ބަދަލުހިފުމުގެ ރޫހު ނުގެންގުޅުއްވާނެ ކަމަށާއި ސިޔާސީގޮތުން މީހުން ހައްޔަރުކޮށް އަދަބު ދިނުމަކީވެސް ނުކުރައްވާނެ ކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ކުރިއަށް ވަޑައިގަންނަވަނީ، ބަދަލުހިފުމުގެ ރޫހު ނުގެންގުޅުވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ކަމަށެވެ.

"ސިޔާސީ ގޮތުން މީހުން ހައްޔަރުކޮށް އަދަބުދިނުމަކީ އަޅުގަނޑު ނުކުރާނެ ކަމެއް. ގައުމަށް ހަމަޖެހުން އަންނަންޖެހޭ. އެ ރޮނގުން އަޅުގަނޑު ދެއްކި ވާހަކައާއި އެއްގޮތަށް އަޅުގަނޑުގެ ބަހާ އަމަލު ސީދާކުރާނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ގާނޫނުގެ ވެރިކަން ކަށަވަރު ކުރައްވައި، ދައުލަތުގައި އަދުލުވެރިކަމާއި އިންސާފު ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރައްވާނެ ކަމަށެވެ. އެއާއެކު ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި އެފަދަ ނުފޫޒެއް ސަރުކާރަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ފޯރުވާކަން އެނގިއްޖެނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އާދެ! 17 ނޮވެމްބަރު 2023ގެ ފަހުން ޝަރުއީ ދާއިރާ ހިނގަމުން އެ ދަނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަން އަޅުގަނޑު ސާބިތުކަމާއެކު ދަންނަވަން. ޝަރުއީ ދާއިރާގެ ކަންކަމަށް ސިޔާސީ ނުފޫޒު ވަންނާނެ ފުރުސަތު ހަނިކުރުމަށްޓަކައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލު ގެނައުމަށް އަޅުގަނޑު ވައުދުވީ ފަދައިން، މަޖިލީހަށް ސަރުކާރުން ހުށަހަޅާނަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، މި ފެށޭ މަޖިލީހުގެ ދައުރަށް ކަފާލާތުގެ ފުރިހަމަ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވާ ބިލާއި ޕްރިވެންޓިވް ހެލްތް ކެއާ ބިލާއި ނަފުސާނީ ދުޅަހެޔޮކަމާބެހޭ ބިލު އަދި ގެދޮރުވެރިކަމުގެ މިންގަނޑުތަކާބެހޭ ބިލެއް ހުށަހަޅަން ގަސްތު ކުރައްވާ ކަމަށެވެ.

"މީގެ އިތުރުން ޓްރެވެލް އެޖެންސީއާބެހޭ ބިލާއި ރިއަލްއެސްޓޭޓް ވިޔަފާރި ފުޅާކުރުމާ ބެހޭ ބިލާއި އާބަން ޕްލޭނިންއާ ބެހޭ ބިލް އަދި އާބަން ޑިވެލޮޕްމަންޓާއި ބެހޭ ބިލްވެސް ހިމެނޭ. ސޮވެރިން ޑިވެލޮޕްމަންޓް ފަންޑްއާ ބެހޭ ބިލާއި ލޭންޑް ރީއެޖެސްމަންޓާބެހޭ ބިލާއި ފްރީހޯލްޑް އަދި ލީސްހޯލްޑް އުސޫލުން ބިން ހޯދާ ލިބިގަތުމާބެހޭ ބިލުވެސް ހުށަހެޅުމަށް ވަނީ ނިންމާފައި. އަދި ކޮޕީރައިޓާ ގުޅޭ ހައްގުތަކުގެ ގާނޫނު އިސްލާހު ކުރުމަށް ބިލަކާއި ކޮންވޭޔަންސިން އާއި ބެހޭ ބައިތައް ހިމަނައިގެން ބިމާބެހޭ ގާނޫނު އިސްލާހުކުރުމަށް ބިލެއް ހުށަހަޅަން ގަސްދުކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކުގެ ތެރެއިން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު އިސްލާހުކުރުމުގެ ބިލު އަވަހަށް ފާސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.