރިކަން ކޮށްފައިވަނީ އަދި މިހާރުވެސް ކުރަމުންދަނީ ފަހަތުގައި ބާރުދޭން އަސްކަރިއްޔާ އޮވެގެން ނަވާޒުގެ މުސްލިމް ލީގާއި ބިލަވާލްގެ ޕީޕަލްސް ޕާޓީގެ ކޯލިޝަނަކުންނެވެ. ފާއިތުވި ދޮޅު އަހަރުގެ ތެރޭގައި އެކި ފޯމިއުލާތައް ބޭނުންކޮށްގެން އެކި ރޭވުންތައް ރާވައިގެން ކުރިން ދެންނެވި ތިން ބާރު ގުޅިގެން މިފަހަރުގެ އިންތިޚާބު ފަރުމާކުރީ ކޮންމެ ގޮތެއް ހަދާފައިވެސް އިމްރާން ޚާނުގެ ތަހުރީކޭ އިންސާފު ޕާޓީއާއި އޭނާގެ ސަޕޯޓަރުންނަށް ވެރިކަމާ ގާތްނުވެވޭ ގޮތަށެވެ. ނަވާޒު ޝަރީފަށް ނުވަތަ ބިލަވާލަށް ވެރިކަން ލިބޭގޮތަށެވެ. ވޯޓު އޮޅުވާލައި މަކަރު ހަދައިގެންވިޔަސް މެއެވެ. މޯބައިލް އިންޓަރނެޓް ކަނޑާލައިގެން ރައްޔިތުން އޮޅުންބޮޅުންތަކެއްގެ ތެރޭގައި ބައިތިއްބައިގެންވިޔަސް މެއެވެ. މިހުރިހާ ރޭވުންތައް އެންމެފަހުން ދިޔައީ ތޮޅިއަށެވެ. ރައްޔިތުން ނުކުމެ އަސްކަރިއްޔާގެ ކަންކަށިމަތީގައި ޖެހީ ވަރަށް ވަރުގަދަ ތަފާލެކެވެ.

ރައްޔިތުންގެ ގިނަބަޔަކު ބުނީ އަދިވެސް، ދެންވެސް، އަބަދަށްވެސް ބޭނުންވަނީ އިމްރާން ޚާން ކަމުގައެވެ. ނަތީޖާ ސާފުވިއިރު ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ކުރެވޭ 266 ގޮނޑީގެ ތެރެއިން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އިމްރާނުގެ ސަޕޯޓަރުންނެވެ. ޖަލުގައި ހުންނެވިޔަސް، އިންތިޚާބެއްގައި ވާދަކުރެއްވުމުގެ ހައްގު ނިގުޅައިގެންފައިވިޔަސް، އިމްރާނުގެ އިސް އެހީތެރިންގެ ކެންޑިޑެސީ ބާތިލްކޮށް ތަހުރީކޭ އިންސާފު ޕާޓީ ސަސްޕެންޑް ކުރިޔަސް، މިފަހަރުގެ އިންތިޚާބުގައި އިމްރާނުގެ ސަޕޯޓަރުން ވާދަކުރިއެވެ. އެކިއެކި ޖަމާއަތްތަކުގެ ފަރާތުންނާއި އަމިއްލަ ގޮތުންނެވެ. އިމްރާނުގެ ސަޕޯޓަރުންނަކީ ކޮބައިކަން ރައްޔިތުންނަށް އެނގެއެވެ. ނަތީޖާ ސާފުވިއިރު އިމްރާނުގެ ސަޕޯޓަރުން ވަނީ ގާނޫނުހަދާ މަޖިލީހުގެ ސަތޭކަ ދިހައަކަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. ނަވާޒު ޝަރީފުގެ މުސްލިމް ލީގަށް ލިބުނު ގޮނޑީގެ އަދަދު 80 އަށްވެސް ނާރައެވެ. ބިލަވާލްގެ ޕީޕަލްސް ޕާޓީއަށް ލިބުނު ގޮނޑީގެ އަދަދު ފަސްދޮޅަހަށްވެސް ނާރައެވެ.

އެހެންވީމާ ގާނޫނުހަދާ މަޖިލީހުގައި މިފަހަރު އެއޮތީ އިމްރާން ޚާނުގެ ބާރެވެ. މިފަހަރުގެ އާއްމު އިންތިޚާބާ އެކުއެކީގައި އެކި ޕްރޮވިންސްތަކުގެ ސަރަހައްދީ އިންތިޚާބުގެ ވޯޓުލުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޕަންޖާބު ޕްރޮވިންސްގެ އެސެމްބްލީގެ ކޮންޓްރޯލް ވަރަށް ކުޑަ ތަފާތަކުން ނެގީ ނަވާޒު ޝަރީފުގެ ޕާޓީއެވެ. ސިންދު ޕްރޮވިންސްގެ ކޮންޓްރޯލް ނެގީ ބިލަވާލްގެ ޕާޓީންނެވެ. ޚައިބަރު ޕަޚްތުންޚުވާގެ ކޮންޓްރޯލް ބޮޑު ތަފާތަކުން ނެގީ އިމްރާނުގެ ސަޕޯޓަރުންނެވެ. ބަލޫޗިސްތާނުގައި އެއްވެސް ބަޔަކަށް ކޮންޓްރޯލެއް ނުނެގުނެވެ. އެތަނުގައި ސަރަހައްދީ ސަރުކާރެއް ހަދަންޖެހެނީ ކޯލިޝަނެއްގެ ތެރެއިންނެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން ޕާކިސްތާނުގައި އާއްމު އިންތިޚާބު މިބޭއްވުނީ ރައްޔިތުންގެ މެދުގައި އެންމެ މަގްބޫލު ލީޑަރު އިމްރާން ޚާން ހުރަގެޔަށްލައި އޭނާގެ މައްޗަށް ބަރިބަރިޔަށް ހުކުމް ޖެހުމުގެ ސިލްސިލާއެއްގެ ތެރެއިންނެވެ. އަބުރާއި ޝަޚުސު ކަތިލުމުގެ އޮއިވަރެއްގެ ތެރެއިންނެވެ.

