ރާއްޖޭގެ ސިޔާދަތަށް އިހުތިރާމުކުރާ އެއްވެސް ގައުމަކާ ދުޝްމަންކަމެއް ނޯންނާނެ ކަމަށާއި އެ ގައުމުތަކާއެކު އޮންނާނީ އެކުވެރިކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ވޭމަންޑުއަށް ވަޑައިގެން މިރޭ އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް ކުރަންޖެހިފައިވާ ކަންކަމަކީ އާދައިގެ ކަންކަމެއް ނޫން ކަމަށެވެ. ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި މަސައްކަތް ކުރައްވަން ފެށުމުން ބައެއް ދިވެހިން އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެއީ ލަދުވެތިކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު މިއުޅެނީކީ ކޮންފްރޮންޓޭޝަނަކަށް އެއްވެސް ގައުމަކާއެކީ ދާކަށް ނޫން. އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައި އޮންނާނީ އެކުވެރިކަމުގެ މައްޗަށް. އެންމެންނާ ގުޅިގެން ހުރިހާ ގައުމުތަކާވެސް ގުޅިގެން އަޅުގަނޑުމެންގެ މިނިވަންކަމާ، އަޅުގަނޑުމެންގެ ސިޔާދަތާ، އަޅުގަނޑުމެންގެ އިސްތިގުލާލަށް ހުރުމަތްތެރިކޮށް ހިތާހާ ހިނދަކު އަޅުގަނޑުމެންނާ ދުޝްމަންވާނެ، އަޅުގަނޑުމެން ދުޝްމަންވާނެ ދެކޮޅު ހަދާނެ އެއްވެސް ގައުމެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެހީތެރިކަން ދޭ، ދިވެހި ރައްޔިތުންނަށް އިގުތިސޯދީ ގޮތުން ފައިދާވާނެ ކަންކަން ކޮށްދޭ، އަޅުގަނޑުމެންގެ އެތެރޭގެ ދާހިލީ ކަންކަމާ ނުބެހޭ، އަޅުގަނޑުމެންނަކީ ކިތަންމެ ކުޑަ ގައުމެއްވިޔަސް، އެންމެ ބޮޑު ގައުމާ ހަމަހަމަ ގޮތެއްގައި ހަމަހަމަކަން ގާއިމުކޮށްދޭ ކޮންމެ ގައުމަކާއެކީ، އަޅުގަނޑުމެންގެ އިމަކީ އަޅުގަނޑުމެންގެ އިންކަން، އެ އިމުގެ އެތެރެއަށް އެހެން ބަޔަކު ނުފޫޒު ނުފޯރުވޭނެކަން ގަބޫލުކުރާ ކޮންމެ ބަޔަކާ އެކީ އަޅުގަނޑުމެން ތިބޭނީ އެކުވެރިކަމުގެ ރޫހުގަ އެކުވެރިކަމުގެ އަތުކުރި އޮޅާލައިގެން އެކުވެރިކަމާއެކީގަ"

ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް ސަރުކާރުން ކުރާ މަސައްކަތައް އެއްބާރުލުން ދިނުމުގެ ބަދަލުގައި ގައުމުތަކުން ފައިދާ ހޯދައިގެން އުޅޭ ބައެއް ދިވެހިންގެ ފާޑު ކިޔުން އަމާޒުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އީއީޒެޑް) ވަރަށް ބޮޑު ކަމަށާއި އީއީޒެޑުގައި މަސްވެރިކަން ފުޅާކުރެވިއްޖެނަމަ، މަސްވެރިކަން ވެގެންދާނީ ޓޫރިޒަމް އިންޑަސްޓްރީއަށްވުރެ ބޮޑު ސިނާއަތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އީއީޒެޑް އެހެން ގައުމަކާ ހަވާލުކޮށްގެން ބެލެހެއްޓުމަކީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތް ކުރަނީ އަމިއްލަ ބާރުގައި އީއީޒެޑް ބެލެހެއްޓުމަށް ކަމަށާއި އެކަމާ ދެކޮޅަށް ވާހަކަ ދެއްކީ ކޮން ދިވެހިންތަކެއްތޯ ބަލަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހިން މަސައްކަތް ކުރަންވީ އީއީޒެޑް އަމިއްލަ ބާރުގައި ބެލެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.