ރާއްޖޭގެ ކަނޑު އަޑި މެޕް ކުރެވޭނެ ގާބިލުކަން ހޯދުމަށް ފިނޭންސް މިނިސްޓްރީން ދަނީ، ޑިފެންސް މިނިސްޓްރީއަށް ބަޖެޓު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ވޭމަންޑުއަށް ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑު އަޑި ސްކޭންކޮށް، ސާވޭކޮށް އަދި މެޕުކޮށް، އެހެން ބަޔަކު ގެންދާ ގޮތަށް އޮތުމަކީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އެހެންވެ އެ މަނިކުފާނުގެ ސަރުކާރުން ވަނީ ކުރީ ސަރުކާރުން، އިންޑިއާއެކު ހަދައިފައިވާ ހައިޑްރޯގްރަފީ އެގްރީމެންޓު އާ ނުކުރަން ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ ބަދަލުގަ އަޅުގަނޑުމެންގެ އަސްކަރިއްޔާ އަމިއްލައަށް، އަމިއްލަ ފައިމައްޗަށް ތެދުވެ އެ ސްކޭން ކުރުމާ، އެ މެޕް ކުރުމުގެ މަސައްކަތް ކުރެވޭނެ އިކުއިޕެންޓް ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ފަށައިގެން މި އުޅެނީ. ފިނޭންސް މިނިސްޓްރީން މިހާރު، ޑިފެންސް މިނިސްޓްރީއަށް އެ ބަޖެޓް ހަމަޖެއްސުމުގެ މަސައްކަތް އެ ކުރިއަށް ގެންދަނީ. ހަމަޖެހުނުހާ އަވަހަކަށް އެ ގަންނަން ޖެހޭ ސޮފްޓްވެއާ، ހާޑްވެއާ ހުރިހާ އެއްޗެއް ގަނެ އަޅުގަނޑުމެން އަމިއްލައަށް އެ މަސައްކަތް ކުރާނީ،" ރައީސް ވިދާޅުވިއެވެ.

އެ މަނިިކުފާނު ވިދާޅުވީ ރާއްޖޭގެ ކަނޑު އަޑީގެ މެޕިން ކުރުމަށް ބޭރުން އެހެން ގައުމެއްގެ ބަޔަކު ގެންނަން ނުޖެހޭނެ ކަމަށެވެ. އެކަން ގަބޫލުނުކުރަން އުޅޭ ބަޔަކީ އެހެން ބަޔަކަށް ކަންކަން ދިނުމަށް މަސައްކަތް ކުރާ ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑު އަޑިއަކީ އެހެން ގައުމެއްގެ މިލްކަކަށް ވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އީއީޒެޑުގައި ހިމެނޭ ކޮންމެ އެއްޗަކީ ރާއްޖޭގެ މިލްކެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އޭގެ ސްކޭންކޮށް މެޕުކޮށް ހަދައިގެން ގެންގޮސް އެހެން ބަޔަކު ގެންގޮސް އަދި އެ އަޅުގަނޑުމެން ލާރި ދީގެން ގަނެ، މީ ކޮން ސަކަރާތެއްތޯ. މިހެން ހަދާފަ އޮތް އެއްބަސްވުމެއް ވީމަ އަޅުގަނޑުމެން ބޭނުންނުވީ އާކުރަން،" ރައީސް ވިދާޅުވިއެވެ.

އެއްބަސްވުން އާ ނުކުރަން ނިންމީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ރައްކާތެރިކުރަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.