ކުރީގެ ސަރުކާރުން ކުރިއަށްގެންދިޔަ "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތި ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓްރީ ހަވާލުކުރަމުންދާ އިރު، އެ ސްކީމާ ބެހޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެއް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
ރައީސް ސޯލިހުގެ ސަރުހާރުން ކުރިއަށްގެންދިޔަ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ދޫކުރަން ޕޮއިންޓު ދިނުމުގައި މައްސަލަތަކެއް ހުރެގެން، ފުލެޓަށް ހޮވުނު ފަރާތްތަކަށް ފުލެޓުދިނުން ހުއްޓުވުމަށްފަހު، އޭސީސީން ވަނީ އެ މައްސަލަ ބަަލައިފިއެވެ.
އެކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީ މެންބަރުން ހާޒިރުކޮށް، މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެެއިން، ގޯތި ދިން އިރު ނުގަވާއިދުން ގޯސްކޮށް ގޯތި ދީފައިވާކަން ފާހަގަ ނުވަނީތޯ، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ކުރެއްވި ސުވާލަށް ޖަވާބުދެެއްވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ހިނގަމުންދާ ކަންތައްތަކާ ބެހޭގޮތުންވެސް އޭސީސީއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
"ބިންވެރިޔާ ސްކީމްގެ ދަށުން ހިންގަމުންދާ ކަންތައްތަކާ ބެހޭގޮތުން ވެސް އޭސީސީއަށް ޝަކުވާތަކެއް ވަނީ ހުށަހެޅިފައި، އޭގެ ތަހުގީގެއް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން،"
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ލިބުނު މީހުންނަށް ފްލެޓު ދޫކުރުން ހުއްޓުވައި، އެ މައްސަލަ ބަލަމުންދާ އިރު، ބިންވެރިޔާ ސްކީމާ ބެހޭގޮތުން މައްސަލަ ހުށަހެޅުމުން ގޯތި ހަވާލުކުރުން ހުއްޓުވާފައިނުވާ މައްސަލައިގައިވެސް ޔައުގޫބު ސުވާލު ކުރެއްވިއެވެ.
"މައްސަލަ ހުށަހަޅާފައި ވަނިކޮށް، ގޯތީގެ ރަޖިސްޓްރޭޝަނާ ހުރިހާ ކަމެއް، ބަރާބަރަށް ކުރިއަށް އެބަދޭ އަދި ރައީސް މުއިއްޒުވެސް ވިދާޅުވެފަ އޮތީ ގޯތީގެ އެ ހުރިހާ ކަމެއް ނިންމައިދޭނަމޭ، ގޯއްޗަކީ 17 މިލިއަން ރުފިޔާގެ އެސެޓެއް ފްރީކޮށް ދެނީ، ފްލެޓަކީ ގާތްގަނޑަކަށް ދޮޅު މިލިޔަން ރުފިޔާގެ އެސެޓެއް، އެކަމަކު ޖެހެނީ ގަންނަން، ނަމަވެސް ފްލެޓް ދިނުން ހުއްޓުވައިފަ ގޯތިތައް ދޫކުރަނީ، އެއް އިންސްޓިޓިއުޝަނަކުން ދެ މިންގަނޑެއްގައި މަސައްކަތްކުރާތީ ސުވާލު އުފެދޭ، ކިހިނެއްތޯ އެކަން އެގޮތަށް ބާއްވައިފަ މިކަން މިގޮތަށް ބޭއްވީ،" ޔައުގޫބު ސުވާލު ކުރެއްވިއެވެ.
ޝާމިލް ވިދާޅުވީ، އޭސީސީއަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަތައް ވަޒަންކޮށް، ބޮޑު ކުޑަމިން ބަލާ ކަމަށެވެ. އެގޮތުން އެ ދެ ސްމީމާ ބެހޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، ބޮޑެތި ތަފާތުތަކެއް ހުރި ކަމަށްވެސް ވިދާޅުވިއެވެ. އަދި ބިންވެރިޔާ ސްކީމްގެ ދަށުން ހުށަހެޅި މައްސަލަތަކަށް ބަލާއިރު އެ މަސައްކަތް ވަގުތުން ހުއްޓުވައި ފިޔަވަޅުއަޅަންޖެހޭ ވަރުގެ ކަމެއް އޭރު ނެތް ކަމަށްވެސްް ވިދާޅުވިއެވެ.
"ހަމަ ވަރަށްބޮޑެތި ތަފާތުތަކެއް ފެންނަން ހުރީ، ދެން އަޅުގަނޑުމެން މައްސަލަ ބަލާއިރުގައި އަސާސް މި ކުރަނީ އެއް ކަމަކަށް އަންނަ ޝަކުވާގައި މިންކުރަން އެބަ، ވަޒަން ކޮށްފައި އޭގެން ހުރި ކަންބޮޑުވުންތަކުގެ ނިސްބަތުން އަޅުގަނޑުމެން އެ ކޭސްއެއްގައި ކެޓަގަރީތަކެއް ގެންގުޅެން އެހެންވީމަ އެއަށް ބަލައިފަ އަޅުގަނޑުމެން ކުއިކް ރެސްޕޮންސް މި ގާއިމުކުރަނީ ދެން މި މައްސަލައިގައި އަޅުގަނޑުމެން އޭރު އަމަލުކުރިގޮތަށް ބަލާއިރު ވަގުތުން ވަގުތަށް ހުއްޓުވައި ފިޔަވަޅު އަޅަންޖެހޭކަމެށް ތަހުގީގުތަކަށް ފާހަގަ ކުރެވިފައިނުވަނީ،"
ފްލެޓު ދިނުން ހުއްޓުވީ، ޝަކުވާ ހުށަހަޅާފައި އޮތް އަދަދާއި ހުށަހަޅާފައިހު ރި ޝަކުވާތަކަށް ބަލާއިރު ބޮޑެތި ކަންތައްތަކެއް ފާހަގަވެފައި ހުރުމުން ކަމަށްވެސް ވިދާޅުވިއެވެ.
އޭސީސީން މިހެން ބުނެފައިވާ އިރު، "ބިންވެރިޔާ ސްކީމް"ގެ ދަށުން ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރުމުުގެ މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު