އެމްޕީއެލް އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިއްޔެ ހަވީރު ކުޑަހެންވޭރު ޔުނައިޓެޑާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން ހުއްޓާލި ހިސާބުން އަލުން ކުޅެން ބޭނުން ނުވާ ކަމަށް ކުޑަހެންވޭރުން އަންގައިފިއެވެ.

އިއްޔެގެ މެޗުގެ ބޮޑު ބައެއް ކުޅުނު ފަހުން ހަމަނުޖެހުން ހިނގި އިރު، މެޗު ވިކްޓަރީން ލީޑު ކޮށްފައި އޮތީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 81 ވަނަ މިނެޓުގައި މެޗު ހުއްޓާލަން ޖެހުނީ، ވިކްޓަރީގެ ބެންޗާ ދިމާލުން ވިކްޓަރީގެ އަނަޓޯލީ ވްލަޝީޗޭވާއި ކުޑަހެންވޭރުގެ ކުޅުންތެރިއަކާ ދެމެދު ހިނގި ކަމަކާ ގުޅިގެން، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ދަނޑަށް އެރުމުންނެވެ.

ދަނޑަށް އަރައި ބައެއް ސަޕޯޓަރުން ކުޅުންތެރިންނަށް ހަމަލާދީ، މާރާމާރީ ހިނގިތަން ވީޑިއޯއިން ފެނިފައިވާ އިރު، ވިކްޓަރީގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) އަށްވެސް ހަމަލާދޭ މަންޒަރު ފެނިގެން ގޮސްފައިވެއެވެ. އެ މައްސަލަ ދަނީ ފުލުހުންވެސް ތަހުގީގު ކުރަމުންނެވެ.

މެޗާ ގުޅިގެން އެފްއޭއެމްގެ ފަރާތުން މުބާރާތުގެ އިމަޖެންސީ ކޮމިޓީ ބައްދަލުކޮށް، ނިންމާފައިވަނީ އިއްޔެގެ މެޗު މެދުކަނޑާލި ހިސާބުން ބާކީބައި މާދަމާ ހަވީރު 4:00 ގައި ކުޅުމަށެވެ. އަދި ބާކީބައި ކުޅޭނި ދަނޑަށް ސަޕޯޓަރުން ނުވައްދާ ކަމަށްވެސް ވަނީ ނިންމައިފައެވެ.

އޭގެ އިތުރުން އެފްއޭއެމުން ނިންމާފައިވަނީ އެ އިދާރާގެ ޑިސިޕްލިނަރީ ކޮމިޓީއަށް މެޗުގެ މައްސަލަ ހުށަހެޅުމަށެވެ. އެގޮތަށް ނިންމުން ނިންމާފައި ވަނިކޮށް، ކުޑަހެންވޭރުން ވަނީ އެފްއޭއެމްއަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ބުނެފައިވަނީ މެޗު އެ ހިސާބުން އަލުން ކުޅެން ބޭނުން ނުވާ ކަމަށާއި، މިހާރު އޮތް ނަތީޖާއަކީ މެޗުގެ ނަތީޖާ ކަމަށް ކަނޑައަޅަން އެދޭ ކަމަށެވެ.

އެ ސިޓީއާއެކު އެފްއޭއެމުން ވަނީ އެގޮތަށް ނިންމައި، ވިކްޓަރީއަށް ސެމީ ފައިނަލުގެ ޖާގަ ދީފައެވެ. ސެމީގައި ވިކްޓަރީން ނުކުންނާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.