ތިލަފުށި ދެވަނަ ފިޔަވަހިން 120 ހެކްޓަރުގެ ބިން ހިއްކައި، މަސައްކަތް ނިންމާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ، ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ހިންކަން ހަމަޖެހިފައިވާ އޭރިއާ އޭ، ބީ، އީ އަދި އެފްގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ޖުލުމަ 120 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާ އިރު، މިހާރު ކުރިއަށް ދަނީ އޭރިއާ އީ ގެ ބިން ހިއްކި ސަރަހައްދު ލެވެލް ކުރުމުގެ މަސައްކަތްތައް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް އެރިއާ އޭ، ބީ، އީ އަދި އެފް ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ އެޗްޑީސީ އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އޭރިއާ "އޭ"، "ބީ"، "އީ" އަދި "އެފް" ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު 14، 2023 ގައެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޖުމުލަ ހަ ސަރަހައްދެއް ހިއްކަން ނިންމިއެވެ. އޭގެ ތެރެއިން އޭރިއާ ސީން 20 ހެކްޓަރު އަދި އޭރިއާ ޑީން 9.6 ހެކްޓަރު ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރީން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްގެން ވަނީ މިދިޔަ އަހަރު ހިއްކައި ނިންމާލައިފައެވެ.

ތިލަފުށީގެ ބިންހިއްކައި ތަރައްގީ ކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތައް ހޯދައިދިނުމެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް އިންގިލާބީ ކުރިއެރުމެއް ލިބި މާލެ ސަރަހައްދު ތަރައްގީ ކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށާއި އިންޑަސްޓްރިއަލް މަސައްކަތްތައް މާލެ ސަރަޙައްދުން ތިލަފުށްޓަށް ބަދަލުކުރުމުން މުޖަތަމައަށް އަދި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ކުޑަކުރެވިގެން ދާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.