އަންނަ ރޯދަމަހުގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ގާނޫނަށް ބަދަލު ގެންނަން ނިންމާ އިރު، އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ހުރިހާ ވަސީލަތްތަކެއް ކަމާގުޅުންހުރި މުއައްސަސާތަކުން ފޯރުކޮށްދޭންޖެހޭނެކަން ގާނޫނުގައި ކަނޑައެޅިފައި އޮންނަންޖެހޭނެ ކަމަށް އީސީން ބުނެފިއެވެ.
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން ވަނީ ހަމަޖައްސައިފައެވެ. އެއީ ރަމަޟާން މަހުގެ ހަތްވަނަ ދުވަހެވެ.
ނަމަވެސް ރަމަޟާން މަހަކީ އަޅުކަމުގައި ރައްޔިތުން މަޝްއޫލުވެ އުޅެންޖެހޭ މަހަކަށް ވެފައި، އެހެން މަަސްތަކާ ހިލާފަށް އެ މަހުގެ ދުވަސްތަކުގެ މަސައްކަތްތައް ހަމަޖެހިފައި އޮންނަގޮތުން، ރޯދަމަހު އިންތިހާބު ބާއްވައިފިނަމަ ވޯޓުލާން ރައްޔިތުން ނުކުތުމަށް ދަތިތަކާ ކުރިމަތިވާނެކަން ފާހަގަކޮށް އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް އީސީން ބުނީ ގާނޫނުއަސާސީ އޮތް ގޮތުން ގާނޫނަށް ބަދަލު ނުގެނެސް މަޖިލިސް އިންތިހާބު ދެން ރޯދަ މަހުގެ ފަހަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.
އެހެންކަމުން ރޯދަމަހުގެ ފަހުން އިންތިހާބު ބާއްވަންޖެހޭގޮތަށް އިދިކޮޅު އެމްޑީޕީން ވަނީ އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅައިފައެވެ.
އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝިފާއުއެވެ.
ބިލަށް އިބުތިދާއީ ބަހުސްކޮށް މަޖިލީހަށް ބިލު ބަލައިގަނެ އިތުރަށް ދިރާސާކުރަން ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ވަނީ ފޮނުވައިފައެވެ.
އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އީސީގެ ބޭފުޅުން ގެންނަވައި އެ އިސްލާހުތަކާބެހޭ ގޮތުން ކޮމިޓީން ވަނީ އީސީގެ މެންބަރުންނާ މަޝްވަރާ ކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީސީގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އީސީން މިހާރު ބަޖެޓް ކޮށްފައި އޮތީ، ވޯޓު ބާއްވަން ކުރަންޖެހޭ މަސައްކަތްތައް ރޯދައިގެ ކުރިން ނިންމުމަށްފަހު، ރޯދަ މަހުގެ ތެރޭގައި އިންތިހާބު ބާއްވަން ކަމަށެވެ. ނަމަވެސް ރޯދައިގެ ފަހުން އިންތިހާބު ބާއްވާނަމަ، ވޯޓާ ގުޅޭ މަސައްކަތްތައް ރޯދަ މަހުގެ ތެރޭގައި ކުރަންޖެހޭނެތީ އޮފިޝަލުންނަށް ދޭންޖެހޭ އެލަވަންސް އިތުރުވެގެންދާނެ ކަމަށާއި، އޮފިޝަލުންނަށް އިތުރު ތަމްރީން ދިނުމަށް އިތުރު ވަގުތު ބޭނުންވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން އެ މުއްދަތަށް 18 އަހަރު ފުރޭ އިތުރު ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަލުން ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލަންޖެހޭ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ އެކަމުގެ ސަބަބުން އިންތިހާބު ބާއްވަން އިތުރަށް ހަރަދު ކުރަންޖެހޭ ކަމަަށެވެ.
އޭގެ އިތުރުން އިންތިހާބު ބާއްވަން ސްކޫލުތައް ލިބެންޖެހޭނެ ކަމަށާއި، ސްކޫލުތައް ނުލިބޭނަމަ ގާނޫނުއަސާސީގައި ބުނާ މުއްދަތަށް އިންތިހާބު ނުބޭއްވޭނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
އެ ކަންތައްތަކަށް ބަލާއިރު ހަބީބު ވިދާޅުވީ، އިންތިހާބަށް އީސީއަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ ހުރިހާ ވަސީލަތްތަކެއް ކަމާގުޅުންހުރި ހުރިހާ މުއައްސަސާތަކަކުން ފޯރުކޮށްދޭންޖެހޭނެކަން ގާނޫނުގައި ކަނޑައެޅިފައި އޮންނަންޖެހޭނެ ކަމަށެވެ.
ރޯދަމަސް ނިމިގެން 10 ދުވަސްފަހުން އިންތިހާބު ބާއްވަން ވާނެކަމަށް ބިލުގައި އޮތުމުންވެސް ހަބީބު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
"ބިލުގައި ރަމަޟާން މަސް ނިމިގެން 10 ދުވަސް އޮތީމަ ގާނޫނު އަސާސީގައި ބުނާ 30 ދުވަހުގެ މުއްދަތު ހަމަ ކިރިޔާ ލިބެނީ، ވޯޓު ގުނުމަށްޓަކައި ހަ ދުވަސް ނަގައިގެން ހަތް ދުވަހެއްވެސް ނުލިބޭ، މިސާލަކަށް އެޕްރީލް 21 ގައި ބާއްވަންޏާ ހަ ދުވަސްލީމަ 28 ވަަނަ ދުވަހު ތިބޭނީ އެންމެން ހޮވި ނަތީޖާތަކާ އެއްޗެހި އާއްމުވެ އަޅުގަނޑުމެން އަންގަންޖެހޭ މުއައްސަސާތަކަށް އެންގިފަ އޮންނަން ޖެހޭނީ،"
ދައުރު ހަމަވުމުގެ 30 ދުވަސްކުރިން އިންތިހާބު ބާއްވަން ޖެހޭނެކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މައްސަލަ ސަމާލުކަމަށް ގެންނަވަމުން ހަބީބު ވިދާޅުވިއެވެ.
އެހެންކަމުން ރޯދަމަސް ނިމިގެން ފަސް ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން އިސްލާހުގައި ކަނޑައެޅުން މުހިންމު ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު