ބްރެޒިލްގެ މިހާރުގެ ރައީސް ލޫލާ ޑަސިލްވާއާ ދެކޮޅަށް ބަޣާވާތެއް ރާވައި ވެރިކަން ބަދަލުވިޔަ ނުދޭން މަސައްކަތް ކުރުމުގެ ކުށުގައި ކޯޓު އަމުރެއްގެ ދަށުން ބްރެޒިލްގެ ކުރީގެ ރައީސް ޖައިރު ބޮލްސޮނާރޯގެ ޕާސްޕޯޓް އެގައުމުގެ ފުލުހުން ހިފަހައްޓައިފިއެވެ. ބޮލްސޮނާރޯގެ އިތުރަށް އޭނާގެ ކެބިނެޓުގައި ހިމެނުނު ހަތަރު ވަޒީރަކާއި ރިޔާސީ އެހީތެރިންގެ ދިހަބާރަ މީހެއްގެ މައްޗަށްވެސް މި ކުށުގެ ދައުވާ އުފުލިފައިވެއެވެ.

ބޮލްސޮނާރޯގެ މައްޗަށް ކުރެވޭ ތުހުމަތަކީ ބްރެޒިލްގައި އެންމެފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގައި އޭނާ ބަލިވުމުން އެ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް ވެެރިކަމުގައި ދެމިހުރުމަށް މަސައްކަތް ކުރުމުގެ ތުހުމަތެވެ. ފުލުހުންނާއި ސިފައިންގެ ވެރިންގެ އެހީތެރިކަން ހޯދައިގެން ކުއްލި އަމުރުގެ ގާނޫނު ހިންގައި އިންތިޚާބުގެ ނަތީޖާ ކެންސަލް ކުރުމާއެކު ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ބޮލްސޮނާރޯއާ ދެކޮޅު ދެ ފަނޑިޔާރަކު ހައްޔަރު ކުރަން އުޅުމުގެ ތުހުމަތެވެ. މިކަންކަން ކުރުމަށްޓަކައި ބޮލްސޮނާރޯގެ އެހީތެރިން ތައްޔާރުކުރި ރިޔާސީ ގަރާރު އެޑިޓްކުރީވެސް ބޮލްސޮނާރޯ ކަމަށް ބުނެވެއެވެ. މިއިން އެއްވެސް ރޭވުމެއް ތަންފީޒު ނުކުރެވުނީ ސިފައިންނާއި ފުލުހުންގެ ވެރިން މިކަމަށް އެއްބަސް ނުވުމުންނެވެ.

ބްރެޒިލްގައި ބޮލްސޮނާރޯ އާއި އޭނާގެ އެހީތެރިން ކުރަން އުޅުނު ބަޣާވާތް ނާކާމިޔާބުވުމުން އައު ރައީސް ލޫލާ ޑަސިލްވާ މަގާމުގެ ހުވައިކުރެއްވި ދުވަހު އެ ރަސްމިއްޔާތު ފެށުމުގެ ކުރިން ބޮލްސޮނާރޯ ވަނީ ގައުމު ދޫކޮށް އެމެރިކާއަށް ގޮސްފައެވެ. އެތަނުގައި ދުވަސްތަކަކު އުޅުމަށްފަހު އެނބުރި ބްރެޒިލްއަށް ދިޔައިރު އޭނާއާ ދެކޮޅަށް އެތައް މައްސަލައެއްގެ ދައުވާތައް ވަނީ އުފުލިފައެވެ. މި ދައުވާތަކަށް ފިލުމަށްޓަކައި އަލުން ގައުމުން ބޭރަށް ހިނގައިދާނެތީ އޭނާގެ ޕާސްޕޯޓް ހިފަހެއްޓުމުގެ އަމުރު ނެރުއްވީ ކުރިން ހައްޔަރު ކުރުމުގެ އަމުރެއް ނެރެން ބޮލްސޮނާރޯ މަސައްކަތްކުރި ސްޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރެކެވެ.

ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކުރުމާ ގުޅިގެން ބޮލްސޮނާރޯ ބުނެފައިވަނީ ރައީސް ލޫލާގެ ސަރުކާރު އުޅެނީ އޭނާއާ އަޅައިގަނެގެން ނެއްޓެންވެސް ނޭނގިފައި ކަމަށެވެ. ބްރެޒިލްގެ ރައީސަކީ މިހާރު އޭނާ ނޫންކަމަށާއި ހަމަނޭވާލައިގެން ދިރިދުނިޔޭގައި އުޅުނަދިނުމަށްޓަކައި އޭނާ ހަނދާން ނައްތައިލުމަށްވެސް ބޮލްސޮނާރޯ ވަނީ ގޮވާލައިފައެވެ.