އަންނަ ރޯދަމަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމާފައިވާތީ، އެކަން ބަދަލުކޮށް ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝިފާއުއެވެ.

މަޖިލީހަށް ބިލު ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ، މިއީ މިހާރު ގާނޫނު އޮތް ގޮތުން މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ ރަމަޟާން މަހާ ދިމާވާތީ ކުރިމަތިވާނެ ދަތިތަކަށް ހައްލު ހޯދުމަށްޓަކައި ހުށަހެޅުއްވި ބިލެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަމަޖައްސާފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. އެއީ ރަމަޟާން މަހުގެ ހަތްވަނަ ދުވަހެވެ.

ރޯދަމަހު އެވަރުގެ ބޮޑު އިންތިހާބެއް ބާއްވައިފިނަމަ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވެ، ގިނަ ބަޔަކު ވޯޓުލުމަށް ނުނިކުމެދާނެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން އީސީން ބުނީ ރޯދަ މަހުގެ ފަހަށް އިންތިހާބު ފަސް ކުރެވޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށެވެ.

އެހެންކަމުން ރޯދަމަހު އިންތިހާބު ނުބޭއްވޭ ގޮތަށް އިސްލާހު ގެންނަން ހުށަހަޅާފައިވަނީ އެ ގާނޫނުގެ 43 ވަނަ މާއްދާއަށެވެ.

އެ މާއްދާގެ (ހ) ގައި ބުނަނީ އިންތިހާބެއްގައި ވޯޓު ނަގާ ދުވަހާއި ވޯޓު ނަގާ ގަޑި އަދި އާންމު އުސޫލެއްގެ ގޮތުން ވޯޓު ނަގައި ނިންމާ ގަޑި އާއި ވޯޓު ގުނަން ފަށާ ގަޑި ކަނޑައަޅައި އިއުލާން ކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

އޭގެ ފަހަތަށް ދެ އަކުރެއް އިތުރުކުރަން ބިލުގައި ހިމަނާފައިވާ އިރު، (ށ)ގެ ގޮތުގައި ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ރަމަޟާން މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރަމަޟާން މަހުގެ ދުވަހަކާ ދިމާވާނަމަ އެ އިންތިހާބެއް ބާއްވަން ވާނީ ރަމަޟާން މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށެވެ.

މި މާއްދާގެ (ނ)ގެ ގޮތުގައި އިތުރު ކުރަން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތުގައި އެ އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވެއްޖެ ނަމަ، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިންތިހާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލު ގެނެސް އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ ކަމަށެވެ.

އިންތިހާބެއްގައި ކުރިމަތިލުމަށް ހުށަހަޅާ ފަރާތްތަކުގެ ކެނޑިޑެސީ އިލެކްޝަނުން ބަލައިގަނެ ކެނޑިޑޭޓުންގެ ނަންބަރުތައް އާއްމުކޮށް އިއުލާންކުރާ ތާރީހުން ފެށިގެން އިންތިހާބު ބާއްވަން ކަނޑައަޅާ ތާރީހާ ދެމެދު، ތާއީދު ހޯދުމަށް މަސައްކަތް ކުރުމަށްޓަކައި ކެނޑިޑޭޓުންނަށް 30 ދުވަހުގެ މުއްދަތެއް ނުލިބޭގޮތަށް އިންތިހާބު ބާއްވައިގެން ނުވާނެ ކަމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.

މި ބިލުގައި ގާނޫނާ ހިލާފުވާ ފަރާތްތަައް ޖޫރިމަނާ ކުރުމަށް ކުރިން ހިމަނާފައިވާ އަދަދުތައް ވަނީ ދެ ލައްކަ ރުފިޔާއިން މައްޗަށް ބޮޑުކޮށްފައެވެ.

މި ބިލަށް ވެރިކަން ހިންގާ ޕީއެންސީން ވަނީ ދެކޮޅު ހަދައިފައެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން މި ބިލު ފާސްކުރީ ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން 46 މެންބަރުން ފެންނަ ކަމަށް ވޯޓު ދެއްވައިގެންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ތިން މެންބަރުންނެވެ.