މިއިން ކޮންމެ ސަރިޔަތެއްގައި އަދި ހުކުމެއްގައި ޖެހިފައިވަނީ ސިޔާސީ ކުލައެވެ. މިއިން އެއްޗެއްގެ އިންސާފުވެރިކަމާމެދު ސުވާލު ނުކުރާ މީހަކު ނޫޅެއެވެ. އުމުރުފުޅުން މިހާރު 71 އަހަރުވީ އިމްރާން ޚާން އެންމެ ފުރަތަމަ ޖަލަށް ލެވުނީ ހުސްވި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ނިމިގެންދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކޮންމެވެސް ކޯޓަކުން އޭނާގެ މައްޗަށް އަނެއްކާވެސް ސާދަ އަހަރުގެ އިތުރު ހުކުމެއް ވަނީ އިއްވައިފައެވެ. މިއީ ބޮޑުވަޒީރު ކަމުގެ ދުވަސްވަރު ބޭރު ގައުމުތަކުން އޭނާއަށް ލިބިވަޑައިގެންނެވި ހަދިޔާތައް ވިއްކަވައި އެފައިސާ އަމިއްލަ ކުރެއްވިކަމުގެ ދައުވާއަކާ ގުޅޭ ހުކުމެކެވެ. އަދި މިއީ އިމްރާނުގެ މައްޗަށް އިއްވިފައިވާ ހުކުމްތަކުގެ ތެރެއިން މިހާތަނަށް އެންމެ ދިގު ހުކުމެވެ. މިދެންނެވި ހުކުމުގެ އެއްދުވަސް ކުރިން އަދި އެހެން ހުކުމެއްވެސް ވަނީ އިއްވައިފައެވެ. އެހެން ކޯޓަކުންނެވެ. އެއީ ދިހަ އަހަރުގެ ހުކުމެކެވެ. މިއީ ޑިޕްލޮމެޓިކް ކޭބަލްތަކެއް ލީކުކުރައްވައި ޕާކިސްތާނުގެ ގައުމީ ސިއްރުތައް ބޭޒާރު ކުރެއްވުމުގެ ތުހުމަތާ ގުޅޭ ހުކުމެކެވެ.

އެބުނާ ކޭބަލަކީ ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި އިމްރާން ދެމިހުންނަވައިފިނަމަ އެމެރިކާއާއި ޕާކިސްތާނުގެ ގުޅުމަށް ފޯރާންއޮތް ގެއްލުމާމެދު ޕާކިސްތާނުގައި ހުންނެވި އެމެރިކާގެ ސަފީރު އެމެރިކާގެ ޚާރިޖިއްޔާއަށް ފޮނުއްވި ކޭބަލެކެވެ. ބޮޑުވަޒީރުކަމުން އިމްރާން ޚާން 2022 ވަނަ އަހަރު ދުރުކުރުކުރުމުގެ ފަހަތުގައި އެމެރިކާގެ ނުފޫޒު އޮތްކަން ދެއްކެވުމަށް އެބުނާ ކޭބަލެއްގެ ވާހަކަ ވަރަށް ގިނައިން އިމްރާން ދެއްކެވިއެވެ. ކުރިން ދެންނެވި ދެ ހުކުމަށް އެއްމަސް ނުވަނީސް އަނެއްކާވެސް މި ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު އައު ހުކުމެއް ވަނީ އިއްވައިފައެވެ. މިފަހަރު ހަތް އަހަރުގެ ހުކުމެކެވެ. މިއީ 2018 ވަނަ އަހަރު ބުޝްރާ ބީބީއާއި އިމްރާން ޚާން ކުރެއްވި ކައިވެނިފުޅަކީ އިސްލާމީ ހަރާން ކައިވެންޏެއް ކަމަށް ނިންމައި ހިލޭ އަންހެނަކާއެކު އެއްދާން ކުރުމުގެ ކުށުގައި އިއްވުނު ހުކުމެކެވެ. މިވަރަކުން އަދި ނުނިމެއެވެ. ކުރިއަށް އޮތް ދިހަ އަހަރު އެއްވެސް އިންތިޚާބެއްގައި އޭނާއަށް ވާދަނުކުރެއްވޭނެ ކަމަށްވެސް ހުކުމް ނެރެފައިވެއެވެ.