އެފްރިކާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، އެފްކޯންގެ މިއަހަރު ގްރޫޕް ސްޓޭޖުގައި އައިވޮރީ ކޯސްޓް މޮޅުވީ އެންމެ މެޗަކުންނެވެ. އަމިއްލަ ގައުމުގައި ކުޅެމުންދިޔަ އައިވޮރީ ކޯސްޓުން މޮޅުވީ މުބާރާތް ހުޅުވުމުގެ ގޮތުން ގީނީ ބިސާއާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ.

ދެވަނަ މެޗުގައި ނައިޖީރިއާ އަތުން ބަލިވެފައިވަނިކޮށް ތިންވަނަ އަދި ފަހު މެޗުގައި އިކުއެޓޯރިއަލް ގީނީއަތުން ވީ ބޮޑު ބައްޔެކެވެ. އެއީ އެފްކޯންގެ ތާރީހުގައިވެސް ހޯސްޓް ގައުމަކަށް ކުރިމަތިވި އެންމެ ބޮޑު ބައްޔެވެ.

ބައްޔާއެކު އައިވޮރީ ކޯސްޓުން މުބާރާތުން ކެޓީ ކަމަށް ބަލައި، އޭރު ހުރި ކޯޗު ޖީން ލުއީ ގަސޭ މަގާމުން ވަކިކުރިއެވެ. ފްރާންސްގެ ގަސޭ މަގާމުން ވަކިކޮށް، ކޯޗުކަން ވަގުތީ ގޮތުން ހަވާލުކުރީ އައިވޮރީ ކޯސްޓްގެ އެމާސީ ފާއޭ އާއެވެ. އެ ހާލަތުގައި އޮއްވާ، ފަހު މެޗުތަކުގެ ނަތީޖާއިން އައިވޮރީ ކޯސްޓް ގަދަ 16 އަށް ގޮސް ޖެހުނީވެސް އޭރުގެ ޗެމްޕިއަން ސެނެގާލާއެވެ.

ސެނެގާލް ބަލިކޮށް އައިވޮރީ ކޯސްޓުން އުންމީދު ހޯދައި މާލީއާއި ކޮންގޯވެސް ބަލިކޮށް އައިވޮރީ ކޯސްޓް ރޭ ނުކުތީ ފައިނަލަށެވެ. ތިންވަނަ އެފްކޯންއެއް އެޓީމުން ރޭ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި އުފުލައިލީ އޭގެ ކުރިން ތިން ފަހަރު ތަށި ހޯދާފައި އޮތް ނައިޖީރިއާ 2-1 އިން ބަލިކޮށްފައެވެ.

އައިވޮރީ ކޯސްޓުން މުބާރާތް ބާއްވަން ބިލިއަން ޑޮލަރު ހަރަދުކޮށް ރޭ އުފާފާޅުކުރީ ރައީސް އަލަސާނޭ އޮޓާރާއާ އެކުގައެވެ. މެޗުގައި، މުބާރާތުގެ މޮޅު ކުޅުންތެރިޔާ، ނައިޖީރިއާ ވިލިއަމް ޓްރޫސްޓް-އެކޮންގް ޖެހި ގޯލުން ނައިޖީރިއާއިން ލީޑު ނެގި ނަމަވެސް ދެވަނަ ހާފުގައި އައިވޮރީ ކޯސްޓް ނަތީޖާ އަނބުރާލިއެވެ.

ރޭ އައިވޮރީ ކޯސްޓްގެ ގޯލުތައް ޖެހީ ފްރޭންކް ކެސީއާއި ސެބެސްޓިއަން ހެލާއެވެ. ހާއްސަ ފައިނަލެއް ނިމިގެން ދިޔައީ 2006 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ހޯސްޓް ގައުމުން ތަށި ހޯދައިގެންނެވެ.