އދ.ގެ މެންބަރު ގައުމުތަކުގެ އަދަދަކީ 193 އެވެ. އެމެރިކާގައި ދިރިއުޅޭ ފިލިޕީންސްގެ އުމުރުން 79 އަހަރުވީ އަންހެނަކު މިހުރިހާ ގައުމަކަށް ދަތުރުކޮށް އޭނާގެ ޒަމާންވީ ހުވަފެން ހަގީގަތަކަށް ހަދައިފިއެވެ. ދުނިޔޭގެ މިނިވަން ހުރިހައި ގައުމަކަށް ދަތުރުކުރުމުގެ ހުވަފެން އޭނާ ދެކެންފެށީ އުމުރުން ތޭވީސް އަހަރުގައެވެ.

ލުއީސާ ޔޫގެ އުފަން ގައުމުކަމަށްވާ ފިލިޕީންސް ދޫކޮށް އޭނާ އެމެރިކާއަށް ހިޖުރަކުރީ ކިޔެވުމަށްޓަކައެވެ. އެކި ގައުމުތަކަށް ދަތުރުކުރުމުގެ ހުވަފެން އޭނާ ދެކެންފެށީ އެކި ފިލްމުތަކުން ފެންނަ ފަރުބަދަތަކާއި ކޯރުތަކާއި ވާދީތަކާއި ގޮނޑުދޮށްތައް ފެނި އަމިއްލަ ލޮލުން އެތަންތަން ބަލައި ތަޖުރިބާކުރަން ބޭނުންވުމުންނެވެ. މިގޮތުން އެންމެ ފުރަތަމަ އޭނާ ދަތުރުކުރީ އެމެރިކާގެ ފަންސާސް ސްޓޭޓަށެވެ.

ދުނިޔޭގެ އެކި ބައްރުތަކުގެ އެކި ގައުމުތަކުގެ ތެރެއިން އިޓަލީ، އީރާން، ލީބިޔާ އަދި ތައިލެންޑު ފަދަ ގައުމުތަކަށް އޭނާ އެންމެ ފުރަތަމަ ދަތުރުކުރިއިރު އދ. ގެ މެންބަރު ހުރިހައި ގައުމަކަށް ޒިޔާރަތްކުރުމުގެ ގަސްތެއް ނެތެވެ. އެއީ ތަންކޮޅެއްފަހުގެ އަމާޒެކެވެ. ޔޫއެން މާސްޓަރ ލަގަބު ހޯދުމުގެ ގޮތުންނެވެ. އެއީ އދ. ގެ މެންބަރު ހުރިހައި ގައުމަކަށް ދަތުރުކުރީމާ ލިބޭ ޝަރަފުގެ ލަގަބެކެވެ.

ލުއީސާ ޔޫ ވަނީ ދާޚިލީ ގަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ނުރައްކާތެރި ގައުމުތަކަށްވެސް ޒިޔާރަތްކޮށްފައެވެ. އަދި ސިޔާސީގޮތުން މުޅިން އެކަހެރި އުތުރު ކޮރެޔާ ކަހަލަ ގައުމުތަކަށްވެސް ޒިޔާރަތް ކޮށްފައެވެ. ލިސްޓު ފުރިހަމަކުރުމަށްޓަކައި އޭނާ އެންމެފަހުން ޒިޔާރަތްކުރި ގައުމަކީ ސާރބިޔާއެވެ. އޭނާގެ މި ކާމިޔާބީ ފާހަގަކުރުމަށް ރައްޓެހިންނާއެކު ކުޑަ ހަފުލާއެއްވެސް ސާރބިޔާގައި ވަނީ ބާއްވައިފައެވެ.