އިންޑިއާގައި ބަޑިބޭސް އުފައްދާ ފެކްޓްރީއެއް ގޮވައި 11 މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ މެދުތެރޭ މަދިޔަ ޕްރަދޭޝް ސްޓޭޓްގައި ހުންނަ ހާރްދާގައި ބަޑިބޭސް އުފެއްދުމަށް ބޭނުންކުރާ ފެކްޓަރީއެއް ގޮވުމުގެ އެ ހާދިސާގައި އަނިޔާވި މީހުންގެ އަދަދުވެސް ވަނީ 150 އިން މައްޗަށް އަރާފައެވެ.

ހާދިސާ ހިނގުމާއެކު އެ ފެކްޓްރީ ހުންނަ ސަރަހައްދަށް ބޮޑު އަލިފާންގަނޑެއް ފެތުރިގެންދާ ވީޑިއޯއެއް ވަނީ އާންމު ވެފައެވެ.

އޮފިޝަލުން ވަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިހާރު ކުރިޔަށް ދަނީ އަނިޔާވި މީހުންނަށް ފަރުވާ ދީ ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ކަމަށް ބުނެފައެވެ.

ހާދިސާ ހިނގުމާއެކު އެ ފެކްޓްރީ ހުންނަ ސަރަހައްދަށް ގިނަ އަދަދެއްގެ އެމްބިއުލާންސާއި އާމީ ވެހިކަލްތައް ފޮނުވާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ހާދިސާ ހިނގި ފެކްޓަރީގައި ބަޔަކު ތާށިވެފައިވާ ކަމަށް މައުލޫމާތު ލިބޭކަމަށްވެސް ބުނެފައެވެ. މިކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވާނެކަމަށްވެސް އޮފިޝަލުން ބުނެއެވެ.