މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ދެވޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރަށް މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރުން ދިވެހި މަސްވެރިކަން ފުޅާކޮށް، ރާއްޖޭގެ އިގުތިސާދީ މުޅި ސަރަހައްދުގެ ނަފާ އެންމެ ފުރިހަމަ ގޮތުގައި ހޯދައި، މަސްވެރިކަމުގެ އާ ބާވަތްތައް ތައާރަފު ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން މަސްވެރި އުފެއްދުންތައް އިތުރުކޮށް، އެ އުފެއްދުންތައް ވިއްކޭނެ ބޭރުގެ ބާޒާރުތައް ގިނަ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރު ހިންގުމާ ހަވާލުވެވަޑައިގެންނެވި އިރު، ސަރުކާރު ކުންފުނިތަކުން މަސްވެރީންނަށް ނުދީ ހުރި ފައިސާގެ ތެރެއިން ސަރުކާރުން މިހާތަނަށް 329 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި ނުދެވި، ބާކީ ހުރި ފައިސާ ވީހާވެސް އަވަހަކަށް ދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

" ސަރުކާރުގެ އަމާޒަކީ ދުވަހުން ދުވަހަށް މަސްވެރީންނަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން. އިރާދަކުރެއްވިއްޔާ އެކަން ވަރަށް އަވަހަށް އަޅުގަނޑުމެން ކުރާނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެކުއަކަލްޗާ ދާއިރާއަށް ބޭނުންވާ ހުނަރު ޒުވާނުންނަށް ދަސްކޮށްދީ، ހެޗަރީތައް ބިނާކޮށް، ކަނޑުގެ ދިރުން އާލާކުރުމުގެ ގާބިލުކަން ރާއްޖޭގައި އުފެއްދުމަށްޓަކައި މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ނަމުގައި ސިލްސިލާ ތަމްރީނުތަކެއް މި މަހުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ.