ސީރިޔާގައި ގާއިމުވެގެން ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒަކަށް ހަނގުރާމަވެރިންގެ ބަޔަކު ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއްދީ އެމެރިކާ ސިފައިންގެ ތެރެއިން ތިން މީހަކު މަރާލައި ފަންސާހަކަށް މީހުން ޒަޚަމްކޮށްލި ހާދިސާއަށް މިހާރު ހަފުތާއަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެ ހަމަލަޔާ ގުޅިގެން ބަދަލުހިފުމަށްޓަކައި ވަރަށް ވަރުގަދަ ރައްދެއް ދޭނެކަމަށް އެމެރިކާއިން ވަނީ އިންޒާރުދީފައެވެ. މި ހަމަލަޔަކީ އީރާނުގެ މަދަދު ލިބޭ ޖަމާއަތަކުން ދިން ހަމަލައެއްކަމަށްވެސް ވަނީ ގަބޫލުކުރެވިފައެވެ. ބަދަލު ހިފުމަށްޓަކައި ރައްދު ހަމަލާއެއްނުދީ ދުވަސްތަކެއް ވުމަށްފަހު މި ހަފުތާގައި އެމެރިކާއިން ވަނީ އިރާގާއި ސީރިޔާގެ ވަރަށް ގިނަ ތަންތަނަށް ހަމަލަދީފައެވެ. އަދި މިއީ ބަދަލުހިފުމުގެ ފެށުން ކަމަށްވެސް ވަނީ އިއުލާނުކޮށްފައެވެ. މިހިސާބުން އުފެދެނީ ސުވާލެކެވެ. އެމެރިކާގެ ރައްދު ހަމަލާތައް މިހާ ލަސްކުރީ ކީއްވެގެންބާވައެވެ. އެމެރިކާއިންވެސް ކަންތައްތަކެއް ސިއްރުކުރަން އުޅެނީ ބާވައެވެ. ބަލައިލަމާ ބަހީއެވެ.

ސީރިޔާ އާއި އިރާގުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުގެ ތެރެއިން އެމެރިކާއާ ދެކޮޅު ޖަމާއަތްތަކަކީ ކޮބައިކަން އެންމެނަށްވެސް އެނގެއެވެ. އަދި އެ ޖަމާއަތްތައް ބާރުވެރިކޮށް ހަތިޔާރާއި ފައިސާ ފޯރުކޮށްދެނީ ކޮން ބައެއްކަންވެސް އެނގެއެވެ. އެއީ އީރާނެވެ. މި ސަބަބަށްޓަކައި ހަމަސީދާ އީރާނަށް ހަމަލާ ދިނުމަށް އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގައި ތިއްބަވާ ހަރުކަށި ފިކުރުގެ ބައެއް މެންބަރުން ވަނީ ގޮވާލައްވައިފައެވެ. އެކަމަކު ފާޅުގައި އީރާނާ ކުރިމަތިލުމަކީ އެމެރިކާ ބޭނުންވާ ގޮތެއް ނޫނެވެ. އީރާނާ ދެކޮޅަށް ހުޅުވިފައިވާ ހަނގުރާމައެއް ފެށުމަކީ އެމެރިކާގެ މަސްލަހަތު ނިޔާކުރާ ގޮތެއްވެސް ނޫނެވެ. ގާޒާގައި ހިނގަމުންދާ ހަނގުރާމަ ފުޅާވެ މުޅި މެދުއިރުމައްޗަށް ފެތުރުމަކީވެސް އެމެރިކާ އެދޭގޮތެއް ނޫނެވެ. އެފަދަ ހަނގުރާމައެއްގެ ގެއްލުމާއި ނުރައްކާ ބޮޑުކަމުންނެވެ. އެމެރިކާ އާއި އިޒްރޭލަށެވެ. އަދި މެދުއިރުމަތީގައިވާ އެމެރިކާގެ ބައިވެރިންނަށެވެ. އީރާނުގެ ކެރިކުޅަދާނަކަމާމެދު އުފެދިފައިވާ ބިރުވެރިކަން އެހައިވެސް ބޮޑެވެ.

ހުސްވި އަހަރުގެ އޮކްޓޫބަރު ހަތެއްގައި ހަމާސް ޖަމާއަތާއި އިޒްރޭލުގެ ޒަޔަނިސްޓް ސިފައިންނާ ދެމެދު ގާޒާގައި ހަނގުރާމައެއް ފެށުނު ފަހުން އެމެރިކާ ވަނީ އީރާނާ މުވާސަލާތު ކުރުމަށް ސިއްރު ޗެނަލެއް ގާއިމްކޮށްފައެވެ. މި ޗެނަލްގެ ބޭނުމަކީ އޮޅިގެން ނުވަތަ ނޭނގުމެއްގެ ތެރޭގައި ކުރެވޭ ކަމަކުން ހަނގުރާމަ ފުޅާވުމަށް އޮތް ފުރުސަތު ހަނިކުރުމެވެ. އީރާނާއި އެމެރިކާއާ ދެމެދު ސީދާ ހަނގުރާމައެއް ނުފެށޭނެކަން ކަށަވަރު ކުރުމެވެ. ސީރިޔާގައި ތިބޭ އެމެރިކާ ސިފައިންގެ މަރުކަޒަކަށް ހަނގުރާމަވެރިން ޑްރޯން ހަމަލާއެއް ދިނުމާ ގުޅިގެންވެސް ކުރިން ދެންނެވި މަގުން އީރާނާއި އެމެރިކާއާ ދެމެދު ވަނީ މުވާސަލާތު ހިންގިފައެވެ. އެއީ ޔަގީން ކަމެކެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ހަނގުރާމަވެރިންގެ އެކި ތަންތަނަށް ރައްދު ހަމަލާ ދިނުމުގެ ކުރިން އެމެރިކާއިން ވަނީ ހަމަލަދޭނެ ތަންތަނުގެ މައުލޫމާތު އީރާނަށް ދީފައެވެ. އެތަންތަނުގައި ތިބި އީރާނުގެ މީހުންނާއި އެޑްވައިޒަރުން ދުރަށް ގެންދިއުމަށް އަންގައިފައެވެ.

މިކަމުގެ މަގްސަދަކީ އީރާނުގެ ބަޔަކު މަރުވެގެން އެކަމުގެ ބަދަލުގައި އީރާނުން ސީދާގޮތެއްގައި އެމެރިކާ ސިފައިންނަށް ހަމަލާދިނުމަށް އޮތް ފުރުސަތު ހަނިކުރުމެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި އެމެރިކާގެ ރައްދު ހަމަލަ ލަސްވުމުގެ ސިއްރަކީ އެއީއެވެ. މި މައުލޫމާތުތައް ހިއްސާކުރުމަށްފަހު އީރާނުގެ މީހުންނާއި ތަކެތި ދުރަށް ގެންދަން ވަގުތުދީފައި ދެން ހަމަލާދިނީއެވެ. މިމަގުން އަމަލުކޮށްގެން ހަނގުރާމަ ފުޅާވުމަށް އޮތް ފުރުސަތު ހަނިކުރީއެވެ. އެމެރިކާއިން ހަމަލާދިނީ ސީރިޔާ އާއި އިރާގުގައިވާ ހަތް މަރުކަޒަކަށެވެ. މީގެ އިތުރަށް ވަކިވަކި ފަރުދުންނަށް އަމާޒުކޮށްގެންވެސް 85 ހަމަލާއެއް ދީފައިވެއެވެ. މިއިން އެއްވެސް ހަމަލާއެއްގައި އީރާނުގެ މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއްވީ ކަމަށް ބުނެފައެއް ނުވެއެވެ. އެހެންވީމާ މިއީވެސް ކުރިން ދެންނެވި ވާހަކަޔަށް އިތުރު ބާރެއް ލިބޭ ކަމެކެވެ. ބައެއް މީހުން ސުވާލުކުރުން އެކަށީގެންވެއެވެ. އީރާނުގެ ބަޔަކަށް ހަމަލާދިނުމާއި އީރާނުން މަދަދުކުރާ ބަޔަކަށް ހަމަލާދިނުމުގެ ތަފާތަކީ ކޮބައިހެއްޔެވެ.

ތަފާތު ވަރަށް ބޮޑެވެ. އީރާނުން މަދަދުކުރާ ޖަމާއަތްތަކަކީ ވަރަށް މިނިވަންކޮށް ހަރަކާތްތެރިވާ ޖަމާއަތްތަކެކެވެ. އެމީހުންގެ އަމިއްލަ މަސްލަހަތުތަކާއި ވިސްނުންތަކެއްވެސް ހުރެއެވެ. އެމީހުންގެ ކޮންމެ ރޭވުމެއްގެ ފަހަތުގައި އީރާނުގެ ދައުރެއް ނޯންނަ ފަހަރުވެސް އާދެއެވެ. ލުބުނާނުގެ ހިޒްބު ﷲ އަކީ އީރާނުގެ މަދަދު ލިބޭ ޖަމާއަތަކަށް ވިޔަސް އިޒްރޭލާއި ހިޒްބު ﷲ ގެ ކުރިމަތިލުންތަކުގެ ތެރެއަށް ސީދާގޮތެއްގައި އީރާން ނުވަދެއެވެ. ހަމާސްއާއި އިޒްރޭލުގެ ކުރިމަތިލުންތަކުގައިވެސް އެކަންއޮތީ އެހެންނެވެ. ހަމައެފަދައިން ޔަމަނުގެ ހޫސީންނަށް އެމެރިކާ އާއި އިނގިރޭސިވިލާތުން މިހާރު ދޭން ފަށާފައިވާ ހަމަލަތަކުގެ ތެރެއަށްވެސް ސީދާގޮތެއްގައި އީރާން ނުވަދެއެވެ. ހޫސީންނަށް މަދަދުކުރާ ގައުމަކީ އީރާން ކަމަށް ވުމާއެކުވެސް މެއެވެ. އީރާނުގެ މަސައްކަތަކީ މިދެންނެވި ޖަމާއަތްތައް ބާރުވެރިކުރުވައި ބެލަންސެއް ހިފެހެއްޓުމެވެ. އިޒްރޭލާއި އެމެރިކާއަށް ފަހި މާހައުލެއް ގާއިމުވިޔަ ނުދިނުމެވެ. އެކަމުގައި އީރާން ދަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް އަބަދުވެސް ކުރަނީ އެއްކަމެކެވެ. އެއީ އެކިގޮތްގޮތުން ދަތިކުރުމެވެ. މިކަމުން އީރާނަށް ލިބޭ އިތުރު ދެރައެއް ނެތަސްމެއެވެ. އެމެރިކާ ސިފައިން މަރުވި ޑްރޯން ހަމަލާއަށްފަހުވެސް މިޒާތުގެ އިތުރު ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އޭގެތެރޭގައި އީރާނުގެ ގުދުސް ފޯހުގެ ބައެއް ވެރިންގެ މުދަލާއި ފައިސާ ގަނޑުކޮށް ހިފެހެއްޓުމުގެ ނިންމުންތައް ހިމެނެއެވެ. މިޔަކުން އީރާނަށްވެސް އަދި އީރާނުގެ ކޮމާންޑަރުންނަށް ލިބޭނޭ ދެރައެއް، ގެއްލުމެއް ނެތެވެ. އެއިން ބޭފުޅެއްގެ ބޭންކް އެކައުންޓެއް އެމެރިކާގެ ބޭންކެއްގައި އޮތީއެއް ނޫނެވެ. އެމެރިކާގައި މުދަލެއްވެސް ހުރީއެއް ނޫނެވެ. ހިފެހެއްޓޭނެ އެއްވެސް އެއްޗެއް ނެތެވެ. މިހުންނަނީ ހައްތާވެސް ބާރުދެއްކުމުގެ ގޮތުން ކުރާ ރަމްޒީ ކަންކަމެވެ. އެކަންކަމުން ނަތީޖާއެއް ނެރެވެން ނެތް ކަންކަމެވެ. ކުރީއްސުރެވެސް އެމެރިކާ އޮންނަނީ ނަންހުސްކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. އީރާން ކުރިއަރަމުން ބާރުގަދަވަމުންގޮސް މިހާރު އަމިއްލަ ފައިމައްޗަށް ތެދުވެގެން އެތިބީ މިހުރިހައި ފިޔަވަޅުތަކެއް އަޅައިގެން ތިއްބައެވެ.