ދިވެހިރާއްޖެ އޮންނަނީ އިންޑިއަން އޯޝަނުގައެވެ. އިންޑިއާ ކަނޑުގައެވެ. މި ކަނޑަށް ނަން ކިޔާފައި މިއޮތީ ގައުމެއްގެ ނަމަށް ނިސްބަތްކުރެވޭ ގޮތަށެވެ. އިންޑިއާގެ ނަމާ ގުޅޭގޮތަށެވެ. ދުނިޔޭގެ ފަސް އޯޝަން ނުވަތަ އެންމެ ބޮޑު ފަސް ކަނޑުގެ ތެރެއިން މިގޮތަށް ވަކި ގައުމެއްގެ ނަމާއި ގުޅިފައިވާ ހަމައެކަނި ކަނޑަކީވެސް އިންޑިއަން އޯޝަނެވެ. މިސަބަބާހެދި ވަރަށް ގިނަބަޔަކަށް ވަރަށް ބޮޑެތި އޮޅުންތަކެއް އަރަމުންދާކަމަށް ހީވެއެވެ. އިންޑިއަން އޯޝަނަކީ އިންޑިއާގެ އަމިއްލަ އޯޝަނެއްކަމާމެދުގައެވެ. ޚާއްސަކޮށް އިންޑިއާގެ ރައްޔިތުންނަށް މިއީ އިންޑިއާގެ އޯޝަނެއްކަމަށް ހީވުން ބޮޑެވެ. ދާދިފަހުން މީސްމީޑިއާގައި ދިވެހިންނާއި އިންޑިއާ މީހުންނާ ދެމެދު ކުރެވުނު ހޫނު ބަހުސްތަކުންވެސް މި ހީކުރުންތަކުގެ އަސަރު ވަރަށް ބޮޑަށް ފާޅުވެގެން ދިޔައެވެ. ހަގީގަތުގައިވެސް އިންޑިއަން އޯޝަނަކީ އިންޑިއާގެ އޯޝަނެއް ބާވައެވެ. މި ނަމުގެ ހަގީގަތަކީ ކޮބައިހެއްޔެވެ. ބަލައިލަމާ ބަހީއެވެ.
އިންޑިއާގެ ނަމުގައި ވަކި ދައުލަތެއް މީގެ 77 އަހަރު ކުރިން 15 އޮގަސްޓް 1947 ގައި ވުޖޫދުވުމުގެ މާކުރިންވެސް މި އޯޝަނަށް ކިޔަނީ އިންޑިއަން އޯޝަނެވެ. މިނަމަކީ މީލާދީން ފަނަރަވަނަ ސައްތައިގެ ތެރޭގައި ވިލާތު މީހުން ކިޔާންފެށި ނަމެކެވެ. ވިލާތުގެ ބާރުތަކުގެ ތެރެއިން ފުށެތިކާލުންނާއި ލަންދޭސިން މި ކަނޑަށް ނުކުމެ ދިވެހިރާއްޖެފަދަ ގައުމުތަކާ ތޮޅެން ފެށިއިރުވެސް މި ކަނޑުގެ ނަމަކީ އިންޑިއަން އޯޝަނެވެ. މި ނަން ނިސްބަތް ކުރެވެނީ އިންޑިއާއަކަށް ނޫނެވެ. އިންޑަސް ކޯރާއި އެ ކޯރުގެ ދެއަރިމަތީގައިވާ ވާދީތަކަށެވެ. މި ދެންނެވި ކޯރަކީ ޗައިނާގެ ސަރަހައްދެއް ކަމަށްވާ ޓިބެޓުން ފެށިގެން ހިމާލިޔާ ފަރުބަދަތަކުގެ ތެރެއިން ދެކުނަށް ދެމިގެންއައިސް އިންޑިއަން އޯޝަނަށް ނިމޭ ކޯރެކެވެ. މި ކޯރުގެ ދެ އިންސައްތަ އޮތީ ޓިބެޓްގެ ތެރޭގައެވެ. އިންޑިއާގެ ތެރޭގައި އޮތީ އެންމެ ފަސް އިންސައްތައެވެ. ބާކީ 93 އިންސައްތަ އޮތީ ޕާކިސްތާނުގެ ތެރޭގައެވެ. އެހެންވީމާ އިންޑަސް ކޯރާއި އިންޑަސް ވެލީއަކީވެސް އިންޑިއާގެ މިލްކެއް ނޫނެވެ.
އިންޑިއަން އޯޝަނަކީ ދުނިޔޭގެ އެންމެ ބޮޑު ތިންވަނަ އޯޝަނެވެ. މި އޯޝަނުގެ އައްސޭރިތައް ޖުމްލަ ތިން ކޮންޓިނެންޓެއްގެ 35 ގައުމަކަށް ލިބިގެންވެއެވެ. އެއީ އެފްރިކާ ބައްރުން ސޯޅަ ގައުމާއި އޭޝިއާ ބައްރުން އަށާރަ ގައުމާއި އޮސްޓްރޭލިއާއެވެ. ދުނިޔޭގެ ކަނޑުގެ ސަރަހައްދުގެ ޖުމްލަ ވިހި އިންސައްތައަކީ އިންޑިއަން އޯޝަން ކަމަށްވާއިރު މި އޯޝަނުން އިންޑިއާއަށް މިލްކުވެގެންވަނީ އިންޑިއާގެ އައްސޭރިން ފެށިގެން ބޭރަށް ބާރަ މޭލު ނެގީމާ އޭގެތެރޭގައި ހިމެނޭ މިންވަރެކެވެ. އިންޑިއާ ހިމެނޭ މުއްޔަށް ނުވަތަ ސަބް ކޮންޓިނެންޓަށް ނިސްބަތްވާ ކަނޑުގެ ސަރަހައްދުވެސް މުޅިއަކުން އިންޑިއާއަށް މިލްކުވެގެނަކުން ނުވެއެވެ. ކުރިން ދެންނެވި ބައި ނަގައިފައި ދެންއޮތް ބައި ނިސްބަތްވަނީ ދިވެހިރާއްޖެ އާއި ސްރީލަންކާއަށެވެ. މި ބެސިން ނުވަތަ ގޮނީގެ އަރިމައްޗާއި އެތެރޭގައިވާ ގައުމުތަކުގެ އައްސޭރިން ފެށިގެން ބާރަ މޭލު ބޭރަށް އޮންނަބައި ފިޔަވައި ދެން ހައްތާވެސް އެއީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދެވެ.
އިންޑިއަން އޯޝަނަކީ އިންޑިއާގެ ކަނޑެއް ނޫނެވެ. އެއީ ޕެސިފިކް އޯޝަނާއި އެޓްލާންޓިކް އޯޝަނާއި ދެންވެސް އެފަދަ އެހެން އޯޝަންތައް ފަދައިން ބައިނަލްއަގުވާމީ އޯޝަނެކެވެ. އެކަމަކު މި އޯޝަނުގެ އައްސޭރިއެއް އިންޑިއާއަށްވެސް ލިބިގެންވާތީ އަދި މިގޮނީގެ ވަށަވަށައިގެންވާ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ސަރަހައްދަކާއި އެންމެ ބޮޑު އާބާދީއަކާއި އެންމެ ބޮޑު އަސްކަރިއްޔާއެއްވެސް ލިބިގެންވާ ގައުމަކީ އިންޑިއާ ކަމަށްވުމުން މި އޯޝަނުގެ މަސްލަހަތު އެންމެ ބޮޑަށް ގުޅިފައިއޮތީ އިންޑިއާއާއި ކަމަށް އެ ގައުމުން ގަބޫލުކުރެެއެވެ. ޚާރިޖީ ސިޔާސަތުވެސް ބައްޓަންކޮށްފައިވަނީ މި ގަބޫލުކުރުންތަކުގެ މަތީގައެވެ. އިންޑިއާގެ ޚާރިޖީ ވުޒާރާއާއި އިންޑިއަން ފައުންޑޭޝަނޭ ކިޔުނު އިދާރާއެއް ގުޅިގެން 2016 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ އިންޑިއަން އޯޝަން ކޮންފަރެންސަކީ މިދެންނެވި ބަހުގެ ރިވެތި މިސާލެކެވެ. އިންޑިއާގެ އިސްނެގުން ފާޅުވާ ކަމެކެވެ.
އެންމެ ފުރަތަމަ ކޮންފަރެންސް ބޭއްވުނީ ސިންގަަޕޫރުގައެވެ. ކޮވިޑުގެ އަހަރު ކަމަށްވާ 2020 ވަނަ އަހަރު ފިޔަވައި އެހެން ހުރިހައި އަހަރަކު މި ކޮންފަރެންސް ބާއްވަމުން އައިސް މިހާތަނަށް މި ސިލްސިލާގެ ހަ ކޮންފަރެންސް ފުރިހަމަކޮށްފިއެވެ. އޮސްޓްރޭލިއާގެ ސިޓީއެއް ކަމަށްވާ ޕާރތުގައި މިދިޔަ ހުކުރުދުވަހު ވަނީ މި ސިލްސިލާގެ ހަތްވަނަ ކޮންފަރެންސް ފަށައިފައެވެ. މިއީ ދެ ދުވަހުގެ ކޮންފަރެންސެކެވެ. މިފަހަރުގެ ޝިއާރަކީ ދެމެހެއްޓެނިވި ހަރުދަނާ އިންޑިއަން އޯޝަނެކެވެ. މި ޝިއާރު ކަނޑައެޅީވެސް އިންޑިއާއިންނެވެ. ދެމެހެއްޓެނިވި ހަރުދަނާ އިންޑިއަން އޯޝަނެއް ގާއިމުކުރުމަށް ކުރަންޖެހޭ ކަމަކީ ގައުމުތަކުގެ މަސްކަނޑުތަކަށް ވަދެ އެ ގައުމުތަކުގެ މަސްވެރިން ރަހީނުކުރުންތޯ ސުވާލުކުރާ ބަޔަކު ތިއްބަސް ފަރުވާލެއްނެތެވެ. ކޮންމެއަކަސް ޖުމްލަ 38 ގައުމަކުން މި ކޮންފަރެންސްގައި ބައިވެރިވެއެވެ. ސްރީލަންކާ ތަމްސީލު ކުރައްވަނީ ރައީސް ރަނިލް ވިކްރަމަސިންހާއެވެ. އިންޑިއާ ތަމްސީލު ކުރައްވަނީ ޚާރިޖީވަޒީރު ޖައިޝަންކަރެވެ.
އަދިއެހެން ވާހަކައެކެވެ. ހިންދީބަހުން ކަނޑަށް ކިޔަނީ ސާގަރެވެ. އެއީ ސެންސްކިރިތު ލަފުޒެއްވެސްމެއެވެ. އިނގިރޭސިބަހުން ލަފުޒުތަކެއް ތަރުތީބުކޮށް އެއިން ކޮންމެ ލަފުޒެއް ފެށޭ އަކުރު ބޭނުންކުރީމާ ސާގަރު ކިޔޭގޮތަށް އިންޑިއާއިން މުއައްސަސާއެއް ވުޖޫދުކޮށްފައިވެއެވެ. ދިގު ނަމަކީ ސިކިއުރިޓީ އެންޑް ގްރޯތު ފޯރ އޯލް އިން ދަ ރީޖަންއެވެ. ކުރު ނަމަކީ ސާގަރެވެ. ކަނޑެވެ. މިއީ އިންޑިއާ ކަނޑުގައި ދަތުރުފަތުރު ކުރުމާއި މަސްވެރިކަން ކުރުމާއި ގުދުރަތީ އެހެނިހެން ވަސީލަތްތަކުގެ ބޭނުން ހިފުމާއި ޖުމްލަގޮތެއްގައި އިންޑިއާ ކަނޑުގެ މަސްލަހަތު އިންޑިއާ ބޭނުންވާ ބައްޓަމަށް ފެއްތުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ފަރުމާކޮށް ރޭވުމުގެ މުއައްސަސާއެކެވެ. މިކަންކަމުން އެކަނިވެސް އިންޑިއާ ކަނޑާމެދު ނިއުދިއްލީން ގެންގުޅޭ މަވެތި ސިޔާސަތު ހާމައެބަވެއެވެ. މިހުރިހައި ސާގަރަކާއި އޭގެ ކިނާރާއެއް ވުޖޫދުވުމުގެ ސިއްރަކީ މި ކަނޑަށް އިންޑިއަން އޯޝަނޭ ކިޔާތީ އިންޑިއާވަންތަ ކުރުމެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