ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި، ހެލިކޮޕްޓަރު އަދި ޑޯނިއާގެ އޮޕަރޭޝަންތަކަށް ދެން ފޮނުވާނީ އެކަމަށް ގާބިލު ޓެކްނިކަލް މީހުން ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒްއާ ހަވާލާދީ "އެންޑީޓީވީ"އިން ރިޕޯޓުކޮށްފައިވަނީ އެގޮތަށް އެއްބަސްވެފައިވަނީ ދެގައުމުގެ ދެމެދުގައި ބޭއްވި މަތީ ފެންވަރުގެ މަޝްވަރާގެ ބައްދަލުވުމުގެ ތެރެއިން ކަމަށެވެ. ނަމަވެސް އިންޑިއާ ސިފައިންގެ ބަދަލުގައި ތިބޭނެ ކަމަށް ބުނި "ކޮމްޕެޓެންޓް ޓެކްނިކަލް ޕާސަނަލް" އަކީ އިންޑިއާ އަސްކަރިއްޔާގެ ފަންނީ މީހުން ކަމެއް ނުވަތަ އިންޑިއާގެ މަދަނީ ބައެއް ކަމެއް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނުފައިނުވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

މިމަހުގެ ދެވަނަ ދުވަހު ރާއްޖޭގެ މަތީ ވަފުދަކާއި އިންޑިއާގެ މަތީ ވަފުދެއް ވަނީ، އިންޑިއާގެ ވެރިރަށް ދިއްލީގައި ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުން ބާއްވާފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާ ގުޅޭގޮތުންނެވެ.

އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަންކަން ހާމަކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އެ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބާލަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

"ތިން އެވިއޭޝަން ޕްލެޓްފޯމުގެ ތެރެއިން އެއް ޕްލެޓްފޯމުގެ ސިފައިން 10 މާޗު 2024ގެ ނިޔަލަށް ބާލާނެ. ބާކީ ދެ ޕްލެޓްފޯމުގައި ގާއިމުވެ ތިބި ސިފައިން 10 މެއި 2024ގެ ނިޔަލަށް ބާލާނެ،" ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ނަމަވެސް އެ ބައްދަލުވުމުގެ މައުލޫމާތު ހާމަކޮށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ހަމަ އެ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރާއްޖެއާއި އިންޑިއާއިން އެއްބަސްވާ ގޮތެއްގެ މަތިން ޑޯނިއާގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖެއިން އަދި އިންޑިއާއިން ޑޯނިއާގެ އޮޕަރޭޝަންތައް ކުރިއަށްގެންދަން ދެގައުމުން އެއްބަސްވި ގޮތެއް އެއިރު ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން މިދިޔަ މަހުގެ 14 ވަނަ ދުވަހު ވިދާޅުވެފައިވަނީ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށް އިންޑިއާއަށް ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.