ނޮވެމްބަރު 17 އިން ފެށިގެން ޝަރުއީ ދާއިރާ ހިނގަމުން ދަނީ ސަރުކާރުގެ ނުފޫޒެއް ނެތި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ހެނދުނު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"ޝަރުއީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނަން. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ގާނޫނީ ހުވައިކުރުމަށްފަހު، ގައުމާ މުހާތަބުކޮށް އަޅުގަނޑު ދެއްކި ވާހަކައިގައި، އެދުވަހުން ފެށިގެން، ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން ނިމުނީކަމުގައި ވާނީ ދަންނަވާފައި. އަޅުގަނޑުމެންގެ ސަރުކާރުން ހިފަހައްޓާނީ މި އުސޫލު،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަދަލުހިފުމުގެ ރޫހު ނުގެންގުޅުއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އަމަލުކުރައްވަމުންގެންދަވާ ކަމަށާއި ސިޔާސީގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ. އަދި ގައުމަށް ހަމަޖެހުން އަންނަން ޖެހޭ ކަމަށާއި އެގޮތަށް އެމަނިކުފާނުގެ ބަހާއި އަމަލު ސީދާ ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ނަމަވެސް ގާނޫނުގެ ވެރިކަން ކަށަވަރުކުރާނަން. އަދުލުވެރިކަމާއި އިންސާފު ދައުލަތުގައި ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރާނަން. ހަމައެއާ އެކު، ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނަން. އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅުވެސް އަޅުގަނޑު އަޅާނަން. 17 ނޮވެމްބަރު 2023ގެ ފަހުން ޝަރުއީ ދާއިރާ ހިނގަމުން އެދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަން އަޅުގަނޑު ސާބިތުކަމާއެކު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ޝަރުއީ ދާއިރާގެ ކަންކަމަށް ސިޔާސީ ނުފޫޒު ވަންނާނެ ފުރުސަތު ހަނިކުރުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތަށް ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލު ގެނައުމަށް ވެވަޑައިގެނެންވި ވައުދާ އެއްގޮތަށް މަޖިލީހަށް މި ސަރުކާރުން ހުށަހަޅާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.