ދައުލަތުގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ދެވޭނީ އުމުރުން 69 އަހަރު ނުވާ މީހުންނަށް ކަމަށް ބަޔާންކޮށް "ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ހައްޖަށް މީހުން ގެންދާނެ ގޮތުގެ އުސޫލު" އާންމުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު އާންމުކުރި އެ އުސޫލުގައި ވަނީ ދައުލަތުގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރަން ފުރުސަތު ދޭނެ މީހުން ބަޔާންކޮށްފައެވެ.
- އުސޫލުގެ ދަށުން އެ އަހަރަކު ހައްޖަށް ގެންދާނެ މީހުން ހޮވުމުގެ ކުރިން، އެންމެ ފަހުން މުދަލު ޒަކާތް ބަހައިފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނިފައިވާ މީހުން
- ފަރުޟު ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހުން
- އެ އަހަރަކަށް އިއުލާނުކުރާ އުމުރުފުރާއަށް ފެތޭ މީހުންނަށް
- ހައްޖުގެ އަޅުކަން އަދާކުރެވޭ ފަދަ ސިއްހީ ހާލަތެއްގައި ހުރި މީހުން
- މީލާދީގޮތުން އުމުރުން 69 އަހަރު ފުރިފައި ނުވާ މީހަކަށްވުން
"ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ހައްޖަށް މީހުން ގެންދާނެ ގޮތުގެ އުސޫލު"ގެ ދަށުން ކޮންމެ އަހަރަކު ދައުލަތުގެ ފަރާތުން ހިލޭ ފަރުޟު ހައްޖަށް ގެންދާނެ ފަރާތްތަކުގެ އަދަދު ކަނޑައަޅާނ،ީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތީން، އިސްލާމިކް މިނިސްޓަރެވެ. އުސޫލުގައިވާ ގޮތުން ކޮންމެ ފަރާތަކަށް ވެސް ހައްޖަށް ދިއުމަށްޓަކައި ދެވޭނީ އެއް ޖާގައެވެ.
އުސޫލުގައިވާ ގޮތުން ހައްޖަށް ގެންދިއުމަށްޓަކައި އެ އަހަރަކަށް ކަނޑައަޅާފައިވާ އުމުރުފުރާއަށް ފެތޭ ފަރާތްތައް ނަގާނ،ީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުންނެވެ.
އުސޫލުގެ ދަށުން ހައްޖަށް ދިއުމަށް ފުރުސަތު ލިބޭ ފަރާތްތައް ހައްޖަށް ފޮނުވުމަށްޓަކައި ހިނގާ ހަރަދު ހަމަޖައްސާނ،ީ ދައުލަތުގެ ބަޖެޓުން ނުވަތަ ޒަކާތު ފަންޑުން ނުވަތަ ހެޔޮއެދޭ ފަރާތްތަކުން ފޯރުކޮށްދޭ މާލީ އެހީތެރިކަމުން ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ހިލޭ ފަރުޟު ހައްޖަށް މީހުން ގެންދަން، މާލީ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ތަނަވަސްކޮށްދޭން ޖެހެއެވެ. އެގޮތަށް ލިބޭ ފައިސާ ޖަމާކުރަންވާނީ އިސްލާމިކް މިނިސްޓްރީގެ ކަމާ ގުޅުންހުރި ފަންޑަކަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ދައުލަތުގެ ހަރަދުގައި ފަރުޟު ހައްޖަށް ދިއުމަށް ހޮވޭ ފަރާތަކަށް އެއްވެސް ސަބަބަކާހުރެ ހައްޖަށް ނުދެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަމުގައި އަމަލުކުރާނެ ގޮތް ނިންމާނ،ީ އުސޫލުގެ ދަށުން ހަދާ ކޮމިޓީއަކުންނެވެ.
"ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ހައްޖަށް މީހުން ގެންދާނެ ގޮތުގެ އުސޫލު" އަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު