ޑްރޯން މެދުވެރިކޮށް އަތޮޅުތަކަށް ބޭހާއި ސިއްހީ ސާމާނު ފޮނުވުމުގެ ހިދުމަތް މި އަހަރު ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ރައީސް ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ ޑްރޯން ޑެލިވަރީ ސިސްޓަމް ތައާރަފުކުރުމަށް ބޭނުންވާ ރެގިއުލޭޓަރީ މަސައްކަތް ފަށައި، ޓެސްޓް ފްލައިޓުގެ ފުރަތަމަ ބުރު 19 ޖަނަވަރީ 2024ގައި ކާމިޔާބު ކަމާއެކީ ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.
"ވިޔަފާރި އުސޫލުން މި ހިދުމަތް ފެށުމުގެ ކުރިޔަށް ޑްރޯން ރެގިއުލޭޝަން މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައި. މި ޑްރޯން ޑެލިވެރީ ސިސްޓަމާ ގުޅިގެން އަތޮޅު ތެރެއަށް ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް ޑްރޯން މެދުވެރިކޮށް ފޯރުކޮށްދިނުމުގެ އިންތިޒާމު މިއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ހަމަޖެއްސިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ޖަޒީރާ ރަށްތަކެއްގެ މައްޗަށް ރާއްޖެ އެކުލެވިފައި އޮތްއޮތުމާއި ވަށައިގެން އޮތް މާކަނޑުގެ ބިޔަކަމާއެކު، ރާއްޖޭގެ އިގުތިސޯދު ވަރުގަދަކުރުމަށްޓަކައި އެންމެ އިސްކަންދޭންޖެހޭ އެއްކަމަކީ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރުން ކަމަށެވެ.
"މިހާރު ބިނާކުރަމުންދާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ މަސައްކަތް ނިންމަމުން ދިއުމުގެ އިތުރަށް، އާ ދެ އެއާޕޯޓްގެ މަސައްކަތް މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަށާނަން. އެންމެ ޒަމާނީ އެންމެ ރައްކައުތެރި ހެލިކޮޕްޓަރުގެ ހިދުމަތް ރާއްޖޭގައި ފެށުމަށް ދާދިމިދާކަށް ދުވަހު ކެބިނެޓުންވަނީ ނިންމައި، އެކަމާގުޅޭ މަސައްކަތް ފަށާފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއްގަމު ދަތުރުފަތުރުކުރާ ޓެކްސީތަކުގެ ހިދުމަތް ހަރުދަނާ ކުރާނެ ކަމަށާއި މިގޮތުން ރާއްޖޭގައި ޓެކްސީ ކުރުމުގެ ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ގައުމީ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އަދި މި ދަފްތަރު އެކުލަވާލާ އިރު، ޑިޖިޓަލް ޕޭމަންޓް ނިޒާމް އޭގެ ތެރެއިން ގާއިމް ކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް، ދުނިޔޭގެ ގިނަ މަންޒިލްތަކަށް އުދުހުމަށްޓަކައި އެކަމަށް އެކަށޭނަ ބިޔަ މަތިންދާ ބޯޓު ފަހަރު މިއަހަރު ގެންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު