ސަރުކާރުގެ ގިނަ އޮފީސްތައް ހިންގާނެ އިމާރާތެއް ހެދުމުގެ މަސައްކަތް ހުޅުމާލޭގައި މިއަހަރު ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް ދޭ ހިދުމަތްތަކާއި އިދާރީ ހިންގުން ތަރުތީބުކޮށް ޒަމާނީކުރުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާއި ކައުންސިލްތައް ބާރުވެރި ކުރުވުން ކަމަށެވެ.

"މާލެ ސިޓީގެ މުނިސިޕަލް ހުރިހާ ކަންކަން މާލެ ސިޓީ ކައުންސިލާ ހަވާލުނުކޮށް އޮތް އޮތުން، ނިމުމަކަށް ގެނަސް، އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ ނުވަ ހަފުތާ ތެރޭގައި އެކަންވާނީ ކޮށްފައި. ކައުންސިލްތަކުގެ އާމްދަނީ އިތުރުކޮށް ކައުންސިލްތައް ބާރުވެރިކުރުމަށް ސަރުކާރުން ކޮށްދެވޭން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. އަޅުގަނޑުމެން ސަރުކާރު ހިންގަން ބޭނުންވަނީ ކައުންސިލްތަކާ ގުޅިގެން، މަޝްވަރާ ކޮށްގެން، އެއްބާރުލުން ދީގެން،" ރައީސް ވިދާޅުވިއެވެ.

ހިދުމަތް ހޯދަންދާ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ސަރުކާރުގެ މުޅި ނިޒާމު ރާވާލަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ އިދާރާތައް ހިންގާނެ އޮފީސް ޖާގަ މަދުވުމަކީ ރަނގަޅަށް ހިދުމަތް ދިނުމުގައި މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. އެކަމަށް ހައްލު ހޯދުމަށްޓަކައި، ސަރުކާރުގެ ގިނަ އޮފީސްތައް ހިންގާނެ އެކަށީގެންވާ އިމާރާތެއް ހުޅުމާލޭގައި ގާއިމުކުރުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.

އަދި ރަށްރަށާއި ސިޓީތަކުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައިވެސް އެއްފުރާޅެއްގެ ދަށުން ގިނަ ހިދުމަތްތަކެއް ފަސޭހަ ކަމާއެކު ދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ދައުލަތް ހިންގުމުގެ ދެން އޮތް ދެ ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެމުން ގެންދާނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން. ޝަރުއީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނަން. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ގާނޫނީ ހުވައިކުރުމަށްފަހު، ގައުމާ މުހާތަބުކޮށް އަޅުގަނޑު ދެއްކި ވާހަކައިގާ، އެދުވަހުން ފެށިގެން، ސަރުކާރުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން ނިމުނީކަމުގައި ވާނީ ދަންނަވާފައި. އަޅުގަނޑުމެންގެ ސަރުކާރުން ހިފަހައްޓާނީ މި އުސޫލު،" ރައީސް ވިދާޅުވިއެވެ.