ޖަރުމަނު ލީގުން ޓީވީ ރައިޓްސް ވިއްކާލަން ހެދި ޑީލެއްގެ ސަބަބުން ޓިކެޓުގެ އަގު އުފުލޭތީ ސަޕޯޓަރުން ކުރަމުންދާ ހަޅުތާލު ރޭގެ މެޗުތަކުގައިވެސް ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ ޑިސެމްބަރު މަހު ޖަރުމަނުގެ މެޖޯރިޓީ ކްލަބުތަކުން ތާއީދުކޮށް، އެ ގައުމުގެ ލީގުތަކުގެ ބްރޯޑްކާސްޓިން ޓީވީ ރައިޓްސް ޑީލެއް ވަނީ ނިންމައިފައެވެ. އެ ޑީލުގެ ތެރެއިން އިންވެސްޓަރުން ބޭނުންނަމަ ޓިކެޓު އާމްދަނީން ބައެއް ލިބޭ ގޮތަށް މާއްދާއެއް އޮވެއެވެ. އޭގެ ސަބަބުން ނަތީޖާއަކަށް ވަނީ، މެޗުތަކުގެ ޓިކެޓުގެ އަގު އުފުލުމެވެ.

ޓިކެޓު އަގު އުފުލުމުގެ ހިތްހަމަނުޖެހުމުގައި ޖަރުމަނު ލީގުގެ ގިނަ ކްލަބުތަކެއްގެ ސަޕޯޓަރުން ނުރުހުން ފާޅު ކުރަމުންދާ އިރު، ރޭ ޑޯޓުމަންޑާއި ފްރައިބާގު ކުޅުނު މެޗަކީ، ހަޅުތާލުގެ ސަބަބުން ހުއްޓާލަން ޖެހުނު ހަތަރުވަނަ މެޗެވެ. މި ހަފުތާ މެޗުތައް ފެށިގެން ކުރިއަށްދާ އިރު، ގިނަ މެޗުތަކެއްގައި 10 ވަރަކަށް މިނެޓް ކުޅުން ހުއްޓާލަން ޖެހިފައިވެއެވެ. އެއީ އެކިއެކި ގޮތްގޮތުން ކުރަމުންދާ ހަޅުތާލުގެ ސަބަބުންނެވެ.

ރޭ ޑޯޓުމަންޑް ސަޕޯޓަރުން ދަނޑުގައި ހާއްސަ ބެނާއެއް ދަމާފައިވާ އިރު، ބެނާގައި ބުނެފައިވަނީ އިންވެސްޓަރުންނަށް ނޫނެކޭ ބުނުމަށެވެ. މެޗު ހުއްޓުވަން ސަޕޯޓަރުން ވަނީ ދަނޑަށް ޓެނިސް ބޯޅައިގެ އިތުރުން ޗޮކްލެޓް ކޮއިންސްވެސް އުކައިފައެވެ. އެ ހުރިހާ އެއްޗެއް ދަނޑަށް އުކާލުމާއެކު މެޗު 10 ވަރަކަށް މިނެޓަށް މެދުކަނޑާލަން ޖެހިފައިވާ އިރު، އަލުން ފެށުނީ ޑޯޓުމަންޑް ކެޕްޓަން އެމްރޭ ޗޭން ސަޕޯޓަރުންނާ ވާހަކަދައްކައިގެންނެވެ.

ރޭގެ މެޗުން 3-0 އިން ޑޯޓުމަންޑް މޮޅުވި އިރު، ޑޮންޔެލް މާލެން ދެ ގޯލު ޖެހިއެވެ. އެ ޓީމުގެ އަނެއް ގޯލު ޖެހީ، ނިކޮލަސް ފުލްކްރޫގެވެ. ރޭގެ މޮޅާއެކު، ޑޯޓްމަންޑް އޮތީ ލީގުގެ ހަތަރު ވަނައިގައެވެ. އެ ޓީމަށް 21 މެޗުން ވަނީ 40 ޕޮއިންޓް ލިބިފައެވެ.