"ގެދޮރުވެރިޔާ" ސްކީމުގެ ދޫކުރި ފުލެޓުތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުގެ ތަފުސީލު ހިއްސާ ކުރުމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީން އެކްސްގައި މިއަދު އާންމުކުރި ވީޑިއޯއެއްގައި ހައިދަރު ވިދާޅުވީ އޭސީސީން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ 20 ޕަސަންޓު ފޯމުގައި މައްސަލަތަކެއް އެބަހުރި ކަމަށާއި އެ ފޯމުތައް ފުލެޓަށް ޝަރުތު ހަމަނުވާ ކަމަށެވެ.

އޭސީސީއާއެކު، ހައުސިން މިނިސްޓްރީން ވަނީ ބައްދަލުވުމެއް ބާއްވާފައި ކަމަށާއި އެ ބައްދަލުވުމުގައި ވަނީ ފުލެޓުގެ މައްސަލައިގައި އޭސީސީން ކުރިއަށްގެންދިޔަ ތަހުގީގުގެ ތަފުސީލުތައް ދިނުމަށް އެދިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ތަހުގީގު ރިޕޯޓުގެ ތަފުސީލު، ހައުސިން މިނިސްޓްރީއާ ހިއްސާކުރާނެ ކަމަށް އޭސީސީން އެ ބައްދަލުވުމުގައި ބުނެފައިވާ ކަމަށް ހައިދަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް ޝަރުތު ހަމަވާ އެންމެންނަށް ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭތޯ. އެހެންނަމަވެސް ގެންދެވޭނީ އަޅުގަނޑުމެންނަށް އެ ތަފުސީލުތައް ލިބުނީމަ،" ހައިދަރު ވިދާޅުވިއެވެ.

އޭސީސީން މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭސީސީން ބުނެފައިވަނީ ފުލެޓު މައްސަލައިގައި ޕޯޓަލް މެދުވެވެރިކޮށް ދާއިމީ ލިސްޓަށް 20،000 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 4،048 ފޯމެއް ބެލި ކަމަށެވެ.

އެގޮތުން ޝަރުތު ފުރިހަމަވެ، އެއްވެސް މައްސަލައެއް ނެތް ފޯމުތަކުގެ ނިސްބަތަކީ 20.7 ޕަސެންޓެވެ. އަދި ޝަރުތު ފުރިހަމަވީީ ނަމަވެސް މައްސަލަ ހުރި ފޯމުތަކުގެ ނިސްބަތަކީ 19.7 ޕަސެންޓެވެ. އެއީ ގާތްގަނޑަށް 1،600 ފްލެޓެވެ.

އޭސީސީން ބުނެފައިވަނީ 59.6 ޕަސެންޓް ފޯމު ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2،400 ފުލެޓެވެ.

  • 4000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ޝަރުތު ފުރިހަމަނުވާ ގިނަ މީހުން ހިމަނާފައިވުން
  • ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބަޔަށް އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވުން
  • ޝަކުވާގެ މުއްދަތުގައި އާ ލިޔެކިޔުން ހުށަހެޅި
  • ޕޮއިންޓު ދިނުމުގެ އިތުރަށް ޕޮއިންޓު ދީފައިވުން
  • ގިނަ ފަރާތްތަކެއް ހައްގު ގެއްލުމުގެ އިހުމާލު އޮތްކަން ފާހަގަކުރެވުނު

އޭސީސީން ބުނެފައިވަނީ ޝަރުތު ހަމަނުވާ ފޯމުތަކުގެ ތެރޭގައި ގިނައީ އުސޫލުގެ ތިން ވަނަ ނަމްބަރުގެ (ނ)، މާލޭގައި ދިރިއުޅެފައިވާ ފަރާތެއްކަން ސާބިތުކުރުމަށް ހަމައެކެނި ގޭގެ ލިޔުމެއް ނުވަތަ ރަށްރަށުގެ ކައުންސިލުގެ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން ހުށަހަޅާފައިވާ ހާލަތުގައި އެ ލިޔުމަށް ބުރަދަންދީ ޝަރުތު ފުރިހަމަވާ ކަމަށް ކަނޑައަޅާފައިވާ ފޯމުތައް ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާން ކުރި 4000 ފުލެޓް ދިނުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އެކަން ހުއްޓުވީވެސް އޭސީސީންނެވެ. އެއީ ފުލެޓަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ނުފޫޒުގެ ބޭނުން ކޮށްފައިވާ ކަމަށް ކުރި ތުހުމަތުތަކަކާ ގުޅިގެންނެވެ.

އޭގެ ފަހުން އެކަމާބެހޭ ޕޯޓަލްއަށް އެކްސެސް ވުމުގެ ހުއްދަ ހޯމް މިނިސްޓްރީން ނުދީގެން ގިނަ ދުވަސްތަކެއް ވަންދެން އެކަމުގެ ތަހުގީގު ކުރިއަށް ނުގޮސް ހުއްޓިފައި އޮތެވެ. ނަމަވެސް މިނިސްޓްރީން އެކްސެސް ދިނުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު އޭސީސީން ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުގައެވެ. އަދި ތަހުގީގު ނިންމައި ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ވަނީ ހުއްދަދީފައެވެ.