ގައުމުތަކުގެ މިނިވަންކަމަށް އަރައިގަތުމާއި ގަނާކުރުމާއި މަސްލަހަތު ނަގައިލުމާ އަބަދުވެސް ދެކޮޅު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ހާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އަސާސަކީ ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަމަށް އިހުތިރާމުކުރާ، ދިވެހީންނަށް އެހީތެރިކަމާ އެއްބާރުލުން ދޭ ކޮންމެ ގައުމަކާއެކުވެސް ގުޅުން ބަދަހިކޮށް، އެއްބައިވަންތަކަމާއެކު ކުރިއަށް ދިއުން ކަމަށެވެ.

އެގޮތުގެ މަތިން އަވަށްޓެރި ގައުމުތަކާއި ރާއްޖޭގެ ވިޔަފާރިއާއި ތަރައްގީގެ ބައިވެރީންގެ ގޮތުގައި ހިމެނޭ ގައުމުތަކާ އަދި ވަކީން ހާއްސަކޮށް އިސްލާމީ ގައުމުތަކާއެކު މި ދައުރުގައި އިތުރަށް ގުޅުން ބަދަހިކުރައްވާނެ ކަމަަށްވެސް ވިދާޅުވިއެވެ.

"އެއް ގައުމުން އަނެއް ގައުމުގެ މިނިވަންކަމަށް އަރައިގަތުމާއި އެއް ގައުމުން އަނެއް ގައުމަށް ގަނާކުރުމާއި ބައިނަލްއަގުވާމީ އާއްމު މަސްލަހަތު ނަގައިލުމާއި އަޅުގަނޑުމެން އަބަދުވެސް އިދިކޮޅު. ވަކީން ހާއްސަކޮށް އަޅުގަނޑުމެންގެ އުހުއްވަތްތެރި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ކުރަމުންދާ ލާއިންސާނީ އަނިޔާއާ ދެކޮޅަށް އަޑުއުފުލައި އެކަން ހުއްޓުވުމަށް ގަދައެޅުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެމި އޮންނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 17ގައި އެ މަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ޒިންމާއާ ހަވާލުވެވަޑައިގެންނެވި އިރު، ދިވެހި ރައްޔިތުންނަށް އެ މަނިކުފާނު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދަކީ ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ހިމާޔަތްކޮށްދޭނެކަމުގެ ވައުދު ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް، އަޅުގަނޑުމެންގެ ސަރުކާރަކަށް ކުރި ތާއީދަކީ، ރާއްޖޭގައި ތިބި ބޭރުގެ އަސްކަރީ ސިފައިން މި ފަސްގަނޑުން ފޮނުވައިލުމަށާއި ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާއި ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެ ގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލުމުގެ މައްޗަށް ކުރި ތާއީދަކާ ހިފި ބައިއަތެއް،" ރައީސް ވިދާޅުވިއެވެ.