އައިވަރީ ކޯސްޓްގައި މިހާރު ކުރިއަށްދާ އެފްރިކާގެ ގައުމުތަކުގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ނުވަތަ އެފްކޮންގެ ފައިނަލުގެ އެންމެ ފަހު ޖާގަ ދާއިމީ ކޯޗަކު ނެތި މުބާރާތް ފުރިހަމަ ކުރަމުންދާ އައިވަރީ ކޯސްޓް ހޯދައިފިއެވެ.

އައިވަރީ ކޯސްޓް ފައިނަލަށް ދަތުރުކުރީ ސެމީގެ ދެވަނަ މެޗުގައި ޑިމޮކްރަޓިކް ކޮންގޯ ބަލިކުރުމަށް ފަހުގައެވެ. ހޯމަދުވަހު ކުޅެވޭ ފައިނަލްގައި އައިވަރީ ކޯސްޓް ނުކުންނާނީ ނައިޖީރިޔާއާ ދެކޮޅަށެވެ. ސެމީގެ ފުރަތަމަ މެޗުގައި ނައިޖީރިއާ މޮޅުވީ ދެކުނު އެފްރިކާއާ ވާދަކޮށް އެކެއް އެކަކުން އެއްވަރުވެ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

ފައިނަލްގައި ވާދަކުރާ އައިވަރީ ކޯސްޓާއި ނައިޖީރިއާއަކީ މިފަހަރު ގްރޫޕް ފިޔަވަހީގައި އެއްފަހަރު ބައްދަލުކޮށްފައިވާ ދެ ޓީމެވެ. ގްރޫޕް އޭގެ އެ މެޗު އެކެއް ސުމަކުން ކާމިޔާބުކުރީ ނައިޖީރިއާއެވެ. އައިވަރީ ކޯސްޓް ދެވަނަ ބުރަށް ކޮލިފައިވީ ގްރޫޕްގެ ތިންވަނަ ޓީމުގެ ގޮތުގައި ހަމަ ކިރިޔަ ކިރިޔާއެވެ.

ގްރޫޕް ފިޔަވަހީގައި އައިވަރީ ކޯސްޓް މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ މުބާރާތް ހުޅުވުމުގެ ގޮތުން ގިނީބިސާއާ ދެކޮޅަށް ކުޅުނު މެޗެވެ. ދެވަނަ މެޗުގައި ނައިޖީރިއާ އަތުން ބަލިވެފައިވަނިކޮށް ތިންވަނަ އަދި ފަހު މެޗުގައި އިކުއެޓޯރިއަލް ގިނީއަތުން ހަތަރެއް ސުމަކުން ވަނީ ބަލިވެފައެވެ. މިއީ އެފްކޮންގެ ތާރީޚުގައިވެސް މުބާރާތް ބާއްވާ ގައުމެއްގެ އެންމެ ތަފާތުބޮޑު ބަލިވުމެވެ.

މި ބައްޔާއެކު އައިވަރީ ކޯސްޓް މުބާރާތުން ކެޓީ ކަމަށް ބަލައިގެން އެތާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ކޯޗު ޖީން ލުއީ ގަސޭ މަގާމުން ވަކިކޮށްފައެވެ. އޭނާއަކީ ފްރާންސްގެ މީހެކެވެ. އޭނާގެ ބަދަލުގައި ވަގުތީ ގޮތުން ކޯޗުކަން ހަވާލުކުރީ އެމާސީ ފާއޭ އާއެވެ. އެއީ އައިވަރީ ކޯސްޓްގެ މީހެކެވެ. އޭނާގެ އިރުޝާދުގެ ދަށުން ދެވަނަ ބުރުގައި ސެނެގޯލް އަތުން އަދި ކުއާޓަރ ފައުނަލްގައި މާލީ އަތުން ވަނީ މޮޅުވެފައެވެ. ސެމީގައި މޮޅުވީ ޑިމޮކްރަޓިކް ކޮންގޯ އަތުންނެވެ.