މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތުގެ ދަށުން ސްޓެލްކޯގެ 120 މުވައްޒަފަކު ތަމްރީނު ފުރިހަމަކޮށްފިއެވެ.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ ފޭސްބުކްގައި މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ "މީހުން މީހުނަށްވަނީ، މީހުން މީހުންނަށް ހެދީމަ،" ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައި ސިޔާސަތަކީ ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި، އެ ރައްޔިތުން އެދޭގޮތަށް ހިނިތުންވުމާއި އޯގާތެރިކަމާއެކު ހިދުމަތްދިނުން ކަމަށް ވިދާޅުވިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ރައީސް މުއިއްޒުގެ ލަފާފުޅާއި އިރުޝާދުފުޅުގެ ދަށުން އެންމެ އިސްކަމެއްދެއްވައިގެން ކުރިއަށްގެންދަވާ އެއްކަމަކީ ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަަރު ރަނގަޅުކުރުމާއި މުވައްޒަފުންގެ ހުނަރާ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކަމަށް ފަހުމީ ވިދާޅުވިއެވެ.
"ގައުމީ ދިފާއީ ބާރާއި ސްޓެލްކޯ ގުޅިގެން ގިރިފުށީ ޓްރެއިން ސެންޓަރުގައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގޭ ލީޑާޝިޕް އެންހޭންސްމަންޓް ޓްރެއިނިން ޕްރޮގުރާމުގެ ސަބަބުން ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ކޮލިޓީ ރަނގަޅު ކުރެވި، ސްޓެލްކޯގެ ސަފުތައް ބަދަހިކުރެވި، މުވައްޒަފުންގެ މަސައްކަތުގެ އަހުލާގު ހަރުދަނާވެ، ރައީސް މުއިއްޒު އެދިވަޑައިގަންނަވާ ފެންވަރާއި މިންވަރުގައި ހިދުމަތް ދިނުމުގެ ރޫހު އާލާވެގެންދާނެ ކަމާ މެދު ޝައްކެތް ނެތް،" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ މިއަދުގެ ނިޔަލަށް 120 މުވައްޒަފުން ތަމްރީނު ފުރިހަމަކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެ ޕްރޮގްރާމު ހިންގުމުގައި ދިވެހި އަސްކަރިއްޔާއިން ވެދިން އެއްބާރުލުމާއި އެހީތެރިކަމަށް ފަށްފަށުން ޝުކުރު އަދާކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު