ރާއްޖެއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ގުޅުމަކީ ހާއްސަ ގުޅުމެކެވެ. ހާއްސަކޮށް ރާއްޖެއަށް އެއީ އެތައް ގޮތަކުން މުހިންމު ބައިވެރިއެކެވެ. 15 މާޗު 1978ގައި ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރި ފަހުން މިވީ 45 އަހަރު ތެރޭގައި މި ގުޅުމުގެ މަންފާ އާއި ފައިދާ ރާއްޖެއަށް ބޮޑުތަނުން ކޮށްފައިވެއެވެ. ހާއްސަކޮށް ރާއްޖޭގެ އިގުތިސާދު ބިނާކުރުމުގައި ޔޫއޭއީއަކީ މުހިންމު ޕާޓްނަރެކެވެ.

މި ފަހުން ރާއްޖޭގެ އެންމެ އިސް ވެރިން ޔޫއޭއީއާ ހާއްސަ ގާތް ގުޅުމެއް ބާއްވަވާ ސަބަބަކީވެސް އެއީއެވެ. މިއީ ދެ ގައުމުގެ ވެރިކަމާއި ހަމައިގައި އެކަނި ގޮތް ގުޅުމެއް ނޫނެވެ. ޔޫއޭއީން ބާއްވާ ކޮންމެ ހާއްސަ ކަމެއްގައާއި އެ ގައުމުގެ ކުންފުނިތަކުން ބާއްވާ ރަސްމިއްޔާތުތަކަށް ރާއްޖޭގެ އިސްވެރިންނަށް ދެއްވާ ހާއްސަ ދައުވަތަކީ އެކަމުގެ ހެއްކެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިންވެސް ވަނީ ޔޫއޭއީގެ ދައުވަތަކަށް, އެ ގައުމުން ފޮނުވި ފްލައިޓެއްގައި އެ ގައުމަށް ވަޑައިގެންފައެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއަށް 80 މިލިއަން ޑޮލަރު ޔޫއޭއީން ޔަގީންކޮށްދިނެވެ.

އެ ފަހުން މަގާމުގެ ހުވާ ކުރެއްވުމަށްފަހު ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވި އެއް ގައުމަކީވެސް ޔޫއޭއީ އެވެ. އެއީ އެ ގައުމުގައި މިދިޔަ ނޮވެމްބަރު މަހު ބޭއްވި ކޮޕް ސަމިޓަށެވެ. އެ ސަމިޓުގެ ހަވާސާގައި ރައީސް މުއިއްޒުގެ އަރިހަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ ރައީސް ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައި މައިކްރޯފައިނޭންސް ބޭންކެއް ގާއިމުކުރުމަށާއި ވަގުފު ޕްރޮގްރާމެއް ހިންގުމަށް މަޝްވަރާ ކުރެއްވިއެވެ.

ރައީސް މިއަދު ޔޫއޭއީއަށް ފައްޓަވާ ދަތުރުފުޅަކީ އެ ގައުމުގެ ސަރުކާރުން ކޮންމެ އަހަރަކުވެސް ބާއްވާ ވޯލްޑް ގަވަރުމަންޓް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މީގެ 11 އަހަރު ކުރީން, 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ސަމިޓަކީ ގައުމުތަކުގެ މެދުގައި ޔޫއޭއީގެ ސަރުކާރުން ދައުވަތު ދެއްވާ ބޭފުޅުންނަށް އެކަނި ބައިވެރިވެވޭ ގޮތަށް ބާއްވާ ސަމިޓެކެވެ.

މި ސަމިޓުގެ ދައުވަތު މީގެ ކުރީންވެސް ޔޫއޭއީ ސަރުކާރުން ދިވެހި ސަރުކާރަށް ދީފައިވެއެވެ. އެގޮތުން ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި 2018 ވަނަ އަހަރު އެ މަނިކުފާނުގެ ނައިބު ރައީސް އަބްދުالله ޖިހާދު މި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ފަހުން 2022 އަދި 2023 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނައިބު ފައިސަލް ނަސީމުވެސް އެ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ނަމަވެސް މި އަހަރަކީ އެ ސަމިޓުގެ ރާއްޖޭގެ ރައީސަކު ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެކަން ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު, މުހައްމަދު ހުސެއިން ޝަރީފު (މުންދު)ވެސް ކަށަވަރުކޮށްދެއްވައެވެ.

މުންދު ވިދާޅުވި ގޮތުގައި 30 ވަރަކަށް ގައުމުގެ ވެރިން ބައިވެރިވެވަޑައިގަންނަވާ އެ ސަމިޓުގައި ކުރިއަށްދާ ޕެނަލް ޑިސްކަޝަނެއްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެ ޕެނަލް ޑިސްކަޝަންގައި މަޑަގަސްކަރަ, ސީޝެލްސް އަދި މޮރިޝަސްގެ ވެރިންގެ އިތުރުން އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

"ޓޯނީ ބްލެއާ ވަނީ ރައީސާ ވަކިން ބައްދަލުކުރެއްވުމަށްވެސް އެދިވަޑައިގެންފައި. އެހެންވީމަ ވަކިން ބައްދަލުކުރައްވާނެ," ސަފީރު މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވި ގޮތުގައި އެ ސަމިޓުގެ ހަވާސާގެ ތެރެއިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް), ވޯލްޑް ބޭންކް, އައިޑީބީގެ އިތުރުން އަބޫދާބީ ފަންޑުގެ އިތުރުން ޔޫއޭއީގެ ނައިބު ރައީސުން, ރައީސް މުއިއްޒުއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ރައީސް ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅުގައި އަންނަ އަންގާރަ ދުވަހު ދުބާއީގައި އިންވެސްޓްމަންޓް ފޯރަމެއްވެސް ބާއްވަން ވަނީ ހަމަޖެހިފައެވެ. މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ބާއްވަވާ ދެވަނަ އިންވެސްޓްމަންޓް ފޯރަމެވެ.

މުންދު ވިދާޅުވި ގޮތުގައި އިންވެސްޓްމަންޓް ފޯރަމުގައި ގާތްގަނޑަކަށް 200 އެއްހާ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އޭގެ ތެރޭގައި ދުބާއީ އާއި ދުނިޔޭގެ ބައެއް ވިޔަފާރި ކުންފުނިތަކާއި ޖަމިއްޔާތަކާއި ބޭންކުތަކުންވެސް ބައިވެރިވާނެއެވެ.

މުންދު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއިން އިންތިޒާމުކޮށްގެން ދުބާއީގައި އިންވެސްޓްމަންޓް ފޯރަމެއް ބޭއްވުމުގެ ބޭނުމަކީ ރާއްޖޭގެ އިގުތިސާދު ކުރިއެރުމުގައި ޔޫއޭއީގެ ހިއްސާ ބޮޑުވުމާއި ހާއްސަކޮށް މި ގައުމުގެ ކުންފުނިތަކުން ރާއްޖޭގެ ފަތުރުވެރިކަމާއި ބޮޑެތި އިންވެސްޓްމަންޓްތައް ކުރައްވާފައިވުމެވެ. އެގޮތުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު ސަފީރު ފާހަގަކުރެއްވިއެވެ.

އިންވެސްޓްމަންޓް ފޯރަމުގައި ހުށަހަޅާނެ ޕްރޮޖެކްޓްތަކުގެ ސީދާ މައުލޫމާތު އިކޮނޮމިކް މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ރާއްޖޭގެ އިގުތިސާދު ބަދަލު ކޮށްލާނެ އިހަވަންދިއްޕޮޅު މަޝްރޫއާއި ތިލަފުށި ޕޯޓާއި ލާމު ޓްރާންޝިޕްމަންޓް ބަނދަރާއި ޔޫއޭއީގެ ބޮޑު އެހީތެރިކަމާއެކު ހަދަމުން އަންނަ މައި އެއާޕޯޓުގެ ދެވަނަ ފިޔަވައްސާއި ރަސްމާލެ މަޝްރޫއު އިންވެސްޓަރުންގެ ކުރިމަައްޗަށް ނެރުއްވާނެ ކަމަށް ބެލެވެއެވެ.

އޭގެ އިތުރުން ދުބާއީގެ މަޝްހޫރު ޕްރޮޕަޓީ ޑިވެލޮޕަރުން ކަމަށްވާ އިމާރު އަދި ދަމަކުން ރާއްޖޭގައި ރިސޯޓްތައް ތަރައްގީކޮށް އަދި ތަރައްގީ ކުރަމުން އަންނައިރު ރާއްޖޭގައި ހުއްޓިފައި ހުރި ރިސޯޓްތަކާއި މި އަހަރު އަލަށް ހުޅުވައި ބާޒާރަށް ނެރޭނެ ކަމަށް ސަރުކާރުން އިއުލާން ކޮށްފައިވާ 20 ރިސޯޓް އިންވެސްޓަރުންނަށް ދައްކާލާނެ ޕްރޮޕޯސަލެއް ކަމަށް ބެލެވެއެވެ.

ރައީސް ޔޫއޭއީއަށް ކުރައްވާ މި ދަތުރުފުޅުގައިވެސް ޔޫއޭއީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވާނެއެވެ. އެ ބައްދަލުކުރެއްވުން އޮންނާނީ އަންނަ ބުދަ ދުވަހުއެވެ. އެ ބައްދަލުކުރެއްވުމުގައި އުފާވެރި ހަބަރުތަކެއް ރައީސް އިއުލާން ކުރައްވާނެ ކަމަށް މުންދު ވިދާޅުވި އެވެ.

އެއް ކަމަކީ ރާއްޖޭން ބޭރުގައި އުޅޭ ދިވެހި ކިޔަވާ ކުދިންނަށް އިސްލާމް ދީނާއި ދިވެހި ބަސް ކިޔެވޭނެ ގޮތް ހަމަޖައްސައި, އެކަން ރަސްމީކޮށް ފެށުމެވެ. އެކަން ޔޫއޭއީގައި ރަސްމީކޮށް ފެށުން ހާއްސަ އެވެ. އެއީ އެކަމަކީ ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހިންނާ ބައްދަލުކުރައްވައި އިއުލާން ކުރެއްވި ކަމެކެވެ.

ދެވަނަ ކަމެއްގެ ގޮތުގައި މުންދު ފާހަގަކުރެއްވީ ޔޫއޭއީގައި އާސަންދަ ލިބޭނެ ގޮތް ހަމަޖެއްސެވުމާ ގުޅޭ ގޮތުން ރައީސް މީގެ ކުރިން ވިދާޅުވެފައިވާ ވާހަކައާ ގުޅޭ ގޮތުން އިއުލާން ކުރައްވާ ކަންކަމެވެ. އެކަމުގެ ތަފުސީލު ލިބޭނީ އެ ބައްދަލު ކުރެއްވުމުގައެވެ.