މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން 5.6 މިލިއަން ރުފިޔާ ނުދައްކައިގެން މޯލްޑިވިއަނުން އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ނިންމައިފިއެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އެމްޑީޕީން ރިޔާސީ އިންތިހާބުގެ ދަތުރުތަކަށް 5.6 މިލިއަން މޯލްޑިވިއަން ރުފިޔާ ނުދައްކައިގެން ކޯޓަށް ދާން ނިންމީ، އެމްޑީޕީން ރިޔާސީ އިންތިހާބުގައި ކޮށްފައި ހުރި ދަރުތުތަކުގެ އެ ފައިސާ ލިބިފައި ނުވުމުން ކަމަށެވެ.

"އެއީ ރިކަވަރީގަ ހުރި ފައިސާތަކެއް ރިކަވަ ކުރަން، ރިކަވަރީ ޓީމުން އެ މަސައްކަތް ކުރަނީ. އެއީ އެމްޑީޕީ ވެގެން އެހެން، އެެއްވެސް ބައެއް ވެގެންނެއް ނޫން، އެކަހަަލަ ޕެންޑިން ޕޭމަންޓް ހުރިއްޔާ އަޅުގަނޑުމެންވެސް ބަލަން ޖެހޭނެތާ އެ ރިކަވާކުރަން،" އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ފަހު ދުވަސްކޮޅު އެމްޑީޕީން މޯލްޑިވިއަން މެދުވެރިކޮށް ކުރި ދަތުރުތަކަށް ދައްކަން ޖެހޭ 5.6 މިލިއަން ރުފިޔާ ނުދައްކައިގެން އެ އެއާލައިނުން ކޯޓަށް ދާނޭ ކަމުގެ ފަހު ނޯޓިސް ހަމަވަނީ މިމަހުގެ 18 ވަނަ ދުވަހަށެވެ.

މީގެ ކުރިންވެސް އެކި ޕާޓީތަކުން ކުރާ ދަތުރުތަކުގެ ފައިސާ ނުދެއްކުމުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ޑީއާރުޕީ ފާހަގަކޮށްލެވެއެވެ.