ކަނބަލުން ވިޔަފާރި މައިދާނަށް ނެރުމަށް 100 މިލިއަން ރުފިޔާގެ ލޯނު އަންނަމަހު ދޫކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ވިޔަފާރި ފުޅާކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް މި އަހަރު ދެއްވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން އެފަދަ ވިޔަފާރިތަކަށް ބޭނުންވާނެ ލޯނު ދޫކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"ކަނބަލުން ވިޔަފާރި މައިދާނަށް ނެރުމަށް 100 މިލިއަން ރުފިޔާގެ ލޯނު ކުރިޔަށް މި އޮތް މާރިޗު މަހުގައި އިރާދަކުރެއްވިއްޔާ ދޫކުރަން ފަށާނަން. މީގެތެރެއިން 25 ޕަސެންޓް ހާއްސަ ކުރެވިގެންދާނީ ކަނބަލުންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އަންހެނުން އިގުތިސާދީ ގޮތުން ބާރުވެރިކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން "ހަމަހަމަކަން ކަށަވަރު" ނިޝާން ނުވަތަ "ޖެންޑާ އިކުއޭލިޓީ ސީލް"ގެ ނަމުގައި ނިޝާނެއް ތައާރަފުކޮށްފައިވާ ކަމަށެވެ.

އަންހެނުން ގޭގައި ތިބެގެން އުފައްދާ ތަކެތި ވިއްކުމަށް މަގު ފަހިކުރުމަށް ހުޅުމާލެއިން ވަކި ތަނެއް ހާއްސަކޮށް، އެމީހުންނަށް ކުޑަ ކުލީގައި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމާއި އަންހެނުން ވިޔަފާރީގެ ގޮތުން ބާރުވެރިކުރުވުމަށް ލޯނު ސްކީމެއް ތައާރަފު ކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅުތަކެކެވެ.